ހަބަރު

ސަލާމަތީ ބާރުތައް އަނދިރި ދައުލަތާ އަނެއްކާވެސް ގުޅުވައިފި

Nov 24, 2019
4

ރާއްޖޭގައި ދީނީ ހަރުކަށި ފިކުރުގެ ފަލްސަފާގެ މައްޗަށް އުފެދިފައިވާ އަނދިރި ދައުލަތަށް ސަލާމަތީ ބާރުތައް ލެބެން ފަށާފައިވާކަމަށް ވިދާޅުވެ، ފުލުހުންނާއި ސިފައިންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

ތ. އަތޮޅާއި ލ. އަތޮޅުގެ ޖުޑީޝަލް ދާއިރާއަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ކުޑަކުދިންގެ ހައްގުތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމާ ބެހޭ ސެމިނާރު އިފްތިހާހުކޮށް ދެއްވަމުން ނަޝީދު ވިދާޅުވީ އަނދިރި ދައުލަތެއްގެ ތެރެއިން ދިވެހީންގެ ހިތްތަކާ ބީރަށްޓެހި ފަލްސަފާއެއް ފެތުރެން ފަށާފައިވާ ކަމަށެވެ.

އަދި ސަލާމަތީ ބާރުތައް ހިމެނޭ ގޮތަށް ރާއްޖޭގައި އަމުރު މައުރޫފު ހިންގާ މީހުންގެ ތެރެއަށްވެސް އެ ފަލްސަފާ ފެތުރި، އެ ފިކުރަށް ލެނބެން ފަށާފައިވާކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް މިހާރު މި ފެންނަނީ އަނދިރި ދައުލަތެއްގެ ތެރެއިން އެހެން ނިޒާމަކަށް މަސައްކަތް ކުރާ މަންޒަރު. އެ ބަޔަކު މި ވާދަކުރަނީ އަޅުގަނޑުމެންގެ ނިޒާމާ. ވިސްނައި މިދެނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށްފައިވާ ގާނޫނުތައް ނުދެމެހެއްޓުން އެންމެ ރަނގަޅޭ. ދިފާއީ ބާރާއި ފުލުހުންގެ ތެރޭގައި މި ފެންނަނީ އެފަދަ މައްސަލަތަކަށް އަޅާނުލާކަން. ވަރިހަމަކޮށްލައިގެން ތިބޭތަން،" ނަޝީދު ތުހުމަތު ކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ކުޑަކުދީންގެ ހައްގުތައް ރައްކާތެރި ނުކުރެވެނީ އެކަމަށް ބޭނުންވާ ގާނޫނުތައް ނެތިގެން ނޫން ކަމަށާއި، ގާނޫނުތައް ތަންފީޒު ކުރަން ތިބޭ މީހުންގެ ތެރެއިން ބަޔެއްގެ އިހުމާލުން ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ މުޅީން އާ ފަލްސަފާއެއް، ފިކުރެއް، ހިޔާލާތެއް. ދިވެހިން އުޅެންޖެހޭގޮތް ބަދަލުކުރަން ބަޔަކު ނުކުމެއްޖެ. އެހެންވީމާ މިހާރު ކުރަމުންމިދަނީ ފިކުރީ ހަނގުރާމައެއް. ގާނޫނެއް ލިޔެގެން މިކަމެއް ނުވާނެ. ގާނޫނު ތަންފީޒު ކުރަންތިބޭ މީހުން އެފަދަ މައްސަލަތައް ނުބައްލަވާ ދޫކޮށްލަވާނީ. ސަލާމަތީ ބާރުތައްވެސް އަނެއް ފަލްސަފާއަށް ލެބެން ފަށައިފި،" ނިދީން ހޭލައިގެން އެކަން ނުހުއްޓުވައިފިނަމަ، ދިވެހީން އެދޭ ކުރިއެރުމާއި ތަރައްގީ ނުގެނެވޭކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

ޖިހާދުގެ ނަމުގައި ބޭރުގައި ކުރާ ހަނގުރާމަތަކަށް ދިވެހިން ރެކްރޫޓުކޮށް ފޮނުވުމުގައި ސަލާމަތީ ބާރުތަކުގެ ތެރެއިން ބަޔަކު ހަރަކާތްތެރިވާކަމަށް ނަޝީދު މީގެ ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ.