ދުނިޔެ

ހަމަނުޖެހުން ބޮޑުވެ، އިރާގުގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވަނީ

ބަޣުދާދު (ނޮވެމްބަރު 30) - އިރާގުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ބޮޑު ލޭ އޮހޮރުވުމަކަށް ބަދަލުވުމާ ގުޅިގެން، މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށް ބޮޑު ވަޒީރު އާދިލް އަބްދުލް މަހުދީ ވިދާޅުވެއްޖެ އެވެ.

މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އިރާގުގައި ކުރަމުންދާ މުޒާހަރާތަކުގައި، ސަލާމަތީ ބާރުތަކާ ހިނގި ކުރިމަތިލުންތަކުގައި އިއްޔެ އެކަނި ވެސް 50 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ކޮރަޕްޝަނާއި، ވަޒީފާ މަދުވުމާއި އާއްމު ހިދުމަތުގެ ފެންވަރު ދަށްވުމާ ގުޅިގެން ފެށި މުޒާހަރާތައް ކޮންޓްރޯލް ކުރުމުގެ ތެރޭގައި ލައިވް ވަޒަނާއި ކަރުނަ ގޭހުގެ އިތުރުން ރަބަރު ވަޒަން ބޭނުން ކުރުމުގެ ސަބަބުން މިހާތަނަށް އެތަކެއް ސަތޭކަ މީހުން މަރުވެފައިވާއިރު، އެތަކެއް ހާސް މީހުނެއް ވަނީ ޒަހަމްވެފަ އެވެ.

މަހުދީ ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ އިސްތިއުފާގެ ސިޓީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. އެއަށްފަހު އާ ބޮޑު ވަޒީރަކު އައްޔަނު ކުރުމުގެ މަސައްކަތް ކުރުމަށް މަޖިލީހުގައި އެދިވަޑައިގަންނަވާނެ ކަމަށް ވެސް މަހުދީ ވަނީ ވިދާޅުވެފަ އެވެ.

މަހުދީ އިސްތިއުފާ ދެއްވަން ނިންމުމާއެކު މުޒާހަރާގެ ބައިވެރިން އުފާ ފާޅު ކުރި ނަމަވެސް، ރައްޔިތުން އެދެމުންދާ ކަންކަން ފުރިހަމަ ނުވަނީސް މުޒާހަރާތައް ހުއްޓާ ނުލާނެ ކަމަށް ވަނީ އިއުލާނު ކޮށްފަ އެވެ.