މީހުން

20 އަހަރުން ޔޫއްޕެ އެންމެ އުހަށް!

ނަވާރަސަތޭކެ ނުވަދިހަ ނުވައެއްގައި ފިލްމީ ދުނިޔެއަށް ތައާރަފުވި ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ފިލްމީ ކެރިއަކަށް 20 އަހަރު ފުރިއްޖެ އެވެ؛ އެ މުއްދަތުގައި އޭނާ ނުހޯދާ ކާމިޔާބެއް ނެތެވެ. ހުރިހާ ކާމިޔާބެއް ހުރީ އެންމެ އުހުގަ އެވެ. އަދިވެސް ދިވެހި ފިލްމް އިންޑަސްޓްރީގައި ހުރި އެންމެ ކުޅަދާނަ އެކްޓަރަކީ ޔޫއްޕެއޭ ބުނެފިނަމަ އެކަމާ ދެކޮޅު ހަދާނެ މީހަކު ނުހުންނާނެ އެވެ.

ޕެރަޑައިސް ރިސޯޓްގައި ވަޒީފާ އަދާކުރަމުން ދަނިކޮށް ލަވައެއް ކުޅޭނެ ފުރުސަތު 1999 ގައި ދިނީ ޓީވީއެމުން އެ ރިސޯޓަށް ޝޫޓިންއަކަށް ގޮސް އުޅުމުގެ ތެރޭ ޔޫއްްޕެ ފެނިގެނެވެ. އެ ފުރުސަތުގެ ބޭނުން ހިފީ ކެމެރާން ޝިޔާޒް އެތައް ފަހަރަކު ޔޫއްޕެއަށް އެ އޮފާ ކުރި ފަހުންނެވެ. އެންމެ ފަހުން "ދިރިހުރެ ފުރާނަ ދާނީ" މި ލަވައިން ޖަމްޝީދާއާއެކު ޔޫއްޕެ ފުރަތަމަ ފަހަރަށް ފެނިލިއެވެ.

"އޭރު ޓީވީއެމްގެ ކްރޫ ވަރަށް ގިނައިން އެކި ލަވަތަކުގެ ޝޫޓިންތަކަށް ޕެރަޑައިސްއަށް ގޮސް އުޅޭނެ. އެގޮތުން ފެނިގެން ޝިޔާޒް ދިން ފުރުސަތެއް އެއީ،" ޔޫއްޕެ ބުންޏެވެ.

ފުރަތަމަ ލަވައަށް ބެލުންތެރިންގެ ތަރުހީބު ލިބުނަސް އިންޑަސްޓްރީގެ ވަރުގަދަ ޑައިރެކްޓަރުންގެ ލޮލުގައި އަޅައިގަންނަ ގޮތެއް ނުވިއެވެ. އޮފް ޑޭ އެއްގައި މާލެ އައި ދުވަހެއް ދިމާވީ ބޮޑު ފާލަން ކައިރީ ޑައިރެކްޓަރު އަމްޖޭގެ "ގުރުބާނީ" ގެ ޝޫޓިއެއް ކުރިއަށް ދިޔަ ވަގުތާ އެވެ.

"ގުރުބާނީ ޝޫޓް ކުރަނިކޮށް ޕެރަޑައިސްއިން އައިސް މާލެއަށް ފުންމާލެވުނީ. ދެން އެތަނުގައި މަޑުކޮށްލީ ވާނުވާ ބަލާލަން. އެހެން ހުއްޓާ މީހަކު ބުނެފި މި ހުރީ ލަވަ ކުޅޭ ސޮރެކޭ އަމްޖޭއަށް ދައްކާފައި. ދެން އަމްޖޭ ބުނީ ބައްދަލު ކޮށްލަން. އެ ބައްދަލުވުމުގެ ތެރެއިން އެ ފިލްމުން ފުރުސަތު ލިބުނީ."

އެހާ ހިސާބުން ޔޫއްޕެގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް ފިލްމީ ދުނިޔެއަށް ހުއްޓުނެވެ. އަދި ވަޒީފާ ދޫކޮށް މޯޝަން ފިކްޗާސް ސްޓޫޑިއޯގައި މަސައްކަތް ކުރަން ފެށި އެވެ. އެއީވެސް އަމްޖޭ ހޯދައިދިން ފުރުސަތެކެވެ.

