ލައިފްސްޓައިލް

އުފާވެރި ހަޔާތަކަށް ހިތް އެދޭނަމަ ކުރަންޖެހޭ ކަންތަކުގެ ލިސްޓެއް

Aug 21, 2015

އެންމެ އުފާވެރި މީހުންނަކީ މީހުން އެންމެ ވަގުތު ހޭދަކުރަން ބޭނުންވާ މީހުންނެވެ. އެއީ އުފާވެރި މީހުންނާއި އެއްކޮށް އުޅުމުން އެމީހުންގެ މާޔޫސްކަން ވަޔާގޮސް ހަނދާން ނެތޭތީއެވެ. ދުނިޔޭގެ ބުރަ އަބަދު ކޮނޑަށް ލައިގެން އުޅެން ބޭނުންވާނީވެސް ކާކު ހެއްޔެވެ؟ އެކަހަލަ މީހުން އުޅެން ޖެހޭނީ މުޅި އުމުރިގައި ބޭކާރު ކަންކަމާއި ދޭތެރޭ ވިސްނާ ފިކުރުކުރަންށެވެ. އަބަދު ހިނިތުންވެފައި ހުންނަން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟

* އުފާވެރި ހަޔާތެއް އެދޭނަމަ އެންމެ ފުރަތަމަ އެހެންމީހުން ތިމާއާއި ދޭތެރޭ ދެކޭގޮތް ހަނދާން ނައްތާލާށެވެ. އަމިއްލަ ބެރަށް ނަށާށެވެ. ތިމާ ކިތައްމެ ރަނގަޅަށް ކަމެއް ކޮށްދިން ކަމުގައިވިޔަސް އެކަމެއް ހަނދާން ނުހުންނަތާ އެެއީ ރަނގަޅު ކަމެއް ކަމުގައި ގިނަ މީހުންނެއް ނުވެސް ބަލާނެއެވެ. ދެރަކަމަކަށް ވިޔަސް އެއީ މުޖްތަމައުގެ ކަންތައް ހިނގާގޮތެވެ. އެކަމާއި މާބޮޑަށް ވިސްނާނަމަ ދުވަހަކުވެސް ތިމާ ބޭނުންކަމެއް އޮންނާނީ ނުވެފައެވެ. އެންމެފަހުން އެކަމާއި ހިތާމަކުރާނީވެސް ތިމާ އެކަންޏެވެ.

* ދެވަނަ ކަމަކީ އިހުގައި ތިމާގެ އަތުން ކުރެވިފައި ހުރި ކުށްތަކާއި މެދު ވިސްނާ ފިކުރުކުރުމެވެ. ކިތައްމެ ގިނައިން ވިސްނާ ދެރަވިޔަސް އެކަން އެއޮތީ ވެ ނިމިފައެވެ. ބަދަލެއް ނުކުރެވޭނެއެވެ. ބަދަލު ކުރަން ބޭނުންނަމަ ޓަައިމް މެޝިނެއް ހަދާށެވެ. ކުރީގެ ކަންކަމާއި ހެދި މޮޔަގޮވާފަ ހުރުމުން އަތުގައި މިހާރު އޮތްއެއްޗެއްވެސް ބީވެގެން ދާނެއެވެ. ކުށް ނުކުރެވޭނެ މީހެއް ނޫޅޭނެއެވެ. އެހެން މީހުންނަށް މައާފް ކުރާހެން އަމިއްލަ މީހާއަށްވެސް މައާފް ކުރަން ދަސްކުރާށެވެ.

* ފެއިލް ވުމަށް ބިރުގަތުމަކީ އުފާވެރި ހަޔާތަކަށް އެދޭނަމަ ހަނދާން ނައްތާލަން ޖެހޭ ކަމެކެވެ. އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭ އެއްކަމަކީ އުސްގަނޑަކަށް އެރޭނީ އަޑިގަނޑަކަށް ފަހުގައި ކަމެވެ. ތިމާ އަމިއްލައަށް ތެދުވެ ގައިން ބިރު ފޮހެލާ އުއްމީދުކުރުން ހުއްޓާނުލާށެވެ. އުއްމީދަކީ ހަޔާތުގައި ވަރަށް މުހިއްމު އެއްޗެކެވެ. ނާކާމިޔާބީއަކީ ތިމާގެ އެކުވެރިޔެއް ގޮތުގައި ދެކި އެއީ ހަމައެކަނި ތިމާއަށް ކުރިމަތިވާ ކަމެއް ކަމުގައި ނުދެކޭށެވެ. އަތުގައި ނެތް އެއްޗަކާއ ހެދި ދެރަވުމަށްވުރެ މިހާރު ހާސިލުކުރެވިފައި ހުރި ކާމިޔާބާއި ދޭތެރޭ އުފާކުރާށެވެ.  ހާސިލް ނުކުރެވޭނަމަ އިތުރު މަގެއް ހޯދާށެވެ.

* ފަހުން ވާނެ ގޮތެއް އެއްވެސް މީހަކަށް ނޭނގޭނެއެވެ. މިހާރު މިހެން ކަންތައް ކޮށްފިނަމަ ފަހުން ވާނީ ކިހިނެތް ބާވައޭ ސުވާލުކޮށް ކުރަން އުޅޭ ކަމަކަށް ހުރަސް އެޅެއެވެ. އެވަގުތު ކުރަން އުޅޭ ކަމެއް ރަނގަޅުވާނެ ހެން ހީވާނަމަ އެކަމެއް ކުރާށެވެ. ތިމާ އުފާވާނީ ވަކި ކަމެއް ވީމައޭ ހިތުލައިގެން ހުރެފިނަމަ އުފާވާނެ ހެއްޔެވެ؟ އެބުނާ އުފަލަކީ ލިބޭނެ އެއްޗެއް ކަމެއް، ލިބޭނެ ނަމަ ލިބެނީ ކޮން ދުވަހަކުކަން އެނގޭނެ ހެއްޔެވެ؟

* އަމިއްލަ މީހާއަށް ހަޔާތުގައި އާދެވިފައި ހުރީ ކިހާ ހިސާބަކަށް ހެއްޔެވެ؟ އެއާއި ދޭތެރޭ ހިތްހަމަ ޖެހޭ ހެއްޔެވެ؟ ކިތައްމެ ކުޑަ އެއްޗެއް ނަމަވެސް އެކަމެއް އަމިއްލަ މަސައްކަތުން ހާސިލު ކުރެވިފައިވާ ނަމަ އެއީ ވަަރަށް ބޮޑު "އެޗީވްމެންޓް' އެކެވެ. އެކުގައި އުޅޭމީހުންނަށް އެއީ އެހާ ފުރިހަމަ ކަމެއް ގޮތުގައި ނުދެކިފާނެއެވެ. އެކަމަކު އެއާއި ހެދި ތިމާގެ ހިނިތުންވުން ފަނޑުވެ، އުއްމީދުތަކެއް މުގުރާލެވޭނަމަ އަބަދުވެސް ތިމާ އާއި އުފާވެރިކަމުގެ މެދުގައި ކޮންމެވެސް މީހަކު ހުންނާނެއެވެ.