ހަބަރު

ޒުވާނުންނަށް ދޮށީގެ މަސްވެރިކަމުގެ ފުރިހަމަ ތަޖުރިބާއެއް

މަސްވެރިކަމުގައި އުޅޭ ޒުވާނުން މަދެއް ނޫނެވެ. ސަބަބަކީ މަސްވެރިކަމުން ލިބޭ އާމްދަނީ ވެސް ރަނގަޅުވުމެވެ. ނަމަވެސް މަސްވެރިކަމުގެ ފުރިހަމަ ތަޖުރިބާއެއް ކޮށްފައި ތިބި ދިވެހި ޒުވާނުން ނިސްބަތުން ވަރަށް މަދެވެ. އެހެންވެ، މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީން އިސް ނަގައިގެން، ވަނީ 60 ޒުވާނެއް މަހަށް ގެންގޮސް ދޮށީގެ މަސްވެރިކަން ކުރާ ގޮތް ތަޖުރިބާކޮށްލަން ފުރުސަތު ދީފަ އެވެ.

މި ހަރަކާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ ޓުވިޓާގައި "ހިނގާ މަހަށް ދާން" ގެ ނަމުގައި ހާއްސަ ކެމްޕޭނެއް ވެސް ހިންގާފަ އެވެ. މަހަށް ދާނެ ބައިވެރިން ހޮވާފައިވަނީ ޓުވިޓާގައި ހިންގި މި ހަރަކާތުގެ ތެރެއިންނެވެ.

މަސްވެރިކަމަށް އިއްޔެ ފުރާފައިވަނީ ބީއެމްއެލްގެ އެހީތެރިކަމާއެކުގަ އެވެ. މި ދަތުރުގައި ޖުމްލަ 60 ޒުވާނުން ބައިވެރިވި އެވެ. މި ޒުވާނުން ކަނޑުމަތީގައި އިއްޔެ އިން ފެށިގެން ވަނީ ހަރަކާތްތެރިވެ އެވެ.

މި ޒުވާނުން ވަނީ ރާއްޖޭގެ މަސްވެރިކަމުގައި ހިމެނޭ ހުރިހާ ބައި ތަކެއް އަމިއްލަ ގޮތުން ތަޖުރިބާކޮށްފަ އެވެ. އެގޮތުން ފުރަތަމަ މާލެ އިން ފުރައިގެން ދިޔައީ ނައިޓް ފިޝިން އަށެވެ. އަދި ފަތިހު އެންދަމައިގެން ދިޔައީ މަސް ކަނދަށެވެ. އައިނަށް އަރައި ދޮށިން މަސް ބާނާ ގޮތް ތަޖުރިބާކޮށްފައިވެ އެވެ.