ހަބަރު

މެންބަރު ވަޑައިނުގަތުމުން މިނިސްޓަރާ ސުވާލެއް ނުކުރެވުނު

Nov 27, 2019

ވަގުތު ޖެހުނިއިރު، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެންފައި ނުވާތީ، އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނާ ސުވާލެއް ނުކުރެވުނެވެ.

އަލީ ހުސެއިން ހުށަހަޅުއްވާފައި ވަނީ، ބ. ކެންދޫ، ދަރަވަންދޫ އަދި ކަމަދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއު މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މަސައްކަތްތަކަކަށް ވާއިރު އެ މަސައްކަތްތައް ފެށޭނީ ކޮން ތާރީހެއްގައިތޯ ސާފު ކުރުމަށެވެ.

އެ ސުވާލު މިއަދުގެ އެޖެންޑާގައި ހިމަނާފައިވާއިރު، ވަގުތު ޖެހުނުއިރު ވެސް މެންބަރު އަލީ ހުސެއިން މަޖިލީހުގެ ތަޅުމަށް ވަޑައިގެންފައެއް ނުވެ އެވެ. މެންބަރު މަޖިލީހަށް ވަޑައިގެންނެވިތޯ ބައްލަވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސާޖަންޓް އޮފް އާމްސްގެ ކިބައިން ވެސް އެދިވަޑައިގެންފަ އެވެ.

އަލީ ހުސެއިން ވަޑައި ނުގެންނެވުމުން، ބ. އަތޮޅުގެ އެހެން މެންބަރަކަށް އެ ސުވާލު ކުރެއްވިދާނެތޯ ވެސް، ނަޝީދު ވަނީ އަމީން އާއްމުގެ އަރިހުން ސާފު ކުރައްވައިފަ އެވެ.

ނަމަވެސް، މަޖިލީހުގެ ގަވައިދުގައި އެކަމަށް ތަން ނުދޭތީ މިނިސްޓަރާ ސުވާލު ކުރުން ކުރިއަށް ނުގެންދެވޭނެ ކަމަށް ނަޝީދު ވަނީ އިއުލާނު ކުރައްވައިފަ އެވެ.

"އެންވަޔަރަމަންޓް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މި މަޖިލީހާއި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ރަނުގެ ފުރުސަތެއް ގެއްލިދާ ކަމީ އަޅުގަނޑުމެން ހިތާމަ ކުރާ ކަމެއް. މައުލޫމާތު ދެއްވަން އޮތް ފުރުސަތެއް ގެއްލި ދަނީ،" މިނިސްޓަރުގެ ކިބައިން މައާފަށް އެދިވަޑައިގަންނަވަމުން ނަޝީދު ވިދާޅުވި އެވެ.

އެކި މައްސަލަތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގެންދަވަނީ ދައުލަތުގެ ވަޒީރުން ހާޒިރުކޮށް، މައުލޫމާތު ސާފުކުރައްވަމުންނެވެ. ނަމަވެސް، ސުވާލު ކުރައްވާ މެންބަރު މަޖިލީހަށް ވަޑައިނުގަންނަވައިގެން، މިނިސްޓަރަކާ ސުވާލު ނުކުރެވުނު މިއީ ފުރަތަމަ ފަހަރެވެ.