ވިޔަފާރި

"އިންކަމް ޓެކްސް ބިލަށް ގެނައި ބަދަލުން އާމްދަނީއަށް މާބޮޑު އަސަރެއް ނުކުރާނެ"

Dec 5, 2019
4

އިންކަމް ޓެކްސް ބިލަށް ރައްޔިތުން މަޖިލީހުން ގެނައި ބަދަލުގެ ސަބަބުން އާމްދަނީ މާބޮޑުތަން މަދުވެގެން ނުދާނެ، ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީގެ ޓެކްސް ޕޮލިސީ ކޮންސަލްޓެންޓް އަރުޝަދު ޖަމީލް އަވަސް އަށް ވިދާޅުވީ އިންކަމް ޓެކްސް ބިލަށް ގެނައި ބަދަލުގެ ސަބަބުން އާމްދަނީ މަދުވިނަމަވެސް، މާބޮޑުތަން މަދުވެގެން ދާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

"ޓެކްސް ނެގޭ ބްރެކެޓާއި ޕަސެންޓަށް ބަދަލު ގެނައި ނަމަވެސް، އެންމެ ގިނައިން ޓެކްސް ދައްކާ ފަރާތްތަކުގެ އަތުން ޓެކްސް ލިބޭނެ. އެހެންވެ، އާމްދަނީ އަށް މާބޮޑު ބަދަލެއް އަންނާނެ ކަމަކަށް ނުބެލެވޭ،" އަރުޝަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ޓެކްސް ދައްކައިގެން ލިބޭ އާމްދަނީގެ 85 ޕަސެންޓް ހިއްސާ ކުރަނީ 60 ފަރާތުން ކަމަށެވެ. މި ގެނައި ބަދަލާއެކު މި ފަރާތްތައް އިންކަމް ޓެކްސް ބްރެކެޓުގައި ހިމެނޭ ކަމަށް އަރުޝަދު ވިދާޅުވި އެވެ.

ސަރުކާރުން އިންކަމް ޓެކްސް ބިލު މަޖިލީހަށް ފޮނުވިއިރު އޮތް ގޮތުން، ޓެކްސް ދައްކަން ޖެހެނީ 40،000ރ. އަށްވުރެ މަތިން އާމްދަނީ ލިބޭ މީހުންނެވެ. މިއަދަދުން ޓެކްސް ނަގާނަމަ ޓެކްސް ދައްކަން ޖެހޭ މީހުންގެ އަދަދު 5،866 އަށް އަރަ އެވެ. ނަމަވެސް ރައްޔިތުން މަޖިލީހުން ގެނައި ބަދަލާއެކު ޓެކްސް ނަގާ އެންމެ ކުޑަ ސީލިންގެ ގޮތުގައި 60،000ރ. ކަނޑައެޅުމުން އިންކަމް ޓެކްސް ދައްކާ މީހުންގެ އަދަދު ވަނީ 3,245 އަށް ދަށްވެފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އަހަރު ނިމޭއިރު ރާއްޖެ އަށް ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ 16 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ.