ހަބަރު

އާންމުންގެ ތެރެއިން ޖޭއެސްސީއަށް އައްޔަން ކުރާނެ ނަމެއް ފާހެއް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުން އާންމުންގެ ތެރެއިން ކަނޑައަޅާނެ މީހަކު ނިންމުމަށް މިއަދުގެ ޖަލްސާގައި ވޯޓަށް އެހި ނަމަވެސް އެއިން އެއްވެސް މީހަކު އައްޔަން ކުރުމަށް މަޖިލީހުން ފާހެއް ނުވި އެވެ.

އާންމުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލީ އާންމުންގެ ތެރެއިން ކަނޑައަޅާފައިވާ އަބްދުލް ހަންނާން އަހްމަދުގެ މެންބަރު ކަމުގެ ދައުރު ހަމަވާތީ އެވެ. އެ ކަމަށް ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ހަ މީހަކު ކުރިމަތިލި އެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ ނަންތައް ދިރާސާ ކުރުމަށް ފަހު ނިންމީ އޭގެ ތެރެއިން ޝަރުތު ފުރިހަމަވަނީ ފަސް މީހުންގެ ކަމަށާއި ރުހުން ދިނުމަށް ތަޅުމަށް ފޮނުވާނީ ދެ މީހެއްގެ ނަން ކަމަށެވެ. އެ ގޮތުން ތަޅުމަށް ފޮނުވީ ވ. ރޯޝަން ހުސައިން އަމްރު އާއި ދަފްތަރު ނަންބަރު 5295، އަހްމަދު ސާވީއަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެންމެ ފުރަތަމަ ވޯޓަށް އެހީ ހުސައިން އަމްރުއަށެވެ. އޭނާ އައްޔަން ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. ނުފެންނަ ކަމަށް 60 މެންބަރަކު ވޯޓު ދެއްވި އެވެ. އަދި ވަކި ކޮޅަކަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.

އަމްރުގެ ނަމަށް ފަހުގައި ސާވީގެ ނަމަށް ވޯޓަށް އެހި އެވެ. އޭނާ އައްޔަން ކުރަން ފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވަ އެވެ. ނުފެންނަ ކަމަށް 62 މެންބަރަކު ވޯޓު ދެއްވިއިރު، ވަކި ކޮޅަކަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.

ޖޭއެސްސީގެ ގާނޫނުގައިވާ ގޮތުން އާންމުންގެ ފަރާތުން ޖޭއެސްސީގައި އިންނަވާ މެންބަރަކަށް ހުރެވޭނީ ފަސް އަހަރުގެ އެއް ދައުރަކަށެވެ. އިތުރު ދައުރަކަށް ކުރިން ހުންނެވި މެންބަރަކު އައްޔަން ނުކުރެވެ އެވެ.

ޖޭއެސްސީގައި ތިއްބަވަނީ މަޖިލީހުގެ ރައީސާއި، އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓްގެ ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ދަށުކޯޓުގެ ފަނޑިޔާރަކާއި، އާންމުންގެ ތެރެއިން މަޖިލިހުން ކަނޑައަޅާ މީހަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރަކާއި، ރައީސް ކަނަޑައަޅުއްވާ މެންބަރެއްގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ދައުލަތުގެ ބަންޑާރަ ނައިބެވެ.