ރައީސް މުހައްމަދު ނަޝީދު

އިންތިގާލީ އިންސާފުގެ ބިލާއެކު ބަޣާވާތް ތަހުގީގު ކުރެވޭނެ ކަމަށް ދެކެން: ނަޝީދު

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ އިންތިގާލީ އިންސާފުގެ ބިލުގެ މަސައްކަތް ނިމުމުން ފެބްރުއަަރީ 7، 2012 ގެ ހާދިސާ ތަހުގީގުކޮށް އިންސާފު ލިބޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އޭރު ވެރިކަމުގައި ހުންނެވި ރައީސް އަދި މިހާރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލު ވެގެން ދިޔައީ ފެބްރުއަރީ 7، 2012 ގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކާއި ފުލުހުންނާއި ސިފައިންގެ ތެރެއިން ވެސް ބަޔަކު ސަރުކާރާ ދެކޮޅަށް ނުކުމެ، ހިނގި ހަމަނުޖެހުންތަކަށްފަހު ރައީސް ކަމުން އެމަނިކުފާނު އިސްތިއުފާ ދެއްވުމުންނެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ "ބަޣާވާތަކުން" ކަމަށް އެމަނިކުފާނު އަބަދުވެސް ތުހުމަތު ކުރައްވަ އެވެ. ނަމަވެސް ވެރިކަން ބަަދަލުވި ގޮތް ބަލަން އެކުލަވާލި ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ވަނީ، ރައީސް ނަޝީދު އެ ދުވަހު އިސްތިއުފާ ދެއްވީ އެއްވެސް މަޖުބޫރު ކަމެއް ނެތި އަމިއްލަފުޅަށް ކަމަށެވެ.

ރައީސް ނަޝީދަށް އާންމުން ސުވާލު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން "އާސްކް ސްޕީކާ" ގެ ނަމުގައި މިރޭ ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި ހަތެއް ފެބްރުއަރީގެ "ބަޣާވާތް" ތަހުގީގު ކުރާނެތޯ އާންމުންގެ މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު އިޝާރާތް ކުރެއްވީ މަޖިލީހުގައި އޮތް އިންތިގާލީ އިންސާފުގެ ބިލަށެވެ.

"މިހާރު ރައްޔިތުންގެ މަޖިލީހުގައި އޮންނާނެ އިންތިގާލީ އިންސާފުގެ ގާނޫނެއްގެ މަސައްކަތް، އަޅުގަނޑު ދެކެނީ އެ ބާވަތުގެ އޮނިގަނޑެއްގެ ތެރެއިން މި ބުނާ ބާވަތުގެ މައްސަލަތައް ބެލިގެން ދާނެ ކަމަށް،" ސުވާލަށް ވަރަށް ކުރު ޖަވާބެއް ދެއްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު ހުށަހެޅުއްވި އިންތިގާލީ އިންސާފުގެ ބިލުގެ ފުރަތަމަ ކިއުން އިއްވައި އިބްތިދާއީ ބަހުސްގެ މަރުހަލާ ވެސް ވަނީ ނިމިފަ އެވެ. އެ ބިލު ތަޅުމަށް ބަލައިގަނެ މިހާރު އޮތީ ކޮމިޓީ މަރުހަލާގަ އެވެ.

މި ބިލްގައި ވަނީ ޖެނުއަރީ 2012 އިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބަލައި، އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި ގާނޫނީ އޮނިގަނޑެއް އެކުވާލުމެވެ.

ބިލްގައިވާ މުއްދަތުގެ ތެރޭގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަސް ކަމުގައިވާ ފެބްރުއަރީ 7، 2012 ވެސް ވެ އެވެ. ބެލެވޭ ގޮތުގައި މިރޭ އެމަނިކުފާނު އިޝާރާތް ކުރެއްވީ އެ ބިލް ފާސްވުމާއެކު އެ މައްސަަލަ ބަލަން ފަށާނެ ކަމަށެވެ. އަދި ބިލްގައިވާ ފަހު ތާރީހަކީ އަލުން އެމްޑީޕީއަށް ވެރިކަން ލިބި ރައީސް ސޯލިހް މަގާމާ ހަވާލުވެވަޑައިގެންނެވި ދުވަހެވެ.