ލައިފްސްޓައިލް

އާއިލާއެއް ލިބުނީމަ އުފަލުން ކްލާސްކުދިންނާއެކު ކޯޓަށް

އެމެރިކާގެ ފަސް އަހަރުގެ ޔަތީމު ކުއްޖަކު ދާދިފަހުން ވަނީ އާއިލާއަކުން އެޑޮޕްޓްކޮށްފަ އެވެ. މި ކުއްޖާ އެޑޮޕްޓްކުރި އާއިލާ އާ ކުއްޖާ ހަވާލުކުރަން ކޯޓުގައި ބޭއްވި ދުވަހު ކުއްޖާ ހުރީ ވަރަށް އުފަލުންނެވެ. އެހެންވެ ކޯޓަށް އޭނާއާ އެކު ދިއުމަށް ކްލާހުގެ ހުރިހާ ކުދިންނަށް މި ކުއްޖާ ދައުވަތު ދިނެވެ.

އެމެރިކާގެ މިޝިގަންގެ ކެންޓް ކައުންޓީ ކޯޓުރޫމްގައި މައިކަލް ކްލާކް ޖޫނިއާ، 5، އާއި އޭނާ އެޑޮޕްޓްކުރި އާއިލާ އަދި ކްލާސް ކުދިންނާއެކު ނަގާފައިވާ ފޮޓޯތައް ފޭސްބުކްގައި ވައިރަލްވުމުން ގިނަ ބަޔަކަށް އުފަލުން ގޮސް ރޮވުނެވެ.

ސަބަބަކީ މި ކުއްޖާ ބަލާނެ ރަނގަޅު އާއިލާއެއް އޭނާއަށް ލިބުމުގެ އިތުރުން އޭނާ އެޑޮޕްޓްކުރާ އާއިލާއާ ހަވާލުކުރާތަން ބަލަން ކްލާހުގެ 36 ކުދިން ފިޔާތޮށިކުލައިގެ ހިތްތަކެއް ޖަހާފައިވާ ބޯޑުތަކެއް ހިފައިގެން ތިބީމަ އެވެ.

ސީއެންއެންގައިވާ މި ޚަބަރުގައިވާ ގޮތުން ކްލާސް ކުދިންނަށް މި ޚާއްސަ މުނާސަބަތުގައި ބައިވެރިވެވޭނެ ގޮތެއް ހަދައިދިނުމަށް މައިކަލް އޮތީ އޭނާ އެޑޮޕްޓްކުރި މަންމަ ކައިރީގައި މާކުރިން ވެސް އެދިފަ އެވެ. އެހެންވެ މައިކަލްގެ 'މަންމަ' އޭނާ ބުނިގޮތަށް ކަންތައް ކޮށްދީ ކްލާސް ހުރިހާ ކުދިންނަށް އާދެވޭނެ ގޮތް ހަމަޖައްސައިދިނީ އެވެ.

ކެންޓް ކައުންޓީން ބުނި ގޮތުގައި ކްލާސް ކުދިން މި އަޑުއެހުމަށް ގެންނަން މައިކަލް ބޭނުންވީ އެ ހުރިހާ ކުދިންނަކީ އޭނާގެ އާއިލާގެ މެމްބަރުންގެ ގޮތުގައި މައިކަލް ދެކޭތީ އެވެ.

މި ރިޕޯޓުގައިވާ ގޮތުން މައިކަލް އެޑޮޕްޓްކުރުމުގެ ޒިންމާ ހަވާލުކުރި ދެމަފިރިންނަކީ ފާއިތުވީ އަހަރެއްހާ ދުވަހުއްސުރެ މައިކަލް ބަލަމުންދާ ދެމަފިރިންނެވެ.