ރައީސް މުހައްމަދު ނަޝީދު

ކުޑަ ދައުރެއްގައި މެންބަރުންގެ މަސައްކަތް ގިނަ، މުސާރަ ހަލާލު: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރަކީ އެހެން ދައުރުތަކަށް ވުރެ ކުޑަ ދައުރެއް ނަމަވެސް އެ ދައުރުގައި މެންބަރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ވިދާޅުވެ މެންބަރުންނަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައުރީފު ކުރައްވައިފި އެވެ.

މަޖިލީހުގެ ތިންވަނަ ދައުރުގެ ފަހު ޖަލްސާ މިއަދު ބޭއްވިއިރު، ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ނިމިގެންދިޔައީ 19 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރަށްވުރެ "ކުޑަ ދައުރެއް" ކަމަށެވެ. އެ ގޮތުން ކުރީ ދައުރު ކުރިއަށް ދިޔައީ 94 ދުވަހުގައި ކަމަށާއި މި ދައުރުގެ މުއްދަތަކީ 64 ދުވަސް ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ 33 ޖަލްސާގައި 128 ގަޑިއިރާއި 37 މިނެޓް ހޭދަކުރެވުނުއިރު، މެންބަރުން 92 ޕަސެންޓަށް ޖަލްސާތަކަށް ވަޑައިގެންނެވި ކަމަށެވެ. އަދި 395 ކޮމިޓީ ބައްދަލުވުމެއް ބާއްވައި 441 ގަޑިއިރު ވަނީ ހޭދަކޮށްފަ އެވެ. އެހެންކަމުން ދުވާލެއްގެ މައްޗަށް އަށް ގަޑިއިރަށްވުރެ ގިނަ ވަގުތު މަޖިލީހުގައި މެންބަރުން މަސައްކަތް ކޮށްފައިވާ ކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކޮންމެ ދުވަހަކު އަށް ގަޑިއިރު އިއްޒަތްތެރި މެންބަރުންނަށް މަސައްކަތް ކުރެވިއްޖެ، ވަރަށް ބޮޑަށް ޝުކުރިއްޔާ އިއްޒަތްތެރި މެންބަރުންނަށް، އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުގައި މުސާރަ ހަލާލު،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ނިމިގެން ދިޔަ ދައުރުގައި މަޖިލީހުން ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ބޭފުޅުން ބަދަލު ކުރުމުގެ އިތުރުން އާމްދަނީން ޓެކްސް ނެގުމުގެ ބިލާއި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ ބިލްތަކުގެ މަސައްކަތް ވެސް ހިމެނެ އެވެ. އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓްގެ މަސައްކަތް ވެސް ވަނީ ކޮށްފަ އެވެ.