ހަބަރު

އެމްޑަބްލިއުއެސްސީއިން ފިރިހެނުންގެ ދުވަސް ފާހަގަކޮށްފި

ބައިނަލް އަގްވާމީ ގޮތުން ފާހަގަ ކުރާ ފިރިހެނުންގެ ދުވަސް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ކުލަ ގަދަ ކޮށް ފާހަގަކޮށްފި އެވެ.

މި ރަސްމިއްޔާތުގައި ފިރިހެނުންގެ ދުވަހަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ކޭކު ފެޅުން އޮތެވެ. ކޭކު ފަޅައި ދެއްވީ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ. މި ރަސްމިއްޔާތުގައި އެ ކުންފުނީގެ ބޯޑު މެމްބަރުންނާއި އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާދަމް އާޒިމް ވިދާޅުވީ ފިރިހެނުންގެ ދުވަސް ފާހަގަކުރަމުން ދަނީ، އާއިލާތަކާއި، މުޖުތަމައުއަށާއި ދުނިޔެ އަށް ފިރިހެނުން ގެނެސްދޭ ކުރިއެރުމާއި ހެޔޮ ބަދަލުތައް ފާހަގަކޮށް އެކަމުގެ އަގު ވަޒަންކޮށް ފިރިހެނުންގެ ދުޅަ ހެޔޮކަމަށް ހޭލުންތެރި ކުރުމަށް ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑަބްލިއުއެސްސީ އަކީ ފިރިހެން މުވައްޒަފުންގެ ބޮޑު އާބާދީއެއް އޮތް ކުންފުންޏެއް ކަމަށްވެފައި އެ ކުންފުނީގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ފަރުދާގެ ފަހަތުގައި ކުރެވުމުންދާ ގިނަ ގުނަ މަސައްކަތްތަކުގައި އެކި ފަންތީގެ ފިރިހެން މުވައްޒަފުން ކުރަމުން ގެންދާ މަސައްކަތް ފާހަގަ ކުރެވޭ ކަމަށެވެ.

ފިރިހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެމްޑަބްލިއުއެސްސީގެ ފިރިހެން މުވައްޒަފުންގެ އަގު ވަޒަންކުރުމަށް އެ ކުންފުންޏާއި އޭޑީކޭއާއި ގުޅިގެން ހާއްސަ މެޑިކަލް ޗެކަޕް ހެދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.

މި ރަސްމިއްޔާތު ނިންމާލާފައިވަނީ މިއަދުގެ މުނާސަބަތުގައި އެކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ބޭއްވިގެންދިޔަ ހާއްސަ ހެނދުނުގެ ނާސްތާއަކުންނެވެ.