ލައިފްސްޓައިލް

ވައްކަން ކުރި ކުއްޖަކަށް މަންމަ ދިން ފިލާވަޅު

ދަރިން ތަރުބިއްޔަތުކުރުމަކީ ވަރަށް ކެތްތެރިކަމާއި ވިސްނުންތެރިކަމާއެކު ކުރަން ޖެހޭ ކަމެކެވެ. އަދި ރަނގަޅަށް ދަރިން ތަރުބިއްޔަތުކުރުމަކީ ބައެއް މީހުންގެ ކިބައިގައި ހުންނަ ހުނަރެކެވެ. ކުއްޖަކު ގޯސްކަމެއް ކުރާއިރަށް އެއްޗެތި ގޮވާ، ހަޅޭއްލަވާ އަދަބު ދިނުމަކީ އެކުދިން ރަނގަޅަށް ތަރުބިއްޔަތު ކުރުން ކަމުގައި ބައެއް މީހުން ދެކެ އެވެ. ނަމަވެސް މިގޮތަށް ކަންތައް ކުރުމުން ކުދިންގެ މިޒާޖާއި އުޅުން އިތުރަށް ގޯސްވުން އޮންނާނީ ވަރަށް ގާތުގަ އެވެ.

މަންމައަކު އޭނާގެ ކުޑަދަރިފުޅު ވައްކަމެއް ކުރުމުން ކަންތައް ކުރިގޮތް ސޯޝަލް މީޑިއާގައި ވަނީ ހިއްސާކޮށްފަ އެވެ. މި ކުއްޖާ ރެސްޓޯރަންޓަކަށް ކާން ގޮސްފައި ފާޚާނާގައި އިން ޓޮއިލެޓް ޕޭޕާ ރޯލެއް ނަގައިގެން ފޮރުވި އެވެ. މިކަން އެ ކުއްޖާގެ މަންމައަށް އެނގުމުން ކުއްޖާ ގެނެސްފައި ބުންޏެވެ.

"މަންމަ ދަރިފުޅުގެ ޔޯގަޓް ޑްރިންކް ބޯލީމަ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ދަރިފުޅު ހެއްޔެވެ؟"

މަންމަގެ މި ސުވާލަށް ކުއްޖާއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އޭނާ ބުނީ އޭނާއަށް ނޭނގޭ ކަމަށާއި ވަރަށް ދެރަވެފައި ހުރި ކަމަށެވެ.

"ދަރިފުޅު ތި ޓޮއިލެޓް ޕޭޕާ ރޯލު ތި ނެގީ މެކްޑޮނަލްޑް ރެސްޓޯރެންޓެއްގެ ފާޚާނާ އިންނެވެ. ފާޚާނާގައި އެ ރޯލު ނެތްކަން އެނގުމުން ރެސްޓޯރަންޓްގެ މެނޭޖަރު ހީކުރަނީ ސާފުކުރާ އަންހެންމީހާ ވަގަށް ނެގީ ކަމަށެވެ. ފަހަރެއްގައި އެ މީހާގެ މުސާރައިން ވެސް އެ ޓޮއިލެޓް ރޯލުގެ އަގު ކަނޑާފާނެ އެވެ. ނަމަވެސް އޭގައި އަންހެންމީހާގެ ކުށެއް އެބައޮތް ހެއްޔެވެ؟" މަންމަ އެ ކުއްޖާ އާ ސުވާލު ކުރި އެވެ.

"މަންމަ ދަރިފުޅުގެ ޔޯގަޓް ޑްރިންކް ދަރިފުޅު ކައިރީގައި ނާހާ ބޮއިގެން ނުވާނެ އެވެ. އެ ބޮވުނީތީ މަންމަ މައާފަށް އެދި ދަރިފުޅަށް އަލުން އޭގެ ބުއިމެއް ގަނެދީފާނަމެވެ. ނަމަވެސް ދަރިފުޅު ފާޚާނާ ސާފުކުރާ މީހާއަށް ބަދަލު ދޭނީ ކިހިނަކުން ހެއްޔެވެ؟" މަންމަ އިތުރަށް ސުވާލު ކުރި އެވެ.

ކުއްޖާ ވަރަށް ބޮޑަށް ދެރަވަ އިސް ޖަހައިގެން އިނެވެ. އަދި ވަރަށް ދެރަވެއްޖެ ކަމަށާއި ދެން ހަދާނެ ގޮތެއް ނޭނގޭ ކަމަށް ބުންޏެވެ.

ކުއްޖާ އެކަން ރަނގަޅުކުރަން ދެން ކުރާނެ ކަންތައް ކުއްޖާއަށް އެނގޭނެކަމަށް ޔަގީންކުރާ ކަމަށް މަންމަ އެ ކުއްޖާ ކައިރީ ބުންޏެވެ. އަދި އެގޮތަށް ކަންތައް ކުރަންވީ ނޫންހޭ އެހި އެވެ.

އެ ކުއްޖާ ވަރަށް ގިނައިރު ވިސްނަން އިނދެފައި ބުންޏެވެ. މަންމާއެވެ. ވަރަށް ރަނގަޅު ޚިޔާލެއް އަތުