ހަބަރު

ހަ އަހަރުގެ ހާފިޒް، ޔޫޔޫއަށް ގިބްލައިން އުމްރާ ދަތުރެއް

އުމުރުން އެންމެ ހަ އަހަރުގައި ކީރިތި ގުރުއާން ހިތުން ދަސްކުރި ރ. އިނގުރައިދޫ، އުދަރެސް / ޔޫސުފް ބިން މާޒިން (ޔޫޔު) އަށް، ޤިބްލަ ހައްޖު އެންޑް އުމްރާ ގުރޫޕުން، އުމްރާ ދަތުރެއް ދީފި އެވެ.

ޔޫސުފްއަށް އެ ޖަމާއަތުންދޭ އުމްރާ ދަތުރު ހަވާލުކުރުމަށް މިއަދު ހޮޓެލް ޖެން ވަނީ ހަފްލާއެއް ބާއްވާފައެވެ. މި ހަފްލާގައި އުމްރާ ދަތުރުގެ ލިޔުމާއި، އުމްރާ ކިޓް ޔޫސުފްއަށް ވަނީ ހަވާލުކޮށްފައެވެ.

އުމްރާ ކިޓް ހަވާލުކޮށްދެވީ ޤިބްލަ ހައްޖު އެންޑް އުމްރާ ގުރޫޕްގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސްއެވެ.

ޤިބްލަ ހައްޖު އެންޑް އުމްރާ ގުރޫޕުން ބުނީ ޔޫސުފްއަށް އުމްރާ ދަތުރެއް ދިނުމަށް ނިންމީ ގުރުއާން ހިތުދަސް ކުރުމަށް ކުރި މަސައްކަތަށް ހިތްވަރު ދިނުމަށް ކަމަށެވެ. އަދި މިއީ ގުރުއާން ހިތުން ދަސްކުރުމަށް މަސައްކަތް ކުރާ އެހެން ކުދިންނަށްވެސް ހިތްވަރު ދިނުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ.

"ޔޫސުފްގެ ވަރަށް ބޮޑު އުންމީދެއް ގެފުޅު ބަލާލަން ދިއުމަކީ. އެހެންވީމަ އެ އުންމީދު ހާސިލްކޮށްދިނުމުގެ އިތުރުން އެހާ ޅަ އުމުރެއްގައި ގުރުއާން ހިތު ދަސްކުރުމުން އެކަމުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމަށް ބޭނުންވީ." ޔާމީން ވިދާޅުވިއެވެ.

ހަ އަހަރުގައި ކީރިތި ގުރުއާން ހިތުން ދަސްކުރި ޔޫސުފް ބިން މާޒިން (ޔޫޔު) އާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމާއި، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ބައްދަލްކުރައްވާ ހިތްވަރު ދެއްވާފައިވެއެވެ.

އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްވެސް ވަނީ ޔޫސުފްއާއި ބައްދަލްކޮށް ހަދިޔާ ދެއްވާފައެވެ.

ޔޫސުފްގެ ވާހަކަ އާންމުންގެ ސަމާލުކަމަށް އައީ ޔޫޔުއާއި ގުޅޭގޮތުން އަވަސްގައި ގެނެސްދިން ޚާއްސަ އިންޓަވިއުންނެވެ. އެ އިންޓަވިއުގައި ޔޫޔު، ކީރިތި ގުރުއާން ހިތުން ދަސްކުރުމަށް ކުރި މަސައްކަތް އޭނާގެ ބެލެނިވެރިން ވަނީ ކިޔައިދީފައެވެ. އަދި ޔޫޔުއަށް އެ މަސައްކަތްކޮށްދިން ދޮންދޫނި ލިޓުލް ލާނާސް ޕްރީ ސްކޫލްގެ ވާހަކަތައްވެސް ވަނީ ގެނެސްދީފައެވެ.

ޔޫޔުގެ މަންމާ، އުންމު ހާނީއަކީ ރީތިކޮށް ގުރުއާން ކިޔަވާ، ގުރުއާނުގެ ތަރިއެކެވެ. ޓީވީއެމްގައި އެންމެ ފަހުން ބޭއްވި "އެންމެ އަލިގަދަ ތަރި" މުބާރާތުގައި އޭނާ ވަނީ ދެވަނަ ހޯދާފަ އެވެ. އަދި އުންމު ހާނީއަކީ ކީރިތި ގުރުއާން ހިތުދަސް ހާފިޒެކެވެ.

ޔޫޔުއަކީ ވަރަށް ކުޑައިރުން ފެށިގެން ރީތިކޮށް މަޚުރަޖަށް ކިޔަވަން ފެށި ކުއްޖެކެވެ. އޭނަގެ މަންމާ، އުންމު ހާނީއަކީ ގުރުއާން ކިޔަވައިދޭ މުދައްރިސެކެވެ. މަންމާ ކިޔަވައިދޭ އިރު ޔޫޔު ވެސް ދިޔައީ ފަހަތުން ގުރުއާންގެ އާޔަތްތައް ރީތި މަހުރަޖާގައި ކިޔަވައި ހިތުދަސް ކުރަމުންނެވެ. އެކަންވީ އާދަހިލާފު ކަމަކަށެވެ. އަދި އެކަންވީ ޔޫޔު އަށް ކިޔަވައިދޭން ވެސް ފަސޭހަވި ސަބަބަކަށެވެ.

ނާސަރީގައި ކިޔެވި އިރު ޔޫޔު ދެ ފޮތް ހިތު ދަސް ކުރި އެވެ. އޭގެ ކުރިން އަންމާފޮތް އެއްކޮށް މުރާޖައާކުރިއެވެ. އަދި އެލްކޭޖީގައި އިތުރު ފަސް ފޮތް ދަސްކުރި އެވެ. އެ މަރުހަލާ ނިންމާލީ ޖުމްލަ އައް ފޮތް ދަސްކޮށް އެ އަށް ފޮތް އެކަށް މުރާޖައާ ކުރުމަށް ފަހުއެވެ.

ޔޫކޭޖީގައި ޔޫޔު ހޭދަކުރި އަހަރަކީ ގުރުއާނާއެކު އެންމެ ގިނަ ވަގުތު ހޭދަކުރި އަހަރެވެ. އެއީ އިއްޔެ ސްކޫލް ޗުއްޓީ ފެށި މި އަހަރެވެ. މިއަހަރު ތެރޭ ޔޫޔު ވަނީ 22 ފޮތް ހިތުން ދަސްކޮށްފަ އެވެ. މިދިއަ އޮކްޓޫބަރު މަހު އެކަނި ޔޫޔު ވަނީ 10 ފޮތް ހިތު ދަސްކޮށްފަ އެވެ. މިހާރު ގެންދަނީ އެ ބައިތައް މުރާޖައާ ކުރަމުންނެވެ.