އެމްޑީޕީ

އަސްލަމް ޝަކުވާ ހުށައަޅާފައިވަނިކޮށް ވަގުތީ ނަތީޖާ އިއުލާނުކޮށްފި

ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ލީޑަޝިޕް ހޮވަން ހުކުރު ދުވަހު ބޭއްވި އިންތިހާބު ގަބޫލުނުކުރާ ކަމަށް އެޕާޓީގެ ނާއިބް ރައީސް ކަމަށް ކުރިމަތިލެއްވި މުހައްމަދު އަސްލަމް ވިދާޅުވެފައިވަނިކޮށް އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފި އެވެ.

އެމްޑީޕީގެ ރަސްމީ ޓްވިޓާ އެކައުންޓުން އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފައިވަނީ މިރޭ ގެ މެންދަމު ވަގުތެއްގައެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ނާއިބް ރައީސް ކަމަށް ކުރިމަތިލެއްވި އެޕާޓީގެ ކުރީގެ ނާއިބް ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒަށް ލިބިވަޑައިގެންފައިވަނީ 13،815 ވޯޓެވެ. މުހައްމަދު އަސްލަމަށް ލިބިވަޑައިގެންފައިވަނީ 10،840 ވޯޓެވެ.

އެހެންކަމުން ޝިފާޒް ކުރީގައި އުޅުއްވަނީ ދެހާހެއްހާ ވޯޓް ތަފާތުންނެވެ. މި އިންތިޚާބުގައި ސައްހަ ވޯޓްގެ ގޮތުގައި 24،655 ވޯޓް ގުނާފައިވާއިރު، ބާތިލް ވޯޓްގެ ގޮތުގައި 447 ވޯޓް ގުނާފައިވެއެވެ.

އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލެއްވީ ރައީސް ނަޝީދު އެކަންޏެވެ. އިންތިޚާބުގައި އެމަނިކުފާނު މަގާމުގައި ހުންނަން ފެންނަ ކަމަށް ވޯޓްދެއްވާފައިވާ ކަމަށް ވަގުތީ ނަތީޖާއިން ދައްކަނީ 24،202 ވޯޓެވެ. ނަޝީދު ރައީސް ކަމުގައި ހުންނަން ނުފެންނަ ކަމަށް 421 މެންބަރުން ވޯޓްދީފައިވެއެވެ. މި އިންތިޚާބުގައި ސައްހަ ވޯޓްގެ ގޮތުގައި 24،623 ވޯޓް ގުނާފައިވާއިރު، ބާތިލް ވޯޓްގެ ގޮތުގައި 479 ވޯޓް ގުނާފައިވެއެވެ.

އިންތިޚާބުގައި ވޯޓްލުމުގެ ހައްގު 87،439 މެންބަރުންނަށް ލިބިފައިވީނަމަވެސް ވޯޓްލާފައިވަނީ 25،102 މެންބަރުންނެވެ. އެހެންވީމަ 62،337 މެންބަރުން ވޯޓްލާން ނުނިކުމެއެވެ.

ހުކުރު ދުވަހު ބޭއްވި އިންތިހާބު ގަބޫލުނުކުރާ ކަމަށް އެޕާޓީގެ ނާއިބް ރައީސް ކަމަށް ކުރިމަތިލެއްވި މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

އަސްލަމް ވިދާޅުވީ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރާކަން މިހާރު އެމްޑީޕީގެ ސެކްރެޓޭރިއޭޓަށް އަންގާފައިވާ ކަމަށެވެ. އަދި ހުކުރު ދުވަހުގެ އިންތިހާބުގައި ސުވާލު އުފެދޭ ކަންކަންތައް ހުރިކަން އެމްޑީޕީގެ ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ އިންތިހާބުގައި ކުރި ކަންބޮޑުވުންތައް އެމްޑީޕީއަށް ހުށައަޅާފައިވާތީ އެކަމުގެ ތަފްސީލް މިވަގުތު ދެވެން ނެތް ކަމަށެވެ.

"އެހެން ނަމަވެސް އެ ކަންކަންވެސް ހާމަކުރާނަން އެކަމަށް އެންމެ ރަނގަޅު ވަގުތު،" އަސްލަމް ވިދާޅުވިއެވެ.

އެމްޑީޕީގެ ނާއިބް ރައީސް ކަމުގެ މަގާމަށް ކުރިމަތިލައްވާ އަސްލަމާއި، ޝިފާޒް ވަނީ ވަރުގަދަ ކެމްޕެއިނެއް ކުރައްވާފައެވެ. މަޖިލީހުގެ ގިނަ މެންބަރުންނާއި، ރައީސް ނަޝީދަށް ވަފާތެރި ގިނަ މެންބަރުން ތިއްބެވީ އަސްލަމްގެ ފަހަތުގައެވެ. އަދި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންނާއި، ރައީސް ސޯލިހަށް ވަފާތެރި ބޭފުޅުން ތިއްބެވީ ޝިފާޒްގެ ފަހަތުގައެވެ.