ހަބަރު

ކޮމިޓީއަށް ހާޒިރު ކުރަނީ

ދީބާޖާއާއެކު ވެފައިވާ އެއްބަސްވުން ބާތިލްކުރި މައްސަލާގައި އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދޭން ޖެހިފައިވާ 348 މިލިއަން ރުފިޔާގެ ބަދަލުގައި 174 މިލިއަން ރުފިޔާ ދިނުމަށް ބަންޑާރަ ނައިބުގެ އޮފީހުން އެކުލަވާލި ސެޓަލްމަންޓް ކޮމިޓީން ލަފާ ދިނުމާ ގުޅިގެން ބަންޑާރަ ނައިބު ހާޒިރު ކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.

މާލިއްްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ހާޒިރުކުރަން ހުށަހެޅުއްވީ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ޔައުގޫބް އަބްދުﷲ އެވެ. ޔައުގޫބްގެ ހުށަހެޅުއްވުން ވަނީ ކޮމިޓީގައި ތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފަ އެވެ.

ކޮމިޓީން ނިންމީ ވީހާވެސް އަވަހަކަށް ރިފްއަތް ހާޒިރު ކުރުމަށެވެ. ނަމަވެސް ރިއްފަތް ހާޒިރު ކުރާނެ ސީދާ ދުވަހެއް ނޭނގެ އެވެ.

އުތުރު ޕްރޮވިންސްގެ ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާއެކު ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ނަމަވެސް 2013 ވަނަ އަހަރު އޭރު އޮތް ސަރުކާރުން ވަނީ ދީބާޖާއެކު އޮތް އެއްބަސްވުން ބާތިލް ކުރި އެވެ.