އާލިއާ ބަޓް

އާލިއާ-ރަންބީރު ކައިވެނިކުރަން އުޅޭކަމަށް ދީޕިކާ ބުނެފި

ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް ކައިވެނި ކުރަން އުޅޭ ވާހަކަ މިދިޔަ އަހަރު ދެއްކި "ކޮފީ ވިތު ކަރަން" ގެ އެޕިސޯޑެއްގައި އާލިއާ ބަޓް އަށް އޮޅިގެން ބުނެވުނެވެ. މިހާރު އާލިއާ ކޮށްދިން ހެޔޮ ކަމުގެ ބަދަލު ދީޕިކާ ވަނީ ދީފަ އެވެ. އާލިއާ އާއި ދީޕިކާ އަދި ވަރަށް ގިނަ ފިލްމީ ތަރިން ބައިވެރިވި އިވެންޓެއްގައި ވާހަކަ ދައްކަމުން ދީޕިކާ އާލިއާ ކައިވެނިކުރަން އުޅޭ ކަމަށް ބުނެފި އެވެ.

މި އިވެންޓްގައި ތެލުގޫ ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީ އާއި ތެލުގޫ ތަރި ވިޖޭ ދޭވެރަކޮންޑާ ވެސް ބައިވެރިވި އެވެ. މި އިވެންޓުގައި ވާހަކަ ދައްކަމުން ވިޖޭ ބުނީ އޭނާ އަށް ދީޕިކާ އާއި އާލިއާ ވަރަށް ކަމުދެ އެވެ. އަދި އެމީހުންނަށްޓަކައި ހިތުގައި ޚާއްސަ ކަނެއް ދެވިފައިވާ ކަމަށެވެ. ދީޕިކާ ކައިވެނިކޮށްފައިވާތީ އޭނާ އާ ގުޅުމުގެ ފުރުސަތެއް ނެތް ކަމަށް ވިޖޭ ބުނުމާއެކު "އާލިއާ ވެސް އުޅެނީ ކައިވެނި ކުރާށޭ" ދީޕިކާ އަށް އޮޅިގެން ބުނެވުނެވެ.

ވަގުތުން އާލިއާ އެ ވާހަކަ ފޫބެއްދޭތޯ މަސައްކަތް ކުރި އެވެ. އެހެން ތި ބުނީ ކީއްވެހޭ ދީޕިކާ ކުރެން އާލިއާ ސުވާލު ކުރި އެވެ. ދީޕިކާ އަށް ނުދައްކަންވާ ވާހަކައެއް ދެއްކުނުކަން އެނގިގެން އަވަހަށް އޮޅުވާލުމުގެ ގޮތުން ވިޖޭގެ މޫނަށް އަންނަ ބަދަލު ބަލަން ބޭނުންވާތީ ގަސްތުގައި އެހެން ބުނީ ކަމަށް ދީޕިކާ ބުންޏެވެ.

އާލިއާ އާއި ރަންބީރު މީޑިއާގައި އެއްބަސް ނުވިޔަސް އެމީހުން ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭ ކަމުގެ ޚަބަރުތައް މިހާރު ވަނީ ވަރަށް ހޫނުވެފަ އެވެ.

ރަންބީރުގެ އާއިލާ އާއި އާލިއާގެ ގުޅުން ވަރަށް ރަނގަޅެވެ. އެހެންވެ މިހާރުއްސުރެ ކަޕޫރު އާއިލާގެ ޅީ ދަރިއެއްގެ ހައިސިއްޔަތުން އެ އާއިލާއިން އާލިއާ ބަލައިގެންފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.