ދަރިވަރުންގެ އާބާދީ ކުދި ސްކޫލްތަކަށް އަމާޒުކޮށް ފަންނީ އެހީތެރިކަން ދިނުމުގެ ޕްރޮގްރާމެއް ބާއްވައި ސްކޫލްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި ޕްރޮގްރާމްގެ ބައިވެރިންނަށް ހަނދާނީ ލިޔުން މިރޭ ހަވާލު ކޮށްދީފި އެވެ.
ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަން އިން މި އަހަރުގެ ޖުލައި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި އާބާދީ ކުދި 30 ސްކޫލަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. އެ ގޮތުން ޖުމުލަ 609 ޓީޗަރުންނަށާއި 2608 ދަރިވަރުންގެ އިތުރުން 1486 ބެލެނިވެރިން އެ ދާއިރާއަށް އަހުލުވެރި ކޮށްފައިވެ އެވެ.
އެ ޕްރޮގްރާމް ކުރިއަށް ގޮސްފައި ވަނީ މާލޭގެ ބައެއް ސްކޫލްތަކުގެ އިސް ޓީޗަރުންގެ އެއްބާރުލުމާ އެކުގަ އެވެ. އެއީ އިމާދުއްދީން ސްކޫލް، ގާޒީ ސްކޫލް، އަމީނިއްޔާ ސްކޫލް، ތާޖުއްދީން ސްކޫލް، މުހްޔިއްދީން ސްކޫލް، އަދި ޖަމާލުއްދީން ސްކޫލް އެވެ. އަދި އޭގެ އިތުރަށް އައްޑޫގައި ހުންނަ ޝަރަފުއްދީން ސްކޫލްގެ އިސް ޓީޗަރުން ވެސް އެ ޕްރޮގްރާމްގައި ބައިވެރިވި އެވެ.
އާބާދީ ކުދި ސްކޫލްތަކަށް އަމާޒު ކުރި ޕްރޮގްރާމް ނިންމާލުމުގެ ގޮތުން މިރޭ ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި އެ ޕްރޮގްރާމްގެ ބައިވެރިންގެ އަގު ވަޒަން ކުރުމަށް ހަނދާނީ ލިޔުން ވަނީ ހަވާލުކޮށްދެއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަންގެ ޑިރެކްޓާ ޖެނެރަލް އަހްމަދު އަތީފް ބައިވެރިވެވަޑައިގެންނެވި އެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިޕާޓްމަންޓްގެ ޑިރެކްޓާ އަހްމަދު އަތީފް ވިދާޅުވީ އާ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން އެ ޑިޕާޓްމަންޓް އުފައްދައި މަސައްކަތްތައް ހަވާލު ކުރެވުނުއިރު އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވީ ވެސް ސްކޫލްތަކުގެ ހާލަތު އޮތް ގޮތް ކަމަށެވެ. ނަމަވެސް މިރެއާ ހަމައަށް ކާމިޔާބު ކަމާ އެކު ޑިޕާޓްމަންޓްގެ މަސައްކަތް ކުރިއަށް ގެންދެވުނު ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"މި އަހަރަށް އަޅުގަނޑުމެން މަސައްކަތްތައް ތާވަލު ކުރިއިރު އެންމެ ބޮޑު ގޮންޖެހުމަކަށް އޮތީ ވެސް ސްކޫލްތަކުގެ ހާލަތު އެ އޮތް ގޮތް. އެހެންވެ މި ސްކޫލްތަކަށް އެހީތެރިކަން ދިނުމުގެ މި ޕްރޮގްރާމް މި އުފަންވީ ވެސް. އަޅުގަނޑު ބޭނުމެއް ނޫން ކުދި ސްކޫލްތަކޭ ކިޔަން ވެސް. އެންމެ އެހީތެރިކަން ދޭން ޖެހޭނެ ސްކޫލްތައް މިއީ،" އާތިފް ވިދާޅުވި އެވެ.
އާތިފް އިތުރަށް ވިދާޅުވީ ސްކޫލްތަކަށް ފަންނީ އެހީތެރިކަން ދިނުމުގެ ޕްރޮގްރާމް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށް ގޮސް ނިންމާލެވުނީ ސްކޫލްތަކަށް ވަޑައިގެންނެވި ޓީޗަރުންގެ ވަފުދުގެ ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މޫސުން ގޯސް ދުވަސްތަކުގައި ވެސް ރަށްރަށަށް ވަޑައިގެން ފޫހި ކަމެެއް ނެތި ސެޝަންތައް ފުރިހަމަ ކުރުމުގައި އެ ޓީޗަރުން އުޅުއްވި އެވެ.
ކުރިއަށް އޮތް ތަނުގައި ވެސް ދަރިވަރުންގެ އާބާދީ ކުދި އަދި ވަސީލަތްތައް މަދު ސްކޫލްތަކަށް އަމާޒުކޮށްގެން އެފަދަ ޕްރޮގްރާމްތައް ހިންގުމަށް ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަން އިން އިންތިޒާމް ކުރަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.