ބޮލީވުޑް

ފިލްމު ކުޅުނަސް ޓީވީގެ މަސައްކަތް މޯނީ ދޫކޮށެއް ނުލާނެ

ޓީވީގައި މަސައްކަތްކުރާ އޭނާގެ ވާދަވެރިން ފަދައިން މޯނީ ރޯއީގެ ވެސް ހުވަފެނަކީ ބޮޑު ސްކްރީން ފިލްމުތަކުން ވިދާލުމެވެ. އެގޮތުން ފިލްމަކުން ރަނގަޅު ފުރުސަތެއް ލިބެން މޯނީ އަށް ނުވަ އަހަރު ދުވަސް ނެގި އެވެ. މި ދިގު މުއްދަތުގައި ވަރަށް ކުދިކުދި ރޯލުތައް މަދު ފިލްމަކުން ލިބުނު ނަމަވެސް އެކަށީގެންވާ ފުރުސަތެއް އޭނާއަށް ލިބިފައެއް ނެތެވެ.

މޯނީ ބޮލީވުޑަށް އެކަށީގެންވާ ގޮތެއްގައި ތައާރަފްވުމުގެ ފުރުސަތު ލިބުނީ އަކްޝޭ ކުމާޜުގެ "ގޯލްޑް" އިންނެވެ. މިދިޔަ އަހަރު ނުކުތް މި ފިލްމަށް ފަހު "މޭޑް އިން ޗައިނާ" އާއި "ރޯމިއޯ އަކްބަރް ވޯލްޓާ" ކުޅުމުގެ ފުރުސަތު މޯނީ އަށް ލިބުނެވެ.

މޯނީ އަކީ އިންޑިއާގެ ސިލްސިލާތައް ބަލާ މީހުންގެ މެދުގައި ވަރަށް މަގްބޫލު ބަތަލާ އެކެވެ. ބޮޑު ސްކްރީން ފިލްމުތަކުން މޯނީ އަށް ފުރުސަތު ލިބުނީ ވެސް ޓީވީގެ ދުނިޔޭގައި އޭނާއަށް ލިބިފައިވާ މަޝްހޫރުކަމުންނެވެ. މޯނީ ބުނި ގޮތުގައި ޓީވީ އެކްޓަރަކަށް ވީތީ އޭނާ ފަޚުރުވެރި ވެއެވެ. އެހެންވެ ފިލްމު ކުޅުނަސް ޓީވީގެ މަސައްކަތް ހުއްޓާ ނުލާ ކުރިޔަށް ގެންދާނެ އެވެ.

"އަހަންނަށް ލިބިފައިވާ ހުރިހާ ފައިސާ އަކާއި މަގްބޫލުކަމަކީ ޓީވީން ލިބުނު އެއްޗެހި. އެހެންވީމާ ދުވަހެއްގެ ކޮޅުން ވެސް ޓީވީ ދޫކޮށްލުމުގެ ވިސްނުމެއް ނެތް،" މޯނީ ބުންޏެވެ.

ނަމަވެސް ޓީވީން ދައްކާ މާ ގިނަ ދުވަސްތަކަށް ދެމިގެންދާ ސިލްސިލާތަކުގައި މޯނީ ބައިވެރިއެއް ނުވާނެ އެވެ. އޭނާ ބުނީ ކުރު ޑްރާމާތަކުގައި ބައިވެރިވިޔަސް އެތައް އަހަރަކަށް ދެމިގެންދާ ސިލްސިލާތައް އޭނާ ދެން ނުކުޅޭނެ ކަމަށެވެ. ސަބަބަކީ ފިލްމުތަކުން ވެސް އެކަށީގެންވާ ފުރުސަތުތައް ލިބެމުން ދިއުމާއެކު ސިލްސިލާއެއް ކުޅޭނަމަ ފިލްމު ކުޅޭނެ ވަގުތު ނުވާނެތީ އެވެ.

ފިލްމުތަކުން ފުރުސަތު ލިބުނަސް މޯނީގެ ފޭނުންގެ ޝަކުވާއަކީ ޓީވީގައި އޭނާ ކުޅެފައިވާ ކަހަލަ ރަނގަޅު ރޯލުތައް އަދިވެސް ފިލްމުތަކުން އޭނާއަށް ނުލިބޭ ކަމެވެ. އޭނާ މިހާތަނަށް ކުޅުނު އެއްވެސް ފިލްމެއްގައި އޭނާގެ ރޯލު އެހާ ރަނގަޅު ނޫން ކަމެވެ.

މޯނީ ބުނީ އޭނާ މިހާރު ކުޅެމުންދާ "ބްރަހްމަޝްތުރާ" ރިލީޒްވުމުން ފޭނުންގެ ޝަކުވާތަކަށް ނިމުމެއް އަންނާނެކަމަށް އުންމީދުކުރާ ކަމަށެވެ. ރަންބީރު ކަޕޫރާއި، އާލިއާ ބަޓް އަދި އަމީތާބު ބައްޗަން ވެސް ބައިވެރިވާ މި ސުޕަހީރޯ ފިލްމުގައި މޯނީ ކުޅެނީ ނުބައި ބައެވެ.