ހަބަރު

ކުދިންއާ ކައިވެނިކުރާ މައްސަލަތަކުގެ މައުލޫމާތު ހޯދަނީ

Nov 27, 2019
4

ރާއްޖޭގެ ރަށްރަށުގައި އުމުރުން 18 އަހަރު ނުވާ ކުޑަކުދިންނާއެކު ކައިވެނީގެ ނަމުގައި ނަހަމަ ގުޅުން ހިންގަމުންދާ މިންވަރު ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމާފައިވާތީ އެކަމާ ގުޅޭ މައުލޫމާތު އެނގޭ އާންމުން ހިއްސާކުރުމަށް މަޖިލީހުން އެދިއްޖެ އެވެ.

މަޖިލީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެފަދަ މައުލޫމާތެއް އެނގޭނަމަ، އަންނަ މަހުގެ އަށްވަނަ ދުވަހުގެ މަޖިލީހުގެ އިދާރާއަށް ހުށަހެޅުމަށެވެ. މައުލޫމާތު ހުށަހަޅާ ފަރާތްތަކުގެ ވަނަވަރު ސިއްރު ކުރާނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

ހިއުމަން ރައިޓްސް ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ވަނީ އުމުރު ހަމަނުވާ ކުދިންނާއި ކައިވެނި ކުރުމާއި ޝަރުއީ ކޯޓުން ބޭރުގައި ކައިވެނި ކުރާ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

އެ ގޮތުން ހުރިހާ ރަށަކުން އޭގެ މައުލޫމާތުތައް އެއްކޮށް ރަށްރަށުގައި މައްސަލަތައް އުޅޭ މިންވަރު ބެލުމަށް ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) ހުށަހެޅުއްވި އެވެ. ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ޖޭފޯގެ ހުށަހެޅުއްވުން ފާސްކުރި އެވެ.

ކޮމިޓީން ނިންމާފައި ވަނީ އެއްވެސް ރަށެއްގައި އުމުރު ހަމަނުވާ ކުއްޖަކާ ކައިވެނީގެ ނަމުގައި ގުޅުން ހިންގާނަމަ އެ މައުލޫމާތެއް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި މަޖިލީހަށް ފޮނުވަން ކައުންސިލްތަކަށާއި ކަމާ ބެހޭ މުއައްސަސާތަކަށް އެންގުމަށެވެ.

ހިއުމަން ރައިޓްސް ކޮމިޓީން މިފަދަ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވަނީ، އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކާ ކައިވެނީގެ ނަމުގައި ގުޅުން ހިންގާފައިވާ މައްސަލައެއް ފެންމަތިވެފައި ވަތީ އެވެ. އެ ކުއްޖާގެ ރައްކާތެރިކަމަށް ޖެންޑާ މިނިސްޓްރީންނާއި ފުލުހުން އަޅާފައިވާ ފިޔަވަޅުތަކުގެ ތަފްސީލުތައް ހޯދުމަށް ވެސް ކޮމިޓީގެ ބައްދަލުވުމުގައި ނިންމި އެވެ.

އެނގިފައިވާ ގޮތުގައި އުމުރުން 13 އަހަރުގެ އެ އަންހެން ކުއްޖާ، އެ މީހާގެ ދަރިއަކަށް ބަނޑުބޮޑުވެ އިނދެ އެ ކުއްޖާ ވަނީ ވިހައިފަ އެވެ. އެ މައްސަލައެއް ފެންމަތިވީ ވެސް ދޯންޏެއްގެ ތެރޭގައި ހިނގި މާރާމާރީއެއްގައި އެ އަންހެން ކުއްޖާއާ ކައިވެނީގެ ނަމުގައި ގުޅުން ހިންގަމުން ދިޔަ އެ މީހާ ޒަހަމްވެ، އެ ދޯނިން ސަލާމަތްވެ ކައިރި ރަށަށް ދިޔަ ފަހުންނެވެ.

މި މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ގެންދަނީ ތަހްގީގު ކުރަމުންނެވެ. 13 އަހަރުގެ ކުއްޖާ ހިމެނޭ އާއިލާއަކީ ދީނުގެ ނަމުގައި ހަރުކަށި ވިސްނުން ގެންގުޅޭ އާއިލާއެއްކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.