ރައްޔިތުންގެ މަޖިލިސް

ހުއްދަ ނެތި ދިރިއުޅެން ތަންތަން ކުއްޔަށް ދިނުން މަނާ ކުރާ ބިލެއް

ދިރިއުޅުމަށްޓަކައި ގޯތި ގެދޮރު ކުއްޔަށް ދޫކުރުމަށް ހުއްދައެއް ނަގަން ލާޒިމުކޮށް، ކުއްޔަށް ދޫކުރާ ތަންތަން ރަޖިސްޓްރީ ކުރާ ގޮތަށް ގޯތި ގެދޮރު ކުއްޔަށް ދިނުމާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު ހުށަހަޅުއްވާފަައިވާ ބިލުގައި ބުނާ ގޮތުން ދިރިއުޅުމަށްޓަކައި އެއްވެސް ތަނެއް ކުއްޔަށް ދޫކުރެވޭނީ ކުއްޔަށް ދިނުމުގެ ހުއްދައަށް އެދި ސިޓީއެއްގައިނަމަ ސިޓީ ކައުންސިލަށް އަދި ރަށެއްގައިނަމަ ރަށު ކައުންސިލަށް ހުށަހަޅައި ހުއްދަ ދިނުމުންނެވެ. ހުއްދަ ނެތި އެއްވެސް ތަނެއް ކުއްޔަށް ދިނުމަކީ މަނާ ކަމެއް ކަމުގައި ވެސް ބިލްގައި ބަޔާން ކޮށްފައިވެ އެވެ.

ބިލުގައި ބުނެފައިވާ ގޮތުން ތަނެއް ކުއްޔަށް ދޫކުރަން ސިޓީ ނުވަތަ ރަށު ކައުންސިލަކުން ހުއްދަ ދިނުމަށް ފަހުގައި ހުއްދަ ދޫކުރާ ތަންތަނުގެ ދަފްތަރެއް އެކުލަވާލައި އެ ކައުންސިލަކުން އެ ދަފްތަރެއް ބަލަހައްޓަން ޖެހޭނެ އެވެ. އަދި ހުއްދަ ދޭތާ މަދުވެގެން ތިން ދުވަހުގެ ތެރޭގައި ބިލުގެ ދަށުން އުފައްދާ ޓެނަންސީ ބޯޑަކަށް އަންގަން ވާނެ ކަމަށެވެ.

ޓެނަންސީ ބޯޑުން ރާއްޖޭގައި ދިރިއުޅުމަށްޓަކައި ކުއްޔަށް ދޫކުރާ ހުރިހާ ތަންތަނުގެ ދަފްތަރު އެކުލަވާލައި އެ ތަންތަން މޮނިޓާ ކުރުމުގެ ޒިންމާ ބިލުގެ ދަށުން ވަނީ އެ ބޯޑަށް ދީފަ އެވެ. އަދި ކުއްޔަށް ދޭ ތަންތަނުގެ ދަފްތަރު އާންމުންނަށް ފަސޭހައިން ފެންނާނެ ގޮތަށް ހުންނަ ވެބްސައިޓެއް ނުވަތަ އެޕްލިކޭޝަނެއް ބޯޑުން އެކުލަވާލަން ބިލުގައި ބުނެފައިވެ އެވެ. ބިލަށް އަމަލު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި އެ ކަމެއް ކުރަން ޖެހެ އެވެ.

ކުއްޔަށް ދޫކުރާ ތަންތަނުގައި ހުންނަން ޖެހޭނެ އަސާސީ މިންގަނޑުތަކެއް ވެސް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ. އެ ގޮތުން އެ ތަނެއްގައި ނިދައި ކައިބޮއި ހެދޭނެ ވަސީލަތްތައް ގާއިމުވެފައި ވާން ޖެހޭނެ ކަމަށާއި ފެނާއި ނަރުދަމާއާއި ކަރަންޓުގެ ހިދުމަތް ލިބުމުގެ ވަސީލަތްތައް ކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑަށް ގާއިމު ވެފައިވާން ޖެހޭނެ ކަމަށް ބިލުގައިވެ އެވެ.

އިމާރާތް ކުރުމުގެ ގާނޫނުގައި ކަނޑައަލާފައިވާ މިންގަނޑުތަކަށް ފެތޭ އިމާރާތަކަށް ވާން ޖެހޭނެ ކަމަށް ވެސް ބިލްގައި ބަޔާން ކުރެ އެވެ. އަދި ކުއްޔަށް ދޭ ތަނަކީ އިމާރާތެއްގެ ބައެއްނަމަ އިމާރާތުގެ އެހެން ބައެއް ބޭނުން ކުރުމެއް ނެތި އަދި އަނދަގޫ ކަމެއް ނެތި އެ ތަނަށް ވަކިން ވަދެ ނުކުމެވޭނެ ފަދަ އިންތިޒާމެއް ހަމަޖެހިފައިވާން ޖެހޭނެ ކަމަށް ބިލުގައި ބުނެ އެވެ.

މީގެ އިތުރުން ކުއްޔަށް ދޭ ތަނުގެ އަކަފޫޓުގެ ނިސްބަތުން ގިންތިކުރެވި އެ ތަނުގެ ބޮޑުކުޑަ މިނަށް ބަލައި އެ ތަނެއްގައި އެންމެ ގިނައިން ދިރިއުޅެވޭނެ މީހުންގެ އަދަދެއް ކަނޑައަޅާފައި އޮންނަން ވާނެ ކަމަށް ވެސް ބިލުގައި ބުނެ އެވެ.

ކުލީގެ އެއްބަސްވުން ރަޖިސްޓްރީ ކުރުން ލާޒިމު ކުރަނީ

ބިލު ގާނޫނަކަށްވެ އަމަލު ކުރަން ފެށުމަށްފަހު ރާއްޖޭގެ އެއްވެސް ތަނެއް ދިރިއުޅުމަށްޓަކައި ހަ މަސް ދުވަހަށްވުރެ ދިގު މުއްދަތަކަށް ދިރިއުޅުމަށްޓަކައި ކުއްޔަށް ދޭން ވާނީ، ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ދެ ފަރާތުގެ ދެމެދުގައިވާ ކުއްޔަށް ދިނުމުގެ އެއްބަސްވުން ރަޖިސްޓްރީ ކުރުމަށް ފަހުގައި ކަމަށް ބިލްގައިވެ އެވެ.

އެ ގޮތުން ކުއްޔަށް ދިނުމުގެ އެއްބަސްވުން ރަޖިސްޓްރީ ކުރުމަށްޓަކައި ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލަށް ނުވަތަ ރަށެއްގައިނަމަ ރަށު ކައުންސިލަށް އެއްބަސްވުމުގެ ތިން އަސްލު ހުށަހަޅަން ޖެހެ އެވެ.

ކުއްޔަށް ދިނުމުގެ އެއްބަސްވުން ރަޖިސްޓްރީ ކުރަން ހުށަހަޅާތާ ހަތް ދުވަހުގެ ތެރޭގައި އެ އެއްބަސްވުން ރަޖިސްޓްރީކޮށްދީ، ރަޖިސްޓްރީ ކޮށްދިން ކަމުގެ ތައްގަނޑު ޖެހުމަށްފަހު ރަޖިސްޓްރީ ކުރުމަށް އެދި ހުށަހެޅި އަސްލުތަކުގެ ތެރެއިން ކުއްޔަށް ދޭ ފަރާތައި ކުއްޔަށް ހިފާ ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް އެއް އަސްލު ދޭން ވާނެ ކަމަށް ބިލުގައިވެ އެވެ.

އެކަމަކު ކުއްޔަށް ދިނުމުގެ އެއްބަސްވުން ނޮޓޮރައިޒްކޮށްފައި ނުވާނަމަ އެ އެއްބަސްވުން ރަޖިސްޓްރީ ކޮށްދޭން ވާނީ ނޮޓަރައިޒް ކޮށްފައިވާ އެއްބަސްވުން ހުށަހަޅަން އެންގުމަށްފަހު، ނޮޓަރައިޒްކޮށްފައިވާ އެއްބަސްވުން ހުށަހެޅުމުން ކަމަށް ބިލްގައި ބުނެފައިވެ އެވެ.

އެއްބަސްވުން ރަޖިސްޓްރީ ކޮށްދޭތާ މަދުވެގެން ތިން ދުވަހުގެ ތެރޭގައި އެއްބަސްވުމާއި އެއްބަސްވުމާ ގުޅޭ އެންމެހާ ލިޔެކިޔުންތަކާއެކު އެއްބަސްވުން ރަޖިސްޓްރީ ކޮށްދިން ކައުންސިލަކުން ޓެނަންސީ ބޯޑަށް ފޮނުވަން ވާނެ ކަމަށް ބިލުގައި ބުނެ އެވެ.

މީގެ އިތުރުން އެއްބަސްވުމުގެ މުއްދަތު ހަމަނުވަނީސް އެއްބަސްވުން ބާތިލްކޮށް އެ ތަނެއް ކުއްޔަށް ދޫކުރި ބަޔަކު އެ ތަނަކުން ނެރެވޭނެ ހާލަތްތައް ވެސް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ. އަދި އެއިން އެއްވެސް ސަބަބެއް ނެތި އެއްބަސްވުން ބާތިލް ކުރުން ވަނީ މަނާކޮށްފަ އެވެ. އެފަދަ ހާލަތެއްގައި ތަން ހުސްކުރަން ތިން މަސް ދުވަހުގެ ނޯޓިސްއެއް ދޭން ވެސް ލާޒިމުކޮށްފައިވެ އެވެ.

އެއްބަސްވުމުގެ މުއްދަތު ހަމަނުވަނީސް ތަނުން އެ ބަޔަކު ނެރެވޭނީ އަމިއްލަ ބޭނުމަށް ބޭނުންކުރުމަށް ކަމަށް ބިލުގައި ބުނެފައިވެ އެވެ. އެ ގޮތުން ކުއްޔަށް ދޭ ތަނުގައި މަރާމާތަކާ ނުލައި މީހަކަށް ދިރިއުޅެވޭނެ ވަރު ނުވުމާއި، ކުއްޔަށް ދޭ ފަރާތުން އެ ތަނެއްގައި ދިރިއުޅެން ބޭނުންވުން ހިމެނެ އެވެ.

ކުއްޔަށް ދޫކުރާ ފަރާތުގެ މައިންބަފައިން، އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ އާއިލީ މެންބަރަކު ދިރިއުޅެން ބޭނުންވެގެން އެއްބަސްވުން ބާތިލުކޮށް ތަން ހުސްކުރަން އެންގޭނެ ކަމަށް ވެސް ބިލުގައިވެ އެވެ. އެހެން ފަރާތަކަށް އެ ތަނެއް ވިއްކާލަން ޖެހިގެން ވެސް ތަން ހުސްކުރަން އެންގޭނެ ކަމަށް ބިލުގައި ބުނެ އެވެ.

އެއިން އެއްވެސް ސަބަބެއް ނެތި ތަނުން މީހުން ނެރުމަށް ފަހު އެހެން ބޭނުމެއްގައި ނުވަތަ އެހެން ބަޔަކަށް ކުއްޔަށް ދިން ކަމުގެ ޝަކުވާ ޓެނަންސީ ބޯޑަށް ހުށަހެޅިއްޖެނަމަ އެ ކަމެއް ބެލުމަށްފަހު 50،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބިލްގައި ބުނެ އެވެ.