ދުނިޔެ

ކުލީ ސިފައިންނަށް އަދަބު ނުދީ ނުހުންނާނަން: އިރާން

Nov 25, 2019

އިރާނުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ކުރަމުންދާ މުޒާހަރާތެރޭގައި ހަމަޖެހުން ނަގާލަން މަސައްކަތްކުރި ކުލީ ސިފައިންނަށް އަދަބު ނުދީ ނުތިބޭނެ ކަމަށް އެގައުމުގެ އަސްކަރިއްޔާއިން ބުނެފި އެވެ.

އިރާނުގެ އަސްކަރިއްޔާ ކަމަށްވާ، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުގެ ކޮމާންޑަރު އެޑްމިރަލް އަލީ ފަދަވީ، ވިދާޅުވީ، އިރާނުގެ އަސްކަރިއްޔާގެ ތެރެއިން ބަޔަކު އެމެރިކާގެ އެދުމުގެ ނަތިން ގައުމުގެ އަމާންކަން ނަގާލައި، ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރި ކަމަށެވެ. އަދި މިހާރު އަސްކަރިއްޔާއިން ތައްޔާރުވަމުންދަނީ އިދާރީ ގޮތުންނާއި ގާނޫނީ ގޮތުން އެ ސިފައިންނަށް އަޅަން ޖެހޭ އެންމެ އެންމެ ހަރުކަށި އަދަބުތަށް އެޅުމަށް ކަމަށެވެ. އަދި މިހާރު ކޯޓުތަކަށް ވެސް އެކަން އަންގާފައިވާނެ ކަމަށް އަލީ ފަދަވީ ވިދާޅުވި އެވެ.

މުޒާހަރާ ތެރެއިން ހަމަނުޖެހުން އުފައްދަން މަސައްކަތްކުރި 180 ސިފައިންގެ އިސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. މި ސިފައިންނަކީ އެމެރިކާގެ އިތުރުން ސައުދީ އަރަބިއްޔާ އާއި އިޒްރޭލާ ގުޅުން އޮންނަ ސިފައިންކަން މިހާރު ވަނީ އެގިފަ އެވެ. މި ތިން ގައުމަކީ ވެސް އިރާނުގެ ސިޔާސަތު ތަކާ ދެކޮޅު ހަދަމުންދާ ގައުމުތަކެވެ.

އަލީ ފަދަވީ ވިދާޅުވީ، އިރާނުގެ ބޯޑަރާ ގުޅޭ ކޮންމެ ގައުމަކީ އިސްލާމީ ގައުމަކަށް ވާއިރު، އިސްލާމިން ނޫން ގައުމުތަކަށް ވާގިވެރިވުން އެއީ ކުލީ ސިފައިން ކުރި އެންމެ ބޮޑު ކުށް ކަމަށެވެ. އެކަމުގެ ސަބަބުން އިސްލާމްދީނަށް ނަސްރު ލިބުމުގެ ބަދަލުގައު ލިބޭނީ ގެއްލުން ކަމަށް އަލީ ފަދަވީ ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ، އިރާނުން އެމެރިކާއާ ބޭނުންވާ ގޮތަށް ޝަރުތެެއް ނެތި ނިއުކިލިއާ ޕްރޮގްރާމުން އަތް ދޫކޮށްލައިފިނަމަ، މެދު އިރުމަތީގެ މުސްލިމުން އިތުރަށް ހާލުގައި ޖެހޭނެ ކަމަށެވެ. ވަކިން ހާއްސަކޮށް ފަލަސްތީނުގެ ރައްޔިތުން ހާލުގައި ޖެހޭނެ ކަމަށް އަލީ ފަދަވީ ވިދާޅުވި އެވެ.

ތެލުގެ އަގު ބޮޑުވުމާ ގުޅިގެން އިރާނުގައި ދަނީ މިމަހު 15 ވަނަ ދުވަހުން ފެށިގެން މުޒާހަރާ ކުރަމުންނެވެ. މި މުޒާހަރާގެ ތެރެއިން އިރާނުގެ ބައެއް ސިފައިން ވަނީ، ޕެޓްރޯލް ޝެޑުތަކާއި ބޭންކު ތަކުގައި ހުޅު ޖަހާފަ އެވެ. މުޒާހަރާގެ ހަމަނުޖެހުން އިރާނުގެ 100 ސިޓީއަކަށް ފެތުރިގެން ދިޔަ އެވެ. މުޒާހަރާގެ ހަމަޖެހުން ގެއްލެން ފެށުމުން ގިނަ ބަޔަކު ވަނީ ސަރުކާރުގެ އިސް ބޭފުޅުންގެ އިސްތިއުފާއަށް ގޮވާލާފަ އެވެ.

މުޒާހަރާ ކޮންޓްރޯލް ކުރުމުގެ ތެރެއިން އިރާނުގެ ސިފައިން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން 106 މީހަކު ވަނީ މަރުވެފަ އެވެ. އަދި 2،500އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.