ވިޔަފާރި

ދައުލަތުގެ ކުންފުނިތަކުގެ ވައްޓަފާޅި ބަދަލުކުރަންޖެހޭ!

Dec 7, 2019
6

އެޑިޓަރުގެ ނޯޓް: މި ލިޔުން ލިޔުނީ އިޖްތިމާއީ ތަރައްގީގައި ހަރަކާތްތެރިވަމުންދާ ޕީކޮކް ކޮންސަލްޓިންގެ ފަރާތުން އަނިލް އާދަމެވެ.

ދިވެހިރާއްޖޭގެ ދަޢުލަތުގެ ކުންފުނިތަކަކީ ރާއްޖޭގެ އިޤްތިޞާދުގައި މުހިންމު ރޯލެއް އަދާކުރާ މުއައްސަސާތަކެކެވެ. ތަރައްޤީވެފައިވާ ޤައުމުތަކުގައި ދަޢުލަތުން ވިޔަފާރިތަކުގައި ޝާމިލްވުން މަދު ނަމަވެސް، ތަރައްޤީވަމުން އަންނަ ދިވެހިރާއްޖެ ކަހަލަ ކުދި ޖަޒީރާ ޤައުމެއްގައި އިޤްތިޞާދު ހަމަމަގުގައި ކުރިއަށް ގެންދިޔުމަށް ދަޢުލަތުގެ ބައިވެރިވުން އެކަށޭނެ މިންވަރެއްގައި އޮތުމަކީ މުހިންމު ކަމެކެވެ. އިޤްތިޞާދީ މާހިރުންގެ ނަޒަރުގައި ޢާންމު ފަރުދުންނަށް އެންމެ ހެޔޮ ނަފާ ލިބޭނީ ފުރިހަމަ ވާދަވެރި ބާޒާރެއް، "ޕާރފެކްޓް ކޮމްޕެޓިޝަން" އެއް ކޮންމެ ސިނާއަތެއްގައި ޤާއިމްކުރެވުމުންނެވެ. ދުނިޔޭގެ ބައެއް ޤައުމުތަކުގައި އަޞާސީ ޚިދުމަތްތައް ކަމުގައިވާ ކަރަންޓާއި ފެނާއި މުއާޞަލާތީ ދާއިރާތައް ފަދަ ގިނަ އަޞާސީ ޙިދުމަތްތަކަކީ ވެސް އަމިއްލަ ފަރާތްތަކަށް ހުޅުވާލެވިފައިވާ ވާދަވެރި ވިޔަފާރިތަކެކެވެ. ނަމަވެސް، ދިވެހިރާއްޖެއަށް މިކަން ތަންފީޒުކުރުމުގައި ގޮންޖެހުންތަކެއް އެބަހުއްޓެވެ.

ދިވެހިރާއްޖޭގެ އާބާދީ ކުޑަކަމީ ދަޢުލަތުން ވިޔަފާރިތަކުގައި ޝާމިލްވާންޖެހޭ އެންމެ މުހިންމު އެއް ސަބަބެވެ. އަމިއްލަ ފަރާތްތަކަށް މިފަދަ އަޞާސީ ޚިދުމަތްތައް ދޭން ނިންމައިފި ނަމަ އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މި ފަދަ ސިނާއަތްތަކަށް ކުރަންޖެހޭ އިންވެސްޓްމަންޓް ބޮޑުކަމާއި އެކު އެކަށޭނެ އަގެއްގައި މިފަދަ ޚިދުމަތްތައް ދިނުމުން އިންވެސްޓްމަންޓްތައް ދެކޮޅު ޖެއްސުމަށް ހުރި ގޮންޖެހުންތަކެވެ. ނަމަވެސް، ދަޢުލަތުން މިފަދަ ޚިދުމަތްތައް ދޭ ނަމަ، މިފަދަ އިންވެސްޓްމަންޓްތައް ކުރުމުގެ މަޤްސަދު އަމިއްލަ ފަރާތްތަކާއި ތަފާތެވެ. މިގޮތުން މާލީ ބޮޑު ނަފާއެއް ހޯދުމަށްވުރެ އާންމު ރައްޔިތުންނަށް މިފަދަ ޚިދުމަތްތައް އަތްފޯރާފަށެއްގައި ދިނުމަކީ ދިވެހިރާއްޖެ ފަދަ އިޤްތިސާދީގޮތުން ނާޒުކު ޤައުމަކަށް ސިޔާސީ ގޮތުންނާއި އިޖްތިމާޢީ ދުޅަހެޔޮކަމަށް އިތުރުވާނެ ބޮޅެކެވެ.

ދަޢުލަތުގެ ކުންފުނިތައް ނުވަތަ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސްތައް މެދުވެރިކޮށް ޢާންމުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެ ބޮޑު މަޤްޞަދަކީ މިފަދަ ގިއުގަނޑެއްގެ ތެރެއިން މި ޚިދުމަތްތައް ރާވާ ފޯރުކޮށްދިނުން ހަރުދަނާވާނެކަމަށް ޤަބޫލުކުރެވޭ ވިސްނުމެވެ. އަދި މިފަދަ ނިޒާމެއްގެ ތެރޭން މި ކުންފުނިތައް ތަބާވާންޖެހޭ ކުންފުންޏާބެހޭ ޤާނޫނުގެ ސަބަބުން ނިންމުންތައް ހަލުވިކަމާއެކު ނިންމުމަށް މަގުފަހިކޮށްދެއެވެ. ނަމަވެސް، ދަޢުލަތުގެ ވުޒާރާއެއް ނުވަތަ އޮތޯރިޓީއެއްގެ ދަށުން މިފަދަ ޚިދުމަތްތައް ދޭނަމަ ގިނަގުނަ ގޮންޖެހުންތަކާ ދިމާވާނެއެވެ. މިގޮތުން، ޤާބިލް މުވައްޒަފުން ހޯދުމަށް އެކަށައަޅަންޖެހޭ ރަނގަޅު އުޖޫރައެއް ކަނޑައެޅުމުގެ އިތުރުން މުވައްޒަފުން ވަޒީފާއަށް ހޮވުމުގައްޔާއި ވަކިކުރުމުގައި ތަބާވާންޖެހޭނީ ސިވިލް ސާރވިސްގެ އޮނިގަނޑަށެވެ. ރާއްޖޭގައި މީގެ ކުރީގައި މިފަދަ ބައެއް ޚިދުމަތްތައް ދެމުންދިޔައީ ދަޢުލަތުގެ ވުޒާރާއެއްގެ ދަށުންނެވެ. މިގޮތުން ފެނާއި ކަރަންޓް އަދި މުވާޞަލާތުގެ ޚިދުމަތުގެ އިތުރުން ވަޔާއި ކަނޑުގެ ބަނދަރުގެ ޚިދުމަތްތަކަކީ ދަޢުލަތުގެ އޮފީހެއްގެ ދަށުން ޚިދުމަތްތައް ދެމުންއައި ބައެއް ދާއިރާތަކެކެވެ.

ދަޢުލަތުން ވިޔަފާރިތަކުގައި ޝާމިލްވާންޖެހޭ ސަބަބުތައް ދިވެހިރާއްޖޭގައި އޮތް ނަމަވެސް، އަޅުގަޑުގެ ހިތަށް އަރާ ސުވާލަކީ ދަޢުލަތުން މި ޚިދުމަތްދިނުމުގައި ޝާމިލްވުމުން އޭގެ އެންމެ އެކަށޭނެ ނަފާ ދިވެހި ޤައުމާއި އާންމު ފަރުދުންނަށް ކުރޭބާވައެވެ؟ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި ދަޢުލަތުގެ ޙިއްސާވާ 23 ކުންފުނި ހިމެނޭ އިރު އޭގެތެރެއިން ފައިދާ ވަނީ އެންމެ 11 ކުންފުންޏަކަށެވެ. މީގެތެރޭގައި ވަޞީލަތުގެ ގޮތުން މުއްސަނދި ކުންފުނިތައް ހުރިކަމުގައި ވީ ނަމަވެސް، އެފަދަ ކުންފުނިތަކުގެ ހިނގުމުގެ ދޯހަޅިކަމާއި ކޮރަޕްޝަންގެ ފަސާދަ ބޮޑުކަމުން މިކުންފުނިތަކުން ފައިދާ ނުވާ ހާލު، އާންމު ރައްޔިތުންނަށް މި ކުންފުނިތަކުން ޚިދުމަތް ލިބެނީ ބޮޑެތި އަގުތަކުގައެވެ.

އިޤްތިޞާދުގެ ބޮޑު މަންޒަރަށް ބަލާނަމަ މިފަދަ ކުންފުނިތަކަކީ ދިވެހި ޤައުމުގައި ފަރުވާ ބޭނުންވެފައިވާ ބޮޑުވަމުން އަންނަ ފާރުގަނޑުތަކެވެ. އަޅުގަޑަށް ފެންނަ މަންޒަރަކީ ދަޢުލަތުގެ މިފަދަ ކުންފުނިތަކުގައި މަސައްކަތްކުރާ ބައެއް ބޯޑު މެމްބަރުންގެ ކިބައިން ފެށިގެން މިފަދަ ކުންފުނިތަކުގެ އެންމެ އާދައިގެ މުވައްޒަފުންގެ އަތުގެ ކޮޅާއި ހަމައަށް ކޮރަޕްޝަންގެ ވަބާ ފެތުރެމުންދާ ތަނެވެ. މިފަދަ ކުންފުނިތަކުގެ ޚަރަދު ފޫނުބެއްދިއްޖެ ނަމަ އެކުންފުނިތަކަށް ފައިސާ ހޯދަނީ ދަޢުލަތުގެ ބަޖެޓުންނެވެ. މިއީ ދަޢުލަތުގެ ޙިއްޞާވާ ގިނަ ކުންފުނިތަކުގެ ހާލެވެ.

ޙައްލަކީ ކޮބާ؟

މިއަދުގެ ދުނިޔޭގެ އިޤްތިޞާދީ ހަޤީގަތަށް ބަލާނަމަ އެންމެ ކާމިޔާބު ގޮތަކީ ދަޢުލަތުގެ ޝާމިލްވުން ވިޔަފާރިތަކުގައި ވިހާވެސް މަދުކޮށް އަމިއްލަ ފަރާތްތަކުގެ ދައުރު އިޤްތިޞާދުގައި އިތުރުކުރުމެވެ. އަދި ދަޢުލަތް ވާންވާނީ އިޤްތިޞާދުގައި އެކުލެވިގެންވާ އެކި ސިނާއަތްތަކުގެ މަސްލަޙަތު އެންމެ ރަނގަޅު ގޮތުގައި ކުރިއެރުވުމަށް ބޭނުންވާ ޤާނޫނާއި ޤަވާޢިދުތައް ހަދާ ތަންފީޒުކުރާ ފަރާތަކަށެވެ. އިނގިރޭސީ ބަހުން ބުނާ 'ރެގިއުލޭޓާރ' އެއްގެ ރޯލު ފުރިހަމަގޮތުގައި އަދާކުރުމެވެ. މިގޮތުން ޤައުމީ ސަލާމަތާއި ފަރުދީ، އިޖްތިމާޢީ އަދި އިޤްތިޞާދީ މަސްލަޙަތު އެންމެ ރަނގަޅު ގޮތުގައި ތަންފީޒު ކުރެވޭނެ ގޮތަކަށް ޤާނޫނާއި ޤަވާއިދުތައް މި ސިނާއަތްތަކުގެ މައްޗަށް ތަންފީޒުކުރުމެވެ.

ދިވެހިރާއްޖޭގައި ހުރި ދަޢުލަތުގެ ކުންފުނިތައް ދެމެހެއްޓުމަށް އަޅުގަނޑު ދެކޭ ގޮތުގައި ހުރީ މަތީގައި ބަޔާންކުރެވުނު އިސްތިސްނާ ޙާލަތްތަކެކެވެ. މިކަމުގައި ރާވަންޖެހެނީ ކާމިޔާބު އައްސޭރިއަކަށް ދެވޭނެ ގޮތެކެވެ. މި ކުންފުނިތަކުގެ ދިގު ރާސްތާ ރޭވުމަކަށް ވާންވާނީ މި ކުންފުނިތައް ހަރަކާތްތެރިވާ ދާއިރާތަކަކީ ފުރިހަމަ ނަފާ ލިބޭ ދާއިރާތަކެއްގެ ގޮތުގައި ބަދަލުވެ، އާންމު ފަރާތްތަކަށް މިދާއިރާގައި އިންވެސްޓްކުރެވޭނެ ރަނގަޅު މާކެޓެއްގެ ގޮތުގައި މިދާއިރާތައް ބަދަލުވުމެވެ. މިކަމަށް ބޭނުންވަނީ ސިޔާސަތުތައް އެކުލަވާލުމުގައި ދުރުރާސްތާ އަމާޒަކަށް ވާސީލްވެވޭނެ އިސްތިރާޖީ ރޭވުންތަކެކެވެ. އެއީ ދަޢުލަތުގެ ކުންފުނިތަކަށް ފޭދޭ ކޮރަޕްޝަންގެ ބަލި ހުއްޓުވުމަށާއި އެކުންފުނިތަކުގެ ނިންމާ ނިންމުންތަކަކީ ކުންފުނީގެ ޖުމުލަ މަޞްލަޙަތު އިސްވާ ނިންމުންތަކެއްގެ ކަނޑައެޅޭނެ ގޮތްތަކެކެވެ. މިކަން ތަންފީޒު ކުރަން ބޭނުންވާ ޤާނޫނީ އުނިކަން ނައްތާލާ ކުންފުނިތަކުގެ ވެރިން ޒިންމާދާރު ކުރެވޭނެ މުހިންމު އިސްލާޙުތަކެކެވެ. އަޅުގަޑު ދެކޭގޮތުގައި މިއަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ މިކަން އިސްލާހުކުރެއްވުމުގެ ގޮތުން މުހިންމު ފިޔަވަޅެއް އަޅުއްވާފައެވެ. ވިސްލް ބްލޮވަރ ނުވަތަ ދަޢުލަތާއި ކުންފުނިތަކުގެ ނުކިއްސަރު ޢަމަލުކުރާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރާ ފަރާތްތަކަށް ރައްކާތެރިކަން ލިބޭނެ ބިލެއް ތަސްދީގު ކުރައްވާފައެވެ. މިފަދަ އިތުރު އިސްލާހީ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އިން މި އަހަރުގެ އޮގަސްޓް މަހު އޭޝިއާގެ ޤައުމުތަކުގައި ދަޢުލަތުގެ ކުންފުނިތަކުގެ ހިންގުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ދިރާސާގައި ބަޔާންކޮށްފައިވަނީ ދަޢުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް މުހިންމު ދެކަމެއް ތަންފީޒުވާންޖެހޭ ކަމުގައި ފާހަގަކޮށްފައެވެ. މިގޮތުން ދަޢުލަތުގެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތަކީ ދަޢުލަތް ކަމުގައި ވީކަމުގައި ވީ ހިނދު، އެފަރާތް މަސްޢޫލު ވާންޖެހޭނީ އެފަދަ ކުންފުނިތަކަށް މަގު ދައްކާ ފަރާތެއްކަމުގައި އެކަނި ކަމުގައެވެ. އަދި ކުންފުނީގެ ނިންމުންތައް ނިންމުމުގައި ޢަމަލުކުރުމުގެ މިނިވަންކަން ކުންފުނިތަކުގެ ބޯޑާއި މެނޭޖްމަންޓަށް ލިބިދެވޭނެ އިންތިޒާމެއް ހަމަޖެހިފައި އޮންނަން ވާނެ ކަމުގައެވެ.

ދިވެހިރާއްޖޭގެ ދަޢުލަތުގެ ކުންފުނިތަކަށް ދިމާވާ ގޮންޖެހުމަކީ އޭޝިއާގެ ގިނަ ޤައުމުތަކެއްގެ ދަޢުލަތުގެ ކުންފުނިތަކަށް ވެސް ދިމާވާ ގިނަ ގޮންޖެހުމެވެ. ސިޔާސީ މަޤްޞަދު ޙާސިލްކުރުމަށް މި ކުންފުނިތައް ކުރެވޭ ޤުރުބާނީއެވެ. ޤާބިލް ތަޖްރިބާ ހުރި ފަރާތްތަކުގެ ބަދަލުގައި ސިޔާސީ އޮއިވަރުގެ ކުރީގައި އުޅޭ ފަރާތްތަކަށް އެކުންފުނިތަކުގެ ވަޒީފާތަކަށް އައްޔަން ކުރެވުމެވެ. ކުންފުނިތަކުން ކުރަން ނުޖެހޭ އިސްރާފު ޚަރަދު ސިޔާސީ މަސްލަޙަތު އޮތް ކަންތައްތަކަށް ހޭދަ ކުރުމެވެ.

އަޅުގަޑު ދެކޭގޮތުގައި ދަޢުލަތުގެ ކުންފުނިތައް އިސްލާހު ކުރުމަށް ބޭނުންވަނީ ހާމަކަން ބޮޑުކުރުމެވެ. ހަމައެހެންމެ، އަމިއްލަ ފަރާތްތައް ޝާމިލްވާ ސިނާއަތްތަކުގައި ދަޢުލަތުގެ ކުންފުނިތައް ހަރަކާތްތެރިވާ ނަމަ އަމިއްލަ ފަރާތްތަކަށް ނުލިބޭ ލުޔެއް ނުވަތަ މަންފާއެއް ދަޢުލަތުގެ ކުންފުނިތަކަށް ލިބޭނެ ގޮތްތައް މަދުކުރުމެވެ. މިކަމަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި ވޯލްޑް ބޭންކް ފަދަ ތަރައްޤީގެ ބައިނަލް އަޤްވާމީ މަރުކަޒުތަކުން ވެސް ބާރު އަޅާ، އެފަރާތްތަކުން ބުނާ ގޮތުންނަމަ 'ކޮމްޕެޓިޓިވް ނިއުޓްރަލިޓީ' އެވެ. އަމިއްލަ ފަރާތްތަކާއި ދަޢުލަތުގެ ކުންފުނިތަކަށް އެއް ހަމައެއްގައި ވާދަ ކުރެވޭނެ އިންތިޒާމް ތަކެއް ހަމަޖެހުމެވެ.

ދަޢުލަތުގެ ކުންފުނިތައް ހަރުދަނާ ކުރުމަށް ތަންފީޒު ކުރެވިދާނެ އަނެއް އިސްލާހަކީ ދަޢުލަތުގެ ކުންފުނިތަކުގެ ފައިދާވާ ބޮޑެތި ކުންފުނިތައް ވީ އެންމެ އަވަސް ހިނދެއްގައި ޙިއްޞާގެ ބާޒާރުގައި ބައިވެރި ކުރުމެވެ. ދަޢުލަތުގެ ކުންފުނިތަކުގެ ތެރެއިން އައިލެންޑް އޭވިއޭޝަން ސަރވިސަސް އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ފަދަ ކުންފުނިތަކަކީ ޙިއްޞާގެ ބާޒާރަށް ފައްކާވެފައި އޮތް ކުންފުނިތަކެވެ. ހިޢްސާގެ ބާޒާރުގައި މިހާރު ވެސް ބައިވެރިވެފައިވާ ދަޢުލަތުގެ ޙިއްޞާ އޮންނަ ގިނަ ކުންފުނިތަކަކީ ރަނގަޅު އިންތިޒާމްތަކެއްގެ ތެރެއިން ހިނގަމުން އަންނަ ކުންފުނިތަކެވެ. ނަމަވެސް، މި ނިޒާމުވެސް އިތުރަށް އިސްލާހު ވާން ޖެހެއެވެ. ޝެއަރ ހޯލްޑަރުންގެ އެކްޓިވިޒްމް ފުޅާވާންޖެހެއެވެ. މައިނޮރިޓީ ޙިއްޞާ ދާރުންގެ ޙައްޤުތަކަށް އިތުރަށް ވަކާލާތު ކުރެވެން ޖެހެއެވެ. ދިވެހިރާއްޖޭގެ ޙިއްޞާގެ ބާޒާރާއި ގުޅޭ ގޮތުން މިހާރު ހެދިފައިވާ ޤާނޫނާއި ޤަވައިދާއި އުޞޫލުތަކުން ވެސް އެކުންފުނިތަކުގައި ރަނގަޅު ޤަވަރނަންސް ނިޒާމެއް އެކުލަވާލުމަށް ފުދެއެވެ. ޕަބްލިކް ކުންފުނިތަކުގެ ހިންގުމުގައި އިޙްމާލުވާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެ އޮނިގަނޑެއް ދިވެހިރާއްޖޭގެ ޙިއްޞާގެ ބާޒާރުގައި ވަނީ ޤާއިމްވެފައެވެ. މިފަދަ ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންގެ ނުކިއްސަރު ކަންކަން ފާޅާއަރާ ހިސާބުން އެފަދަ ފަރާތްތަކުގެ މަޤާމުގެ ހައިސިއްޔަތު ގެއްލޭ ގޮތަށް ޙިއްސާގެ ބާޒާރުގައިވަނީ "ފިޓް އެންޑް ޕްރޮޕަރ" ޤައިޑްލައިނެއް އެކަށައެޅިފައެވެ. ޙިއްޞާގެ ބާޒާރުގައި ދަޢުލަތުގެ ގިނަ ކުންފުނިތަކެއް ރޭވުންތެރިގޮތެއްގައި ބައިވެރިކުރުވުމަކީ އާންމު ފަރުދުންނަށް އެކަމުގެ ފޮނިމީރުކަން އިތުރު ކޮށްދެވިދާނެ ކަމެއް ވެސްމެއެވެ.

ދަޢުލަތް ޝާމިލްވާ ހުރިހާ ޕަބްލިކް ކުންފުނިތަކާއި ޕަބްލިކް ނޫން ކުންފުނިތައް ހިނގަމުންދާ ގޮތް މިނެކިރާނެ ރަނގަޅު މިންގަނޑުތަކެއް ކަނޑަ އަޅަންޖެހެއެވެ. އަދި މި މިންތަކާއި މި ކުންފުނިތަކުގެ މާލީ ޙިސާބުތައް އާންމު ރައްޔިތުންނާއި މީޑިއާތަކަށް މަހުންމަހަށް، އަހަރުންއަހަރަށް ހާމަކުރަންޖެހެއެވެ. ދެންއޮތީ، ދަޢުލަތުގެ ފާރަވެރި މުއައްސަސާތަކާއި އާންމު ފަރުދުންނާއި މީޑިއާތަކުން މިކުންފުނިތަކުގެ ހާމަކުރެވިފައިވާ މިންތަކަށް ބެލުމަށްފަހު އެފަރާތްތައް ޒިންމާދާރު ކުރުވުމެވެ. މިއީ ދަޢުލަތުގެ ކުންފުނިތަކުގެ ވައްޓަފާޅި ހަރުދަނާ ކުރެވޭނެކަމަށް އަޅުގަޑަށް ވިސްނޭވިސްނުމެވެ.