ދިޔާނާ ސައީދު

ޖޭއެސްސީ ސިޔާސީކޮށް ބާއްވައިގެން ޖުޑިޝަރީ މިނިވަނެއް ނުވާނެ: ދިޔާނާ

ޖޭއެސްސީގެ އެކުލެވުމަކީ ސިޔާސީވެފައިވާ އުކެލެވުމަކަށްވާނަމަ ޖުޑިޝަރީ އިސްލާހު ނުކުރެވޭނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ދިޔާނާ އެ ގޮތަށް ވިދާޅުވެ ޓްވީޓެއް ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. ރައީސް ނަޝީދު މިއަދު ވިދާޅުވީ ޖޭއެސްސީގައި އެމަނިކުފާނު އިންނަވަން ޖެހޭ ކަމަށާއި އެ ކޮމިޝަނުން އެމަނިކުފާނު ދުރަށް ޖެހިވަޑައިގަތުމަކީ ގައުމަށް ލިބޭނެ އެންމެ ބޮޑު ބޮނޑި ކަމަށެވެ.

އެ ވާހަކަތަކަށް އިޝާރާތް ކުރައްވައި ދިޔާނާ މިރޭ ވިދާޅުވީ ޖޭއެސްސީއަކީ ޖުޑިޝަރީގެ ފާރަވެރިޔާ ކަމުގައިވާތީ ޖުޑިޝަރީ ފަންކްޝަން ކުރުމަގައާއި އެ ކޮމިޝަންގެ އެކުލެވުމާ ބޮޑު ގުޅުމެއްް އޮންނަ ކަމަށެވެ. ޖޭއެސްސީ ސިޔާސީވާނަމަ ޖުޑިޝަރީ ވެސް ގިނަ ހާލަތްތަކުގައި އޮންނާނީީ ސިޔާސީ ވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ޖޭއެސްސީ އޮތް އެކުލެވުމަކީ ވަރަށް ބޮޑަށް ވެސް ސިޔާސީވެފައި އޮތް އޮނިގަނޑެއްގެ އެކުލެވުމެއް، އަދި އެއީ މުތާލިއާ ކުރަން ޖެހިފައިވާ އެކުލެވުމެއް،" ދިޔާނާ ވިދާޅުވި އެވެ.

ދިޔާނާ ވިދާޅުވީ އޭނާ އެއްވެސް ހާލެއްގައި ރައީސް ނަޝީދަށް ފާޑުވިދާޅު ނުވާ ކަމަށާއި އެމަނިކުފާނަކީ މީހުންގެ އަޑު އައްސަވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން އެމަނިކުފާނު ޖޭއެސްސީގައި އިންނެވުމަކީ ނަސީބެއް ކަމަށާއި ނަމަވެސް ކޮންމެ ސިޔާސީ ބޭފުޅަކު ޖުޑިޝަރީ އިސްލާހު ކުރަން އެ ތަނުގައި އިންނަވާނެ ކަމަށް ދެކިގެން ނުވާނެ ކަމަށް ދިޔާނާ ވިދާޅުވި އެވެ.

"މީގެ ކުރިން މަސީހު (މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު) އިންނެވިއިރު ހަލާތު އޮތީ އެ ގޮތަކަށް ނޫން، އަދި ދެން އަންނަ މަޖިލީހުގެ ރައީސް ވެސް އެ ގޮތަށް އަމަލު ކުރާނެ ކަމަށް ދެކިގެން ނުވާނެ،" ދިޔާނާ ވިދާޅުވި އެވެ.

ޖޭއެސްސީގައި ރައީސް ނަޝީދު އިންނަވަނީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ. ގާނޫނު އަސާސީގައިވާ ގޮތުން ޖޭއެސްސީގައި މަޖިލީހުގެ ރައީސް އާއި މަޖިލީހުން ކަނޑައަޅާ އެ މަޖިލީހުގެ މެންބަރަކާއި އާންމުންގެ ތެރެއިން މިހާކު އިންނަވަން ޖެހެ އެވެ. ރައީސް އައްޔަން ކުރާ މެންބަރަކާއި ބަންޑާރަ ނައިބު ވެސް އިންނަވައިރު، ކޯޓުތަކުގެ ފަނޑިޔާރުން ވެސް ތިބެ އެވެ.

ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުމަކީ މިހާރު ސަރުކާރުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުން މީގެ ކުރިން އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިބިއިރު ދެއްކި ވާހަކައެކެވެ. ސަރުކާރު އައި ފަހުން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތް ވެސް ވިދާޅުވެފައިވަނީ އެ ކަމަށް ދިރާސާ ކުރަމުންދާ ކަމަށެވެ. އެކަމަކު މިހާތަނަށް އެ މަސައްކަތެއް ނުފެށެ އެވެ.

އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް ލިބިފައި އޮތްއިރު، ކުރިން ޖޭއެސްސީ އޮތް އެކުލެވުމާއެކު ޖޭއެސްސީގެ މަސައްކަތްތައް ކުރިއަށް ދާތީ އެ ޕާޓީއަށް ބޮޑެތި ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ. އަދި ޖޭއެސްސީގައި ނަޝީދު އިންނަވައިގެން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ ކަމަށް އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ތުހުމަތު ވެސް ކުރެ އެވެ.