ވިޔަފާރި

އުރީދޫން ރާއްޖެ އަށް ވައިފައި ކޯލިން ތައާރަފްކޮށްފި

Dec 6, 2019
3

އުރީދޫ މޯލްޑިވްސް އިން ވައިފައި ކަނެކްޝަނެއް މެދުވެރިކޮށް، އެންމެ ސާފު ކޮލިޓީގައި ވޮއިސް ކޯލް ކުރެވޭ "ވައިފައި ކޯލިން" ރާއްޖެ އަށް އަލަށް ތައާރަފްކޮށްފި އެވެ.

އުރީދޫގެ އާ ހިދުމަތް އިއުލާން ކުރެވިގެން ދިޔައީ އެ ކުންފުނިން ދާދިފަހުން ހުޅުމާލޭގައ ބޭއްވި އުރީދޫ ކަލަ ރަން މިއުޒިކް ޝޯގަ އެވެ. މި ހަފްލާގައި ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އަދި ކޮމިއުނިކޭޝަން އޮތޯރިޓީގެ ޗެއާމަން އިލްޔާސް އަހްމަދު ބައިވެރިވެޑައިގެންނެވި އެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ ކަސްޓަމަރުންގެ އިތުރުވަމުން އަންނަ މުވާސަލާތީ ބޭނުންތަކާ ގުޅޭގޮތަށް ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެންމެ ފަހުގެ ޓެކްނޮލޮޖީއަށް އިންވެސްޓް ކުރަމުންދާ ކަމަށެވެ.

"އެންމެ ދަތި އުނދަގޫ ހިސާބުތަކުގައިވެސް އެންމެ ސާފު ކޮލިޓީގައި ވޮއިސް ކޯލް ކުރުމުގެ ފަސޭހަކަން ފޯރުކޮށްދޭ ވައިފައި ކޯލިންގް ރާއްޖެ އަށް ތައާރަފް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަހުރެއް. މި ހިދުމަތް އުރީދޫގެ ކަސްޓަމަރުންނަށް އެއްވެސް އިތުރު ޗާޖަކާ ނުލާ މިހާރު ލިބިވަޑައިގަންނަވާނެ،" ނަޖީބު ވިދާޅުވި އެވެ.

ވައިފައި ކޯލް ކުރުމުން ލިބޭ ފައިދާ އަކީ ކޮބާ؟

  • އެންމެ ސާފު ކޮލިޓީގައި ވޮއިސް ކޯލް އަޑުއަހާލެވުން
  • ގޭތެރޭގެ މޯބައިލް ކަވަރޭޖަށް އިތުރު ފުރިހަމަކަމެއް ލިބުން
  • ބެޓެރި ޗާޖް ގިނައިރު ހިފެހެއްޓުން

މި ހިދުމަތް ހޯދުމަށް ބޭނުންވާ ކަންކަމަކީ ކޮބާ؟

  • ވައިފައި ބޭނުންކުރެވޭ ފޯނެއް
  • ވައިފައި ކޯލިންގް، ފޯނުން އެނޭބްލް ކުރެވިފައިވުން
  • އުރީދޫ 4G LTE ސިމް
  • VoLTE ހިދުމަތް އެކްޓިވްކޮށް އިނުން
  • ވައިފައި ނެޓްވާކްއަކާ ގުޅިފައިވުން ( ވައިފައި ކޯލިން އެންމެ އެދެވޭގޮތުގައި ބޭނުންކުރެވޭނީ އެންމެ ދަށްވެގެން 2 Mbps ކަނެކްޝަނެއްގަ އެވެ.)

ވައިފައި ކޯލް ކުރެވޭ ފޯންތަކަކީ ކޮބާ؟

  • ވާވޭ ޕީ20 ޕްރޯ
  • ވާވޭ ޕީ30
  • ވާވޭ ޕީ30 ލައިޓް
  • ވާވޭޕީ30 ޕްރޯ
  • ވާވޭ މޭޓް 20
  • ވާބޭ ނޯވާ 3އައި
  • އެޕަލް އައިފޯން 6 އަދި 6 ޕްލަސް
  • އެޕަލް އައިފޯން 7 އަދި 7 ޕްލަސް
  • އެޕަލް އައިފޯން 8 އަދި 8 ޕްލަސް
  • އައިފޯން އެކްސް އަދި އައިފޯން އެކްސް ރޭންޖްގެ އެހެނިހެން ފޯނުތައް
  • އައިފޯން 11 އަދި އައިފޯން 11 ރޭންޖްގެ އެހެނިހެން ފޯނުތައް

އުރީދޫން ބުނީ ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކާ ގުޅޭ ތަފާތު ހިދުމަތްތައް ތައާރަފްކޮށް، އުރީދޫ ނެޓްވާކް މެދުވެރިކޮށް ދިރިއުޅުމަށް އިތުރު ފުރިކަމަކަމެއް ގެނެސްދިނުމަށްޓަކައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. ވައިފައި ކޯލިންގް (ވޮވައިފައި) އަކީ މޮބައިލް ކަވަރޭޖް ލިބުން ދަތި ހިސާބުތަކުގައާއި ފޯން ފްލައިޓް މޯޑްގައި ބޭނުންކުރަންޖެހޭ ވަގުތުތަކުގައި، ވައިފައި ނެޓްވާކެއް މެދުވެރިކޮށް ކޯލްކޮށް އަދި ކޯލް ރިސީވްކުރުމުގެ ފަސޭހަކަން ލިބިދޭ ހިދުމަތެއް ކަމަށް ބުނެފައިވެ އެވެ.

މި ހިދުމަތް ބޭނުންކުރުމަށްޓަކައި، ފޯނުން އެންމެ ފަހުގެ ކެރިއާ އަޕްޑޭޓް ކުރަން ޖެހޭނެ އެވެ. އައިފޯން ބޭނުންކުރައްވާ ފަރާތްތަކަށް އައިއޯއެސް ވާޝަން 13.2 ނުވަތަ އެއަށް ވުރެ މަތީގެ ވާޝަން އެއް މި ހިދުމަތަށް ބޭނުންވާއިރު، ހުއާވޭ ކަސްޓަމަރުންނަށް ވެސް އެންމެ ފަހުގެ އެންޑްރޮއިޑް އަޕްޑޭޓް މި ހިދުމަތަށް ބޭނުންވާނެ އެވެ. ވައިފައި ކޯލިންގް ގެ ހިދުމަތް ލިބޭނީ އުރީދޫ 4G ސިމް ބޭނުންކުރާ، VoLTE ހިދުމަތް އެކްޓިވޭޓް ކޮށްފައިވާ ކަސްޓަމަރުންނަށެވެ. މި ހިދުމަތް، *929*6*8# އަށް ގުޅައިގެން ފަސޭހަކަމާއެކު އެކްޓިވޭޓްކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.