ސަލްމާން ހާން

"ބިގް ބޮސް": ސަލްމާންގެ ފީ ބޮޑު ކޮށްފި

"ބިގް ބޮސް"ގެ 13 ވަނަ ސީޒަން މިހާރު ކުރިޔަށްދާއިރު މިފަހަރުގެ ސީޒަން ވެފައި ވަނީ އެންމެ މައްސަލަތައް ގިނަ އަދި ބެލުންތެރިން އެ ޝޯއަކަށް އެންމެ ބޮޑަށް ޝައުގުވެރިވެފައިވާ އެއް ސީޒަނަކަށެވެ. އެހެން ފަހަރުތަކާ ޚިލާފަށް މިފަހަރުގެ ސީޒަން ކުރުކޮށްލާ ނިންމާލަން ޝޯ ދައްކާ ޗެނަލް ކަމަށްވާ ކަލާޒް އިން ކުރިން ވަނީ ގަސްދު ކޮށްފަ އެވެ. ނަމަވެސް ޝޯ ކުރިޔަށް ދާވަރަކަށް ޝޯގެ މަގްބޫލުކަން އިތުރުވަމުން އަންނާތީ ފަސް ހަފުތާއަށް ޝޯ އިތުރަށް ކުރިޔަށް ގެންދަން މިހާރު ޕްރޮޑިއުސަރުންނާއި ޗެނަލުން ވަނީ ނިންމާފައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

ކުރިން ހަމަޖެހިފައި އޮތީ އަންނަ އަހަރުގެ ޖެނުއަރީ މަހު ޝޯ ނިންމާލާ ގޮތަށެވެ. ނަމަވެސް މިހާރު ބެލެވޭ ގޮތުގައި ޝޯ ނިންމާލާނީ 2020 ގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

ޝޯގެ މުއްދަތު އިތުރު ކުރުމާއެކު ގިނަ ބަޔެއްގެ ސަމާލުކަމަށް އައި އަނެއް ކަމަކީ ޝޯގެ ހޯސްޓް ސަލްމާން ޚާން މި ޝޯގެ ކޮންމެ އެޕިސޯޑަކަށް ނަގާ ފީ އެވެ. އިތުރު ކުރި ދުވަސްތަކުގައި ސަލްމާން ހުށަހަޅައިދޭ ކޮންމެ އެޕިސޯޑަކަށް އޭނާއަށް ދެ ކްރޯޑު ރުޕީސް ދޭން ޝޯގެ ޕްރޮޑިއުސަރުން އެއްބަސް ވެފައިވާ ކަމަށް ވެއެވެ.

ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި ޝޯގެ މުއްދަތު އިތުރުކުރަން ސަލްމާން ބޭނުމެއް ނޫނެވެ. އޭނާ ކުޅެމުންދާ ފިލްމުތަކާއި ރިލީޒްކުރަން ހަމަޖެހިފައިވާ އޭނާގެ ފިލްމުތަކުގެ ޕްރޮމޯޝަން މަސައްކަތަށް ވަރަށް ގިނަ ވަގުތު ބޭނުންވާތީ އެވެ. ނަމަވެސް ބޮޑު އަގެއް ދޭން ބުނެގެން ސަލްމާން ޝޯ އާއިގެން ކުރިޔަށް ދިއުމަށް މިހާރު ނިންމާފައިވާ ކަމަށް ވެއެވެ.

"ބިގް ބޮސް" ހުށަހަޅައިދީގެން ސަލްމާން ވަރަށް ގިނަ ފައިސާ ހޯދާކަމުގެ ވާހަކައަކީ އަބަދުވެސް ވަރަށް މަޝްހޫރު ވާހަކަ އެކެވެ. މިފަހަރުގެ ސީޒަންގައި މިހާތަނަށް ސަލްމާން ހުށަހަޅައިދިން އެޕިސޯޑްތަކަށް 200 ކްރޯޑު ރުޕީސް އޭނާއަށް ލިބިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

"ބިގް ބޮސް"ގެ ކޮންމެ ސީޒަނެއް ފަށަން ކައިރިވާއިރަށް ސަލްމާން ޝޯ ހޯސްޓް ކޮށްދިނުމަށް ދެކޮޅު ހަދަ އެވެ. އެހެންވެ ޝޯގެ ޕްރޮޑިއުސަރުންނަށް ޖެހެނީ ކުރީގެ ސީޒަންތަކުގައި ހުށަހެޅި އަދަދަށް ވުރެ މާ ބޮޑު އަދަދެއް ހުށަހަޅައިގެން ޝޯ ހޯސްޓްކުރަން ސަލްމާން ލައްވާ އެއްބަސް ކުރުވާށެވެ.