އެޓާނީ ޖެނެރަލް

ފެނާއި ނަރުދަމާގެ ބިލެއް މަޖިލީހަށް ހުށައަޅަނީ

ފެނާއި ނަރުދަމާއާ ގުޅޭ ބިލެއް ތައްޔާރުކޮށް އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފި އެވެ.

އޭޖީ އޮފީހުން ބުނީ މިފަދަ ބިލެއް ހުށައެޅުމުގެ މަގްސަދަކީ ސިއްހީގޮތުން ރައްކާތެރި އަދި ބޭނުންކުރަން ކަމުދާ ސާފު ފެން ރައްޔިތުންނަށް ލިބިދޭކަން ކަށަވަރުކުރުމާއި، ލިބެންހުރި ފެނުގެ ވަސީލަތްތައް ބޭނުންކުރުމުގައި މިހާރުގެ ޖީލުތަކަށާއި، އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެގޮތަށް އެ ވަސީލަތްތައް ރައްކާތެރިކުރުމާއި، ހިމާޔަތްކުރުމާއި، ތަރައްގީކުރުމާއި، އޭގެ މަންފާ ފުރިހަމައަށް ލިބިދެވޭނެ ގޮތްތަކެއް ކަނޑައަޅައި ތަންފީޒުކުރުމަށް ކަމަށެވެ.

އަދި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެ ރަށަކާ އެކަށީގެންވާ މިންވަރެއްގެ ނަރުދަމާގެ ނިޒާމެއް ގާއިމުކޮށް، އެ ޚިދުމަތް ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭނެ ގޮތްތަކެއް ކަނޑައެޅުމާއި، އެކަން ކަށަވަރުކުރުމުގެ އިތުރުން ދިވެހިރާއްޖޭގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކާއި ތަންތަނާއި ސިނާއީ މަސައްކަތްކުރުމަށް ދޫކޮށްފައިވާ ރަށްރަށުގައާއި ތަންތަނުގައި އެތަނަކާ އެކަށީގެންވާ ގޮތެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތްތައް ލިބިދެވޭކަން ކަށަވަރުކުރުމަށް ކަމަށެވެ.

މީގެ އިތުރުން ފެނާއި ނަރުދަމާގެ ޚިދުމަތާއި، އެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ރެގިއުލޭޓުކޮށް ބެލެހެއްޓުމާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޒިންމާތައް ކަނޑައެޅުމާއި، ފެނުގެ ވަސީލަތްތަކަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ހުއްޓުވުމަށް ނުވަތަ ކުޑަކުރުމަށް، ދުރު ރާސްތާގެ ޕްލޭނެއް އެކުލަވާލައި އޭގެ ދަށުން މަސައްކަތްކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ބާރުއެޅުމުގެ އިތުރުން ފެނާއި ނަރުދަމާގެ ނިޒާމުތަކަށް ގަޞްދުގައި ދޭ ގެއްލުމުގެ ސަބަބުން ނުވަތަ ފެނާއި ނަރުދަމާގެ ނިޒާމު ހިންގާ ބެލެހެއްޓުމުގައި އިހުމާލުވުމުގެ ސަބަބުން ގެއްލުމާ ގުޅިގެން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުން ކަމަށެވެ.