ހަބަރު

ޔާމީން ހުންނެވި މާލެ ޖަލު ކައިރީ މުޒާހަރާ ކުރަން ފަށައިފި

Nov 30, 2019
1

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބަންދުގައި ބަހައްޓާފައިވާ މާލެ ޖަލު ކައިރީ ޕީޕީއެމް-ޕީއެންސީގެ އިސް ފަރާތްތަކާއި ސަޕޯޓަރުން މުޒާހަރާ ކުރަން ފަށައިފި އެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންއަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވާނެ ތަނެއް ކަނޑައަޅަން ދެން އެމަނިކުފާނު މާލެ ޖަލުގައި ބަންދު ކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ ނިންމައިފަ އެވެ. ނަމަވެސް އެމަނިކުފާނުގެ ވަކީލުން މިއަދު އެ ޖަލަށް ވަޑައިގަތުމަށް ފަހު ވިދާޅުވީ ރައީސް ޔާމީންއަށް ޖަލުގައި އަނިޔާ ލިބެމުންދާ ކަމަށާއި އެމަނިކުފާނު އޮންނެވީ ރައީސްއަކު ބަހައްޓަން އެކަށީގެންވާ ޖަަލެއްގައި ނޫން ކަމަށެވެ.

އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާ މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވެސް ގިނަ މެންބަރުން ވަނީ މާލެ ޖަލު ކައިރީ މުޒާހަރާ ކުރަން ގޮވާލައިފަ އެވެ. އަދި އެ ބައްދަލުވުމަށް ފަހު މިހާރު ގިނަ ސަޕޯޓަރުންނާއެކު ކައުންސިލް މެންބަރުން ވަނީ މާލެ ޖަލު ކައިރިޔަށް އެއްވެފަ އެވެ. އަދި ފުލުހުން އަންނަނީ އެ ސަރަހައްދުގައި ތިބި މީހުން ދުރަށް ޖައްސަން މަސައްކަތް ކުރަމުންނެވެ. އެގޮތުން ގިނަ އަދަދެެއްގެ އެސްއޯ ފުލުހުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ފުލުހުން މިހާރު ވަނީ އެ ސަރަހައްދުގައި ބެރިކޭޑު ޖަހައި ބަންދުކޮށްފަ އެވެ. އަދި މިހާރު ޖަލު ސަރަހައްދުގައި ތިބި މީހުން ބެރިކޭޑު ފަހަތަށް ޖައްސަމުން އެބަދެ އެވެ. މާލެ ޖަލު ކައިރީ ތިބެގެން ރައީސް ޔާމީން މިނިވަން ކުރުމަށް ސަޕޯޓަރުން ގޮވާލަމުން އެބަދެ އެވެ. އަދި ސަރުކާރުގެ ވެރިން ޖަލަށް ލުމަށް ވެސް ގޮވާލަމުން އެބަދެ އެވެ.

މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި މާލެ ޖަލުގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދިރިއުޅުއްވާ ގެ ކައިރީ މުޒާހަރާ ކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.