ރައީސް މުހައްމަދު ނަޝީދު

ޑެފިސިޓް އިތުރުވާ ގޮތަށް ބަޖެޓް ބޮޑު ކުރުން ކަމަކު ނުދޭ: ނަޝީދު

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓްގައިވާ ޑެފިސިޓް އިތުރަށް ބޮޑުވާ ގޮތަށް މަޖިލީހުން ބަޖެޓަށް އިސްލާހު ގެނެސްގެން ފާސްކުރަން ތާއީދު ކުރައްވާ ކަމަށް މަޖިލީހުގެ ރައީސް އަަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ދެހާސް ވިހިވަނަ އަހަރަށް ލަފާކޮސް ފިނޭންސް މިނިސްޓްރީން ފޮނުވީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް ދިރާސާ ކުރުމުގެ ގޮތުން މަޖިލީހުން އެކުލަވާލި ކޮމިޓީން ވަނީ އެ ބަޖެޓަށް 366 މިލިއަން ރުފިޔާ އިތުރުކޮށްފަ އެވެ. އެހެންކަމުން ބަޖެޓްގެ ޑެފިސިޓް ވަނީ 5.6 ބިލިއަން ރުފިޔާ އިން 5.9 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ ކަމަށް އިޝާރާތް ކުރައްވަމުން ރައީސް ނަޝީދު ވިދާޅިވީ ބަޖެޓް ކޮމިޓީން އިތުރު 366 މިލިއަން ރުފިޔާއާއެކު ޑެފިސިޓް ބޮޑުވާ ގޮތަށް ބަޖެޓް ކޮމިޓީން ބަޖެޓް ފާސްކުރުމަކީ މެންބަރުން ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ސަރުކާރުން މަޖިލީހަށް ފޮނުވި ބަޖެޓްގައި ވެސް ޑެފިސިޓް ބޮޑުކޮށް އޮތްވައި އެއަށް ވުރެ ޑެފިސިޓް ބޮޑުވާ ގޮތަށް މަޖިލީހުން ބަޖެޓް ފާސްކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެކެވެ. އަދި ވިދާޅުވީ މަޖިލީހުން ބަޖެޓްގެ ޑެފިސިޓް ބޮޑުކޮށްފިނަމަ ބަޖެޓް ހިންގަން ސަރުކާރަށް ދަތިވެދާނެ ކަމަށެވެ.

"ބަޖެޓްގެ ހިންގަން ހުރި ހަރަދު އެއް ތަނުން އަނެއް ތަނަށް ބަދަލު ކުރުން، މެންބަރުންގެ މަޝްވަރާއާ އެކުގައި ކުރުން އެއީ ރަނގަޅު ކަމެއް، އެހެން ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި ޑެފިސިޓް ބޮޑުވާ ގޮތަށް ބަޖެޓަށް އިސްލާހު ގެނައުމަކީ މި ބަޖެޓް ހިންގުމަށް ދަތިވެގެން ހިނގައިދާނެ މައްސަލައެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އޭގެ އިތުރަށް ރައީސް ނަޝީދު ވިދާޅުވީ ބަޖެޓް ފާސްކުރުމުގެ ކުރިން ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެންނަ ދެ ބިލާއި އިންކަމް ޓެކްސްގެ ބިލްގެ މަސައްކަތް ނިންމަން ޖެހޭ ކަމަށެވެ. އަދި އަންނަ ހޯމަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާގައި ބަޖެޓްގެ ފަހު ބަހުސް ފެށޭނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެ މަރުހަލާގައި ކޮންމެ މެންބަރަކަށް ހަތް މިނެޓްގެ ފުރުސަތެއް ލިބޭނެ އެވެ.