ހަބަރު

އިންޑިއާ-ރާއްޖެ ހަތަރު އެއްބަސްވުން ބަދަލުކޮށްފި

Dec 4, 2019
6

އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު މުހިންމު ހަތަރު އެއްބަސްވުމެއް ބަދަލުކޮށްފި އެވެ.

ދެ ގައުމުގެ ދެމެދު މިއަދު ބަދަލުކުރި އެއްބަސްވުންތަކުގެ ތެރޭގައި އައްޑޫ ސިޓީގެ ތިން ސަރަހައްދެއްގައި "ގޭދޮށު މަސް ޕްލާންޓް" ގާއިމުކުރުމުގެ އެއްބަސްވުމަކާއި ރުޕޭކާޑު ރާއްޖޭގައި ތައާރަފުކުރުމާ ބެހޭ އެއްބަސްވުމާއި، މާލޭގެ މަގުބައްތިތައް ލެޑް ބައްތިއަށް ބަދަލުކުރުމުގެ މަޝްރޫއު އިފްތިތާހުކުރުމުގެ އެއްބަސްވުމާއި، އިންޑިޔާއިން ރާއްޖޭގެ ކޯސްޓްގާޑަށް ހަދިޔާކުރާ ކަނޑު އުޅަނދު ރާއްޖެއާ ރަސްމީގޮތުން ހަވާލުކުރުމުގެ އެއްބަސްވުން ހިމެނެއެވެ.

ވީޑިޔޯ ކޮންފަރެންސްކޮށް މިއަދު މި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގެން ތަގުރީރު ކުރައްވާފައިވެ އެވެ. މިއީ ދިވެހި ސަރުކާރާ ދޭދޭ ގައުމެއްގެ ސަރުކާރަކާއެކު މިގޮތަށް ބޭއްވި ފުރަތަމަ ރަސްމިއްޔާތެވެ.

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން އިންޑިއާއެކު އޮތް ގުޅުން ވަނީ އިތުރަށް ބަދަހިވެގެން ގޮސްފަ އެވެ. އިންޑިއާއިން ރާއްޖެއަށް އިސްކަމެއް ދެމުންދާއިރު މޯދީ ވަނީ ދެ ފަހަރެއްގެ މަތިން މި ސަރުކާރުގައި ރާއްޖެ ވަޑައިގެންފަ އެވެ. އަދި ރައީސް ސޯލިހު ވެސް ވަނީ އިންޑިއާއަށް ދަތުރުފުޅެއް ކުރައްވާފަ އެވެ. އިންޑިއާއިން ވަނީ ހިލޭ އެހީ ވެސް ރާއްޖެއަށް ދީފަ އެވެ.