"ފައިސާ ހޯދާކަށް ނޫން މަސައްކަތް ފެށީ. ހަމަ ޝައުގުވެރިކަމުގައި."

އަމްޖޭގެ އުފެއްދުމަކުން ނޫނީ ފުރުސަތެއް ނުލިބި ޔޫއްްޕެއަށް ހުންނަން ޖެހުނެވެ. އޭގެ ފަހުން އިންޑަސްޓްރީގެ ތެރެއަށް އޭނާ ރަނގަޅަށް ނެރެދިނީ އާރިފާ އިބްރާހިމެވެ. އާރިފާގެ "ސާހިބާ" އިން ޔޫއްޕެއަށް ފުުރުސަތު ލިބުމުން ޔޫއްޕެގެ ތަރި ފިޔަޖަހަން ފެށިި އެވެ.

"ހަގީގަތުގައި އާރިފާ އަޅުގަނޑު މައި އިންޑަސްޓްރީއަށް ނެރުނީ. އެހެންވީމަ އާރިފާއަށް ވަރަށް ބޮޑަށް ޝުކުރެއް އެބައޮތް. އެއީ 'ސާހިބާ' އެހާ ހިސާބުން މި ފެނުނީ. އާރިފާ އަސްލު މުޅި އިންޑަސްޓްރީއަށް މި ދައްކައި ދިނީ، އެހެންވީމަ ފިލްމީ ދާއިރާއަށް އެޅުނު ބިންގާ ދާމާލައި ދިން މީހަކަށްވީ އާރިފާ،"

އެހިސާބުން "ހިތްހަލާކު" އާއެކު ޔޫއްޕެއަށް އިންޑަސްޓްރީގެ ހުށައެޅުންތައް އޮހެން ފެށި އެވެ. އޭގެ ފަހުން ނުކުތް ގިނަ ފިލްމުގެ ލީޑް ތަރިއަކީ ވެސް އޭނާ އެވެ. މަޝްހޫރު ހުރިހާ ލަވަތަކެއްގައިހެން ވެސް ޔޫއްޕެ އެވެ.

ޔޫއްޕެގެ ވިސްނުން ހުރީ ދާއިރާއިން ކުރިއަށްދިއުމަށް ކަމަށްވާތީ ދާއިރާގެ ހުރިހާ މަސައްކަތެއް އޭނާ ދިޔައީ ދަސް ކުރަމުންނެވެ. އަމިއްލައަށް ފިލްމުތައް ޑައިރެކްޓް ކުރަން ފެށިއެވެ. އެގޮތުން އަމްޖޭއާއެކު ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރިއެވެ. އަދި "އެ ދަތުރު" ގެ ނަމުގައި ފިލްމެއް ހެދީ މުހަންމާއާ ގުޅިގެންނެވެ.

ފިލްމު ސްކްރީން ކުރުމުގެ ކުރިން ޓެޑްރީ އާއި މަހުދީ މެން ފަދަ ކުޅަދާނަ ޑައިރެކްޓަރުންނަށް ފިލްމު ދައްކާ ހުރި މައްސަލަތައް ދެނެގަތެވެ.

"ހުރިހާ ކަމެއް ވެސް އަމިއްލައަށް ފަށައިގަތީ. ވަރަށް ބޮޑު ސަޕޯޓެއް ލިބުނު ސެމީ މުސްތަފާގެ ފަރާތުން. ދެން ޑައިރެކްޝަނަށް ނުކުތީ ފުރަތަމަ ލަވަތަކުން. އެންމެ ފުރަތަމަ އަތުގައި ހިފީ ދަބާ. އެނާއަކީ ވަރަށް ތަޖުރިބާކާރު ކެމެރާމަނެއް. ޑައިރެކްޝަންގައި ފުރަތަމަ ފުރުސަތެއް ހޯދައި ދިނީ އަމްޖަދު. އޭގެ ފަހުން ނަހުލާ އާއި މުހަންމާގެ ނަން ފާހަގަ ކޮށްލަން. އޭގެ ކުރިން އަމްޖޭއާއެކު 'އާހް' ކިޔާ ފިލްމެއްގައި ވެސް މަސައްކަތްކުރިން. ޑައިރެކްޝަންގައި ޓެޑްގެ އެހީތެރިކަން ވެސް ވަރަށް ބޮޑަށް ލިބުނު."

ފިލްމު ޑައިރެކްޓްކުރަން ފެށުމުން ދެ ފިލްމެއް ކުޅެލާފައި ޑައިރެކްޓް ކުރަން ފެށީ ކަމަށް ބުނެ ބައެއް މީހުންގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ. ނަަމަވެސް ޔޫއްޕެ ހުރީ އެ ފާޑުކިޔުންތަކަށް ފަހަތަށް ޖެހޭ ގޮތަކަށް ނޫނެވެ. ބޭނުންވީ ސްކްރީންޕްލޭ ވެސް ލިޔާށެވެ. އެޑިޓް ވެސް ކުރާށެވެ. ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރާށެވެ.

ޔޫއްްޕެ ބުނި ގޮތުގައި ސްކްރީންޕްލޭ ލިޔަން ފެށީ ތަފާތު ފިލްމުތަކެއް އުފެއްދުމުގެ މަގްސަދުގަ އެވެ. އޭރު ހަމައެކަނި ދިވެހި ސިނަމާގައި އޮތީ ލޯބީގެ ވާހަކަތަކުގެ މައްޗަށް އުފައްދާ ފިލްމުތަކަށްވާތީ އެ ނޫން ރަހަތަކެއް ގެނެސްދޭން އޭނާ ބޭނުންވި އެވެ. އެހެންވީމަ މަހުދީ މެންފަދަ ކުޅަދާނަ ލިޔުންތެރިންގެ ކިބައިން އިރުޝާދު ހޯދިއެވެ.

"ވަރަށް ބޮޑު ހިތްވަރެއް އޭރު ސީނިއާ ޓީމެއް އަޅުގަނޑަށް ސަޕޯޓް ދިނުމުގައި އޮތުމަކީ... ވަރަށް ގިނަ ފަންނާނުންގެ އެހީތެރިކަމާއި، ލޯބި އޮވޭ، ޔޫއްޕެގެ މަސައްކަތެކޭ ބުނެފިިއްޔާ ހުރިހާ ފަންނާނުންގެ ވެސް ފުލް ސަޕޯޓް ލިބޭ."

ފިލްމީ ދާއިރާގައި ވިހި އަހަރު އޭނާއަށް ހޭދަ ކުރެވުނު ހަގީގީ ސަބަބަކީ ދާއިރާގެ ހުރިހާ މަސައްކަތެއް ދަސްކޮށް އެ މަސައްކަތްތައް ކުރަމުން ކުރިއަށް ދިއުމެވެ. އަދި އިންޑަސްޓްރީގައި ހުރި އެންމެ ކުޅަދާނަ އެކްޓަރަކީ އޭނާ ކަމަށް ގިނަ ޑައިރެކްޓަރުން ގަބޫލު ކުރާތީ އެންމެ ގިނައިން ފިލްމުތަކުން ފުރުސަތު ލިބެމުން ދިޔައީ ވެސް ޔޫއްޕެއަށެވެ.

އެކަމަކު އެވޯޑް ހަފްލާތަކުގައި އޭނާގެ އަމިއްލަ އުފެއްދުންތަކަށް މާބޮޑެތި ކާމިޔާބީތަކެއް ލިބޭ ގޮތެއް ނުވެއެވެ. މުޅިންވެސް ޔޫއްޕެއަށް އެވޯޑް އުފާލަން ޖެހެނީ އެހެން ޑައިރެެކްޓަރުންގެ އުފެއްދުންތަކުގައި އޭނާ ދައްކަމުންދާ ހުނަރަށެވެ. އެހެން ކަމުން ފަހުން ޔޫއްޕެގެ އެންމެ ބޮޑު އަމާޒެއް އޮންނަނީ އެންމެ މޮޅު އެކްޓަރުގެ އެވޯޑް އުފުލާލުމަށެވެ.

"ކުރިންވެސް ނޮމިނޭޓްވޭ އަޅުގަނޑުގެ ފިލްމުތަކުން. ނަމަވެސް އެވޯޑަކާއި ހަމައަކަށް ނުދެވޭ. މުޅިން ވެސް މި ލިބެނީ އެހެން ޑައިރެކްޓަރުންގެ ފިލްމުތަކުން އެހެންވީމަ އަބަދުވެސް ސިކުޑީގައި އޭރު އިންނަނީ ބެސްޓް އެކްޓަރުގެ މަގާމް."

ނަމަވެސް އަމިއްލަ އުފެއްދުމަކުން އެވޯޑެއް އުފުލާލުމަަށް ކުރަމުންދިޔަ އުންމީދަށް ކުޑަވެސް ފަނޑުކަމެއް ނުގެނެއެވެ. ހިތްވަރާއެކު ދިޔައީ ކުރިއަށެވެ.

ޔޫއްޕެ ކުރި މަސައްކަތްގެ ނަތީޖާ ވަރަށް ވެސް ފޮންޏެވެ. މިދިއަ ފިލްމު އެވޯޑްސްގައި ޔޫއްޕެ އުފުލާލީ އޭނާ މި ހުުރިހާ ދުވަހު އިންތިޒާރު ކުރަމުންދިޔަ އެވޯޑްތަކެވެ. އަދި އެންމެ ބޮޑު އުފަލެއް ލިބުނީ އޭނާގެ އަމިއްލަ އުފެއްދުމަކުން އެ ހުރިހާ އެވޯޑެއް އުފުލާލުމުގެ ޝަރަފު ލިބިގެން ދިއުމުންނެވެ.

ޔޫއްޕެގެ "ދެވަންސޫރަ" އިން އޭނާ މިފަހަރު ވަނީ އެންމެ މޮޅު އެކްޓަރު، އެންމެ މޮޅު ސްކްރީންޕްލޭ، އެންމެ މޮޅު ޑައިރެކްޓަރު އަދި އެންމެ މޮޅު އެކްޓަރުގެ މަގާމު ހޯދާފަ އެވެ.

"ވަަރަށް ދިގު އިންޒާރެއްގެ ނިމުން މިއައީ. ވަރަށް ކުރިއްސުރެ އަޅުގަނޑު ބޭނުންވޭ މަލްޓި ޓާސްކް މީހަކަށް ވާން. އެކަމަކު ބައެއް މީހުން އެކަމަށް ހަޖޫޖެހި. އެކަމު އަޅުގަނޑު ގަބޫލު ކުރީ މި އިންޑަސްޓްރީގައި ދެމި ހުރެވޭނީ ހުރިހާ ކަމެއް ދަސް ކޮށްގެންނޭ. އެހެންވީމަ ވަރަށް ދިގު އިންޒާރަކަށް އިރާދަކުރެއްވިއްޔާ ކާމިޔާބު ލިބުނީ. އެއް ފިލްމަކުން ބޭނުންވާ ހުރިހާ އެވޯޑެއް މި ލިބުނީ. މިއަދު އަޅުގަނޑަށް މި ސާބިތު ކޮށް ދެވުނީ ހުރިހާ މަސައްކަތެއް އެކަކު ކުރި ނަމަވެސް ކޮލިޓީ ކޮންމެ މަސައްކަތަކަށް އެވޯޑް ލިބޭނެކަން. ދާއިރާގައި ދެމި ހުންނަން މަލްޓިޓާސްކް މީހަކަށްވާން ޖެހޭކަން."

"ދެވަންސޫރަ" އަކީ ސީދާ އެވޯޑަށް ހާއްސަކޮށްގެން އޭނާ އުފެއްދި ފިލްމެކެވެ. އަދި އެއީ ގިނަ ވަގުތުތަކެއް ހޭދަކޮށްގެން އެ ފިލްމަށް ވަރަށް ބޮޑަށް ތައްޔާރު ވެގެން މަސައްކަތް ކުރި ޕްރޮޖެކްޓެކެވެ. ބޭރު ފިލްމަކުން ޚިޔާލު ނަގައިގެން އުފައްދާފައިވާ އެ ފިލްމުގެ ގިނަ މަސައްކަތްތައް ކުރީ އޭނާ އެވެ.

"މުޅިން ވެސް މީހުންގެ ފިލްމުތަކުން މީގެ ކުރިން އެވޯޑް މި ލިބުނީ. އަމިއްލަ ފިލްމުތަކުން މުޅިން ވެސް ނޮމިނޭޓް ވަނީ. ހަގީގަތަށް ބުނަންޏާ 'ދެވަންސޫރަ' އަކީ އެވޯޑަށް ޓާގެޓް ކޮށްގެން ހެދި ފިލްމެއް. އެކަމުގެ ނަތީޖާ ވަރަށް ފޮނިކޮށް މި ލިބުނީ." ޔޫއްޕެ ބުންޏެވެ. "އަނެއްކޮޅުން ފިލްމު ބަލާފައި އަޅުގަނޑު ވަރަށް އިތުބާރުކުރާ ދެ މީހަކު ބުނި ޔަގީނޭ މިއީ އެވޯޑް ލިބޭނެ ފިލްމެކޭ. އޭގެން އެކަކީ ޝަފީގް، އަދި ފަހުން ނޮމިނޭޝަންތައް އިއުލާނުކުރުމުން ސައީދާއި، މުއާވެސް ބުނި އެވޯޑް ލިބޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑޭ. އެހެންވީމަ ވަރަށް އުންމީދުކޮށްގެން ހުއްޓާ މި އެވޯޑްތައް ލިބުނީ."

ޔޫއްޕެ ބުނި ގޮތުގައި ކާމިޔާބާ ހަމައަށް ދިއުމުގައި އޭނާ ވާދަވެރިކަން ނުގެންގުޅެ އެވެ. އަބަދުވެސް ބަލަނީ ދާއިރާގެ ކޮންމެ ފަންނާނަކީ ވެސް މޮޅު މީހެއް ކަމަށް ދެކި އެއަށްވުރެ ރަނގަޅަށް މަސައްކަތް ކުުރާށެވެ.

ގާތްގަނޑަކަށް 800 އެއްހާ ލަވަ ކުޅެފައިވާ ޔޫއްޕެ މިހާތަނަށް 38 ފިލްމު ޑައިރެކްޓް ކޮށްފައިވާއިރު އޭގެ ތެރޭގައި އޭނާގެ އަމިއްލަ 36 ފިލްމެއް ހިމެނެ އެވެ. އެ ހުރިހާ ފިލްމުތަކެއްގެ ސްކްރީންޕްލޭ ލިޔުނީ ވެސް އޭނާ އެވެ. ގިނަ ފިލްމުތަކުގެ އެޑިޓިން މަސައްކަތް ކުރީވެސް އަމިއްލައަށެވެ.

"ވާދަވެރިކަމަށް އަޅުގަނޑު ނުވިސްނަން. އަބަދުވެސް ބަލަނީ ދެން ހުރި މީހަކީ ވެސް ވަރުގަދަ މީހެއް ކަމަށް ބަލާ އިތުރަށް މޮޅު އެއްޗެއް އުފެއްދުމަށް. ކުރިން އެތައް ބަޔަކު ފާޑުކީއިރުވެސް ނުހުންނާނެ ރައްދެއް ދީފައެއް. ބޭނުންވީ ހުރިހާ ކަމެއް ކޮށްގެންވެސް ކޮލެޓީ މަސައްކަތެއް ކުރެވިދާނެކަން ސާބިތުކޮށްދޭން. ވިހި އަހަރުން އަޅުގަނޑު ސާބިތުކޮށް މިދިނީ އެކަން. މި އޮތީ އަޅުގަނޑަށް ލިބުނު ކާމިޔާބީން އެކަން ހާމަވެފައި."

ފިލްމީ މަސައްކަތްތަކީ އާޓްގެ މަސައްކަތަކަށްވުމުން އެ ފިލްމެއް އޮންނާނެ ގޮތް ނިންމާނީ އެ އުފައްދާ ބައެކެވެ. އެއީ ދާއިރާގެ ތެރެއިން އެހެން މީހުން ފާޑުކިޔަން ޖެހޭ ސަބަބެއް ނޫނެވެ. ބޭނުން ވަނީ އެކަކު އަނެކަކަށް ހިތްވަރު ދިނެމެވެ. މަސައްކަތުގެ އަގު ވަޒަން ކުރުމެވެ.

ވިހަ އަހަރުން ފިލްމީ ދާއިރާގެ އެންމެ އުހަށް އޭނާ ގެންދިޔައީ ހިތްވަރާއެކު ކުރި މަސައްކަތެވެ. މި މަސައްކަތުގައި އޭނާގެ ޝުކުރު އެބައޮތެވެ. މަންމައާއި އާއިލާގެ ސަޕޯޓެވެ. ދެން ކެމެރާމަން ޝިޔާޒް ދިން ފުރުސަތާއި، އަމްޖޭގެ އެހީތެރިކަމާއި އާރިފާ ދިން ފުުރުސަތެވެ. ޕްރޮޑިއުސަރު ޝަފީގާއި ކޮކޯ ހަސަނާއި، އާމިރު އަދި ޝަކީބާއި ފައިސަލްގެ އެހީތެރިކަމެވެ.