ދުނިޔެ

ސޫދާންގެ ފެކްޓަރީއެއްގައި ރޯވެ 23 މީހަކު މަރުވެއްޖެ

Dec 4, 2019

ސޫދާނުގެ މުށި އުފައްދާ ފެކްޓަރީއެއްގައި ރޯވެ 23 މީހަކު ފިހިގެން މަރުވެއްޖެ އެވެ. ފެކްޓަރީގައި އަލިފާން ރޯވީ، ބޭރުގައި އޮތް ގޭސް ޓޭންކަރެއް ރޯވެ ފަޅައިގެން ދިޔުމުގެ ސަބަބުންނެވެ.

ސޫދާނުގެ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ، އަލިފާން ރޯވުމުގެ ސަބަބުން ފެކްޓަރީގައި އެވަގުތު ތިބި މީހުންގެ ތެރެއިން 130 މީހަކު ވަރަށް ބޮޑަށް ފިހި ހާލު ސީރިއަސް ވެފައިވާ ކަމަށެވެ. މަރުގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.

އަލިފާން ރޯވި މުށި ފެކްޓަރީ ހުރީ އިންޑަސްޓްރިއަލް ޒޯނެއްގައި ކަމަށްވުމުން، ސިފައިންނަށް އަލިފާން ނިއްވާލުމަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. ރޯވި ފެކްޓަރީއާ ހަމައަށް ސިފައިންނަށް ދެވުނީ އަލިފާން ރޯވިތާ ދެ ގަޑިއިރު ފަހުންނެވެ. އޭރު ގިނަ ބައެއްގެ ގައިގައި އަލިފާން ރޯވެގެން ދުވާ ކަމަށް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި މީހަކާ ހަވާލާދީ ސޫދާނުގެ ނޫހަކުން ރިޕޯޓް ކޮށްފައިވެ އެވެ.

ސޫދާނުގެ ސިއްހީ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ހާދިސާގައި ހާލު ސީރިއަސްވި މީހުނަށް ލޭ ނުލިބުމުގެ ސަބަބުން އެމީހުންގެ ފުރާނަ އިތުރަށް ނުރައްކަލަށް ހުށަހެޅިފައި ވެއެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރިއިރު އަލިފާން ރޯވި ފެކްޓަރީއަކީ ސަލާމަތީ މިންގަނޑުތަށް ފުރިހަމަނުކޮށް ހުރި ފެކްޓަރީއެއްކަން ވަނީ އެގިފަ އެވެ. ތަހުގީގުން އެގުނު ގޮތުގައި ފެކްޓަރީ ހިންގަމުން ދިޔައީ އަލިފާން ނިއްވާނެ އެއްވެސް ވަސީލަތެއް ނެތި އެވެ. އަދި އެމަޖެންސީ ދޮރެއް ވެސް ނެތި ގާނޫނާ ހިލާފަށެވެ.