ދުނިޔެ

ބޮޑު ވަޒީރުކަމަށް މަހިންދަ: ލަންކާގެ ވެރިކަމުގައި ދެ ބެއިން

Nov 21, 2019
1

ކޮލަމްބޯ (ނޮވެމްބަރު 21) - ސްރީލަންކާގެ ބޮޑު ވަޒީރު ކަމުގެ ހުވާ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ދާދި ދެންމެއަކު ކުރައްވައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބު މަހިންދަގެ ކޮއްކޯފުޅު ގޮތަބަޔަ ރާޖަޕަކްސަ ކާމިޔާބު ކުރައްވާފައިވާއިރު، ބޮޑު ވަޒީރުކަމަށް މަހިންދަ ވަޑައިގެންނެވުމާއެކު މިއީ ލަންކާގެ ތާރީހުގައި އެގައުމުގެ ވެރިކަމުގައި ދެބެއިން ތިއްބަވާ ފުރަތަމަ ފަހަރެވެ.

ގޮތަބަޔައަށް ވަގުތީ ސަރުކާރެއް އެކުލަވާލަން ފުރުސަތު ދިނުމުގެ ގޮތުން ލަންކާގެ ބޮޑު ވަޒީރުގެ މަގާމުން ރަނިލް ވިކްރަމަސިންހަ އިއްޔެ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

އާއްމު އިންތިހާބެއް ބޭއްވެންދެން ގޮތަބަޔަ ވަނީ 15 މެންބަރުން ހިމެނޭ ވަގުތީ ކެބިނެޓެއް އެކުލަވާލަން ނިންމަވައިފަ އެވެ. ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ޕާލަމެންޓް އުވާލުމަށް ފަހު އާ އިންތިހާބެއް ބޭއްވޭނީ އަންނަ އަހަރުގެ މާޗު މަހު އެވެ.

ލަންކާގައި 26 އަހަރަށް ދިގު ދެމިގެންދިޔަ ދާހިލީ ހަނގުރާމަ ކާމިޔާބުކުރިއިރު، އޭރު ރައީސް ކަމުގައި މަހިންދަ ހުންނެވިއިރު، ތަމަޅަ ޓައިގަރުން ބަލި ކުރުމުގައި އެމަނިކުފާނުގެ ޑިފެންސް ސެކްރެޓަރީ ކަމުގައި ހުންނެވި ގޮތަބަޔަ ވަނީ އިސް ދައުރެއް އަދާކުރައްވައިފަ އެވެ.

ނަމަވެސް، ހަނގުރާމައިގެ ފަހު ދުވަސް ކޮޅު، ލަންކާ ސިފައިން އާންމުންނާ ދެކޮޅަށް އިންސާނިއްޔަތާ ހިލާފު ބޮޑެތި ޖަރީމާތައް ހިންގާފައިކަމުގެ ތުހުމަތުތައް ގޮތަބަޔައަށް ވެސް ވަނީ އަމާޒުވެފަ އެވެ.