ފިނިޕޭޖް

މެޑަމް ޓުސޭޑްސްގައި ބެހެއްޓި ނިކީ މިނާޖުގެ ބުދުގެ ސެކިއުރިޓީ ވަރުގަދަކުރަން ޖެހިއްޖެ!

ނިކީ މިނާޖު ދަންނަނީ ކިހިނެތް ހެއްޔެވެ؟ އޭނާގެ މަޝްހޫރު ލަވަތަކަށް ހެއްޔެވެ؟ ނުވަތަ ވީޑިއޯ ލަވަތަކުގައި އެ ޖައްސާ ވައްތަރަށާއި އޭނާގެ "ބަރަހަނާ ކޮލިޓީ" އަށް ހެއްޔެވެ؟

ކޮންމެއަކަސް ޓްރިނިޑާޑަށް އުފަން އެމެރިކާގެ މި ލަވަކިޔުންތެރިޔާ އަށް މި ވަނީ އަނެއްކާވެސް އެތައް ބައެއްގެ ސަމާލުކަން ލިބިފަ އެވެ. އިހަކަށް ދުވަހު ސޯޝަލް މީޑިއާގައި ޓޭލާ ސްވިފްޓަށް ކެއްސެއް ދީގެން ވެސް ފަލަ ސުރުހީތައް އަތުލި އެވެ.

މިފަހަރު ވެގެން އުޅޭ ގޮތަކީ މި ރެޕާގެ ވެކްސް ބުދެއް ލަސް ވޭގަސްގެ މެޑަމް ޓުސޭޑްސް މައުރަޒުގައި ބެހެއްޓުމާ އެކު މި ބުދަކާ ގައިގޯޅިވާން އުޅޭ މީހުންތައް ކޮންޓްރޯލްކުރުމަށް އެތަނުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަން ޖެހުނީ އެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ.

މެޑަމް ޓުސޭޑްސްގައި ބެހެއްޓި ނިކީގެ ބުދަކީ އޭނާގެ އެންމެ މަޝްހޫރު މިއުޒިކް ވީޑިއޯ "އެނަކޮންޑާ" އިން އިންސްޕަޔާވެގެން އުފައްދާފައިވާ ބުދެކެވެ. މެޑަމް ޓުސޭޑްސްގައި ވެސް ނިކީ އޮތީ ވީޑިއޯގައި ވެސް ފެންނަ ގޮތަށް ކުރު ހެދުން ލައިގެން އޭނާގެ ބިޔަ ބުޑު ނިކަން ރަނގަޅަށް ހާމަކޮށްލައިގެންނެވެ.

މިހެން އޮތުމުން މި މައުރަޒަށް ޒިޔާރަތްކުރާ ބައެއް މީހުން ހަދަން ފެށި ގޮތަކީ ނިކީ މިނާޖުގެ މި ބުދާއެކު ފޮޓޯ ނަގައި އާންމުކުރަން ފެށީ އެވެ. ނިކީ އޮތް ޕޯޒްއަށް ބަލާއިރު އޭނާއާ އެކު ނަގާފައި ހުރި ފޮޓޯތައް ބަލާކަށް އެހާ ރީއްޗެއް ނުވާނެކަން އެނގެ އެވެ.

މި ބުދާ އެކު "ގުޅުން ހިނގާ ވައްތަރު ޖައްސައިގެން ތިބެ" ނަގާފައިވާ ފޮޓޯތަކެއް އާންމުވުމާ ގުޅިގެން އެކަން ކުށްވެރިކޮށް މެޑަމް ޓުސޭޑްސް އިން ބަޔާނެއް ނެރެފައިވާއިރު މި ބުދު ކައިރީގައި އިތުރު ސެކިއުރިޓީން ބޭތިއްބުމަށް މިހާރު ވަނީ ނިންމައިފަ އެވެ. އަދި އޭގެ ޑިޒައިން ވެސް ބަދަލުކުރާނެ ކަމަށް ބުނެފައިވެ އެވެ.

މެޑަމް ޓުސޭޑްސްގައި ނިކީ މިނާޖުގެ ބުދު "އޭގެ ހަތަރެސް ފައި ޖަހައިގެން ބުޑު ދިއްކޮށްލައިގެން އޮންނަ" ކަހަލަ ގޮތަކަށް ބަހައްޓާފައި ވާތީ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އެޒެއިލިއާ ބޭންކް ވަނީ މިކަމަކަށް ފާޑު ވެސް ކިޔައިފަ އެވެ.

އޭނާ ބުނެފައި ވަނީ ހަތަރެސް ފައި ޖަހައިގެން އޮންނަ މީހެއްގެ ގޮތުގައި ނިކީ މެޑަމް ޓުސޭޑްސްގައި ދައްކާލަން ބެހެއްޓުމަށް ވުރެ އޭނާގެ ބުދު ކޮޅަށް ބަހައްޓައި އަތަށް މައިކެއް ދީފައި ހުރި ނަމަ މާ ރަނގަޅުވީސް ކަމަށެވެ.

ނިކީ މިނާޖު އަކީ 2007 ވަނަ އަހަރާއި 2009 ވަނަ އަހަރާ ދެމެދު އާންމުކުރި ލަވަތަކެއްގެ ތެރެއިން މިއުޒިކް ދުނިޔޭގެ ސަމާލުކަން ހޯދި ލަވަކިޔުންތެރިއެކެވެ. އޭނާގެ ފުރަތަމަ އަލްބަމް "ޕިންކީ ފްރައިޑޭ" ނެރުނީ 2010 ވަނަ އަހަރު އެވެ.