ޖޭއެސްސީ

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ފުރުސަތު ހުޅުވާލަައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ބުނީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ ނުވައެއްވާ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ މަގާމަށް ކުރިމަތިލާ މީހެއްގެ ހުންނަން ޖެހޭ ޝަރުތުތަކަކީ އިދާރީ ހިންގުމުގެ ނުވަތަ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމުގެ އިތުރުން އިދާރީ ހިންގުމުގެ ނުވަތަ ގާނޫނީ ދާއިރާއިން ދިހަ އަހަރުގެ ތަޖުރިބާ ލިބިފައިވުމެވެ.

މީގެ އިތުރުން މުސްލިމަކަށް ވުމާއި، ދިވެހި ރައްޔިތަކަށް ވުމުގެ އިތުރުން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމެވެ.

ޖޭއެސްސީގެ އިއުލާނުގައި ބުނެފައިވަނީ އެ މަގާމަށް ކުރިމަތިލާ މީހުންގެ މެދުގައި ކުރެވޭ އިންޓަވިއުގައި ބަލާނީ ތައުލީމް، ތަޖްރިބާ އަދި ގާބިލް ކަމަށެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށް މުސާރައިގެ ގޮތުގައި 30،500 ރުފިޔާ، ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އަދި ފޯން އެލަވަންސްގެ ގޮތުގައި 2،000 ރުފިޔާ ލިބޭނެ އެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ އެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ނަޒީރާއި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދުގެ މަގާމު ގެއްލޭ ގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެންނެވެ.

މަޖިލީހުން ގެނައި ބަދަލުވާ ގޮތުން ޖޭއެސްސީގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ނަމުގައި އާ އިދާރާއެއް އުފައްދައި، މިހާރު ސުޕްރީމް ކޯޓުގެ ދަށުން ހިންގާ ޑީޖޭއޭ އުވޭނެ އެވެ. އަދި އެ އިދާރާގެ އެންމެ އިސް ފަރާތުގެ ގޮތުގައި ޗީފް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކު އައްޔަން ކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކަށް މީހަކު އައްޔަން ކުރުމާއި އެ މަގާމުގައި ހުންނަ މީހަކު މަގާމުން ވަކިކުރުމުގެ ބާރު އެ ބިލުން ދީފައި ވަނީ ވެސް ޖޭއެސްސީއަށެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ މަގާމަށް މ. އެމޭޒަން، ޑރ. އަބްދުﷲ ނަޒީރު ހަމަޖެއްސެވީ ނޮވެންބަރު 28، 2018 ގައެވެ. އޭގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑރ. ނަޒީރު ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ.