ދިވެހި ސިނަމާ

"ނޮވެންބަރު"ގެ ސިންގަޕޫރު ޝޫޓިން ނިންމާލައިފި

ޑާކްރެއިން އެންޓަޓެއިންމަންޓުގެ އާ ފިލްމު "ނޮވެންބަރު" ގެ ސިންގަޕޫރު ޝޫޓިން ނިންމާލައިފި އެވެ.

"މާމުއި" ގެ ކާމިޔާބީއަށްފަހު ޑާކްރެއިންއިން ގެނެސްދޭ ފިލްމު "ނޮވެންބަރަ"ކީ ލޯބީގެ އަސަރު ގަދަ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ.

ޑާކްރެއިންގެ ވެރިޔާ މުހައްމަދު އަލީ (މޮގާ) ބުނި ގޮތުގައި "ނޮވެންބަރު" ގެ 50 އިންސައްތަ މަންޒަރުތައް ނަގާފައިވާނީ ސިންގަޕޫރުގައެވެ. ފިލްމު ކްރޫ 17 ދުވަހު ސިންގަޕޫރުގައި ތިބުމަށްފަހު އެ ގައުމުގައި ނަގަންޖެހޭ މަންޒަރުތައް ޝޫޓް ކުރުމަށްފަހު އެނބުރި މާލެ ވަނީ އައިސްފައެވެ.

"ނޮވެންބަރު" ގެ މުހިންމު ރޯލުތަކުން ފެނިގެން ދާނީ ޖުމައްޔިލް ނިމާލް އާއި މަރިޔަމް މަޖުދާ އެވެ. އަދި "މާމުއި" އިން ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދި އަލީ ޝިފާއުގެ އަންހެނުން އައިޝަތު ޔާދާ ވެސް "ނޮވެންބަރު" ން ފެނިގެންދާނެ އެވެ.

މީގެ އިތުރުން ކުރީގެ ފިލްމީ ތަރި އިސްމާއީލް ވަޖީހުވެެސް މި ފިލްމުން ފެނިގެންދެއެވެ. މޮގާ ބުނީ ފިލްމުގައި އިސްމާއީލް ވަޖީހު ފެނިގެންދާނީ ވަރަށް މުހިންމު ރޯލަކުން ކަމަށެވެ. -އިސްމާއީލް ވަޖީހު ވަނީ ޑާކްރެއިންގެ "މާމުއި" އަދި "ވަކިން ލޯބިން" ގައިވެސް ފެނިގެންގޮސްފައެވެ.

"ފިލްމުގައި ވަޖީހުގެ ދައުރު ވަރަށް މުހިންމު. ވަރަށް މުހިންމު ކެރެކްޓާއެއް އެއީ މި ފިލްމުގައި. އޭގެ އިތުުރުން ފާހަގަކޮށްލަން ބޭނުން އިސްމާއީލް މި މަސައްކަތަށް ތައްޔާރުވެފައިވާ މިންވަރު، އަދި އޭނާގެ އެކްޓިންގެ ފުރިހަމަކަން. ކުރިއެކޭ ހަމަ އެއްވެސް ތަފާތެއް ނެތް. ވަރަށް މޮޅު."

މީގެ އިތުރުން "ނޮވެންބަރު" ގައި އިސްމާއިލް ވަޖީހުގެ ދަރިފުޅު ތަރީޝް، ސިންގަރޫ ރައްޔިތެއް ކަމަށްވާ ޝެރަން އެންޖީވެސް ފެނިގެންދާނެ އެވެ.

މޮގާ ބުނީ ސިންގަޕޫރުގައި "ނޮވެންބަރު" ޝޫޓްކުރުމަށް ނިންމީ ފިލްމީ ދާއިރާގެ މަސައްކަތްތައް އެހެން ހަރުފަތަކަށް ގެންދިއުމުގެ މަގްސަދުގައި ކަމަށެވެ.

"ހަގީގަތުގައި ވަރަށް ބޮޑު ޑްރީމްއެއް މިއީ [ސިންގަޕޫރު] ގައި ފިލްމެއް ޝޫޓް ކުރުމަކީ. ބޭނުންވަނީ ދާއިރާ އެހެން ހަރުފަތަކަށް ގެންދަން. ހަމައެކަނި މި ދާއިރާއަކީ ވަކި ހިސާބަކަށް ލިމިޓްވެފައި އޮންނަ ދާއިރާއަކަށް ނުވުން." މޮގާ ބުންޏެވެ.

އަންނަ އަހަރު ސްކްރީން ކުރަން ހަމަޖެހިފައިވާ "ނޮވެންބަރު" ގެ ޝޫޓިން އަތޮޅުތެރޭގައިވެސް ކުރިއަށްދާނެ އެވެ. ފިލްމުގެ 85 އިންސައްތަ މިހާރު ވަނީ ނަގާ ނިންމާފައެވެ.

ޑާކްރެއިންގެ 13 ވަނަ ފީޗާ ފިލްމު "ނޮވެންބަރަ" ކީ އައިޝަތު ފުއާދު އާއި އަހުމަދު ތޮލާލްގެ ސްކްރީން ޕްލޭއަކަށް ތައްޔާރުކުރާ ފިލްމެކެވެ.ޑައިރެކްޓްކުރާނީ ކުޅަދާނަ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ގެ އިތުރުން އައިޝަތު ފުއާދެވެ.

އެ ސްޓޫޑިއޯގެ ފިލްމު "ބަޅިނދު" ގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.