ދުނިޔެ

ޑާކާގެ ކެފޭއަކަށް ހަމަލާދިން ހަތް މީހަކަށް މަރުގެ ހުކުމް

Nov 28, 2019

މީގެ ތިން އަހަރު ކުރިން ބަންގުލަދޭޝްގެ ޑާކާގައި ހުންނަ ކެފޭއަކަށް ބަޔަކު ވަދެ ދިން ހަމަލާއާ ގުޅިގެން ހަތް މީހަކަށް މަރުގެ ހުކުމް އިއްވައިފި އެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ ޖުލައި މަހު ޑާކާގައި ހުންނަ އާޓިސަން ބޭކަރީއަށް ހަތިޔާރު އެޅި ފަސް މީހަކު ވަދެ، ވަނީ އެތަނުގައި ތިބި މީހުން 12 ގަޑިއިރު ވަންދެން ރަހީނު ކޮށްފަ އެވެ. ކެފޭއަށް ވަން މީހުނާ ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ބަޑީގެ ކުރިމަތިލުމުގެ ތެރެއިން ކެފޭއަށް ހަތިޔާރާއެކު ވަން މީހުން ވަނީ 22 މަރާލަފަ އެވެ. އޭގެ ތެރޭގައި އިންޑިއާ، ޖަޕާން އެމެރިކާ އަދި އިޓަލީއަށް ނިސްބަތްވާ މީހުން ވެސް ތިއްބެވެ.

މި ކުރިމަތިލުމުގައި ސަލާމަތީ ބާރުތަކުގެ ހަމަލާގައި، ކެފޭއަށް ހަތިޔާރާއެކު ވަން ފަސް މީހަކު ވަނީ މަރުވެފަ އެވެ. އަދި ރަހީނު ކުރި މީހުންގެ ތެރެއިން 60 މީހަކު ސަލާމަތް ކުރި އެވެ.

މިހަމަލާގެ ޒިންމާ ނަގާފައިވަނީ މިހާރު ބަލިވެފައިވާ އިސްލާމިކް ސްޓޭޓް ޖަމާއަތުންނެވެ. ނަމަވެސް ބަންގުލަދޭޝް ސަރުކާރުން ބުނީ، ހަމަލާދިން މީހުން ނިސްބަތްވަނީ އެގައުމުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޖަމާއަތުލް މުޖާހިދީން އަށް ކަމަށެވެ. މި ހަމަލާއާ ގުޅިގެން ދަން ޖައްސަން ހުކުމް ކުރި މީހުންގެ ތެރޭގައި، ކެފޭއަށް ވަން މީހުނަށް ހަތިޔާރު ފޯރުކޮށް ދިން މީހުން ވެސް ހިމެނެ އެވެ.