ހަބަރު

ސްކޫލް އުމްރާނީ ތަރައްގީއަށް އެންމެ ބޮޑު ހޭދައެއް މިއަހަރު

ސްކޫލްތަކުގެ އުމްރާނީ ތަރައްގީއަށް އެންމެ ބޮޑު ހޭދައެއް ކުރީ މިއަހަރު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ދިރާސީ އަހަރު ނިމުމާ ގުޅިގެން މިނިސްޓަރު ފޮނުއްވި މެސެޖުގައި ވިދާޅުވެފައި ވަނީ ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ލަނޑުދަނޑިތައް މިއަހަރުގެ ތެރޭގައި ހާސިލްވި ކަމަށެވެ. އެގޮތުން އެއް އަހަރެއްގެ ތެރޭގައި ސްކޫލްތަކުގެ އުމްރާނީ ތަރައްގީއަށް އެންމެ ބޮޑު ހޭދައެއް ކުރީ މިއަހަރު ކަމަށް އެކަމަނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސްކޫލްތަކުގެ މުވައްޒަފުންގެ އިލްމީ ގާބިލްކަން އިތުރުކޮށް ފަންނީ ހުނަރު ތަރައްގީ ކުރަން ގިނަ ޕްރޮގްރާމްތަކެއް މިއަހަރުގެ ތެރޭގައި ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެ ޕްރޮގްރާމްތަކުގެ ސަބަބުން ދަރިވަރުންނަށް ގިނަ ފައިދާތަކެއް ލިބުނު ކަމަށެވެ.

މި ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގައި ހިމެނޭ ސްކޫލްކުދިންގެ ނާސްތާ ޕްރޮގްރާމް ކާމިޔާބު ކަމާއެކު ހުރިހާ ސްކޫލެއްގައި މިއަހަރު ކުރިއަށް ގެންގޮސްފައިވާ ކަމަށް އިޝާރާތް ކުރައްވާ އެކަމަނާ ވިދާޅުވީ އެ ޕްރޮގްރާމްގެ ސަބަބުން ދަރިވަރުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮ ކަމަށް ހެޔޮބަދަލު އައިސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ސްކޫލްތަކުގައި ބުލީ ކުރުން ހުއްޓުވަން އެކުލަވާލާފައިވާ ސިޔާސަތު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ތަންފީޒްކޮށް ހެޔޮބަދަލު ފެންނަ ކަމަށެވެ.

".... މިއަހަރަކީ ހުރިހާ ކުދިން ޝާމިލް ކޮށްގެން ކިޔަވައި ދިނުމުގެ ސިޔާސަތުގެ ދަށުން، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމީ ނިޒާމުގެ ތެރެއިން ފަހި ފުރުސަތުތަކެއް ހޯދައިދީ، ފާހަގަ ކުރެވޭ ކާމިޔާބީތަކެއް ހާސިލްކުރެވުނު އަހަރެއް." މިނިސްޓަރު ވިދާޅުވި އެވެ.