ހަބަރު

މަޖިލީހުގެ ދައުރު އަނެއްކާވެސް އިތުރުކޮށްފި

Dec 2, 2019

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރު އިތުރު ދެ ދުވަހަށް ދަންމާލަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މިހާރު ހިނގަމުންދާ ދައުރުގެ މުއްދަތު ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހާ ހަމައަށް މިހާރުވެސް އިތުރުކޮށްފައިވަނިކޮށް، މި ދައުރަށް އަނެއްކާވެސް ދެ ދުވަސް އިތުރުކުރަން ފާސްކުރީ މިއަދުގެ ޖަލްސާގައި އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ދައުރު އިތުރުކުރަން ނުފެންނަ ކަމަށް ދެ މެންބަރަކު ވޯޓު ދެއްވި އިރު، ވަކި ކޮޅަކަށް ވޯޓު ދެއްވަން ބޭނުންނުވި މެންބަރަކު އިންނެވި އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ދެވަނަ ދައުރުގެ ޖަލްސާތައް ކުރިއަަށް ދާނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އިތުރު ދުވަސްތަކަކަށް ދައުރު ދަންމާލާނަމަ މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުން ވޯޓު ދީގެން އެ ގޮތަށް ފާސް ކުރަން ޖެހެ އެވެ.

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ވިދާޅުވެފައިވަނީ، މަޖިލީހުގައި މުހިއްމު ބިލްތަކާއި މަސައްކަތްތައް ހުށަހެޅިފައިވާތީވެ އެ މަސައްކަތްތައް ނިންމުމުގެ ގޮތުން މަޖިލީހުގެ ދައުރު އިތުރުކުރަން ބޭނުންވާ ކަމަށެވެ.

މަޖިލީހުގައި މިހާރު ފާސްނުކުރެވި އޮތް މަސައްކަތްތަކުގެ ތެރޭގައި އަންނަ އަހަރަށް ލަފާ ކުރާ 37.8 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓާއި، އިންކަމް ޓެކްސްގެ ބިލާއި، ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބަށް އިސްލާހު ގެނައުމުގެ ބިލާއި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހިމެނެ އެވެ.

ބަޖެޓްގެ މަސައްކަތް ކޮމިޓީން ނިންމައި ތަޅުމަށް ފޮނުވިއިރު، ބިލްތަކުގެ މަސައްކަތް އޮތީ ކޮމިޓީ މަރުހަލާގަ އެވެ. އެނގިފައިވާ ގޮތުގައި މަޖިލިސް ދައުރު ނިމުމުގެ ކުރިން މި މަސައްކަތް ނިންމަން ވަނީ އަމާޒުކޮށްފަ އެވެ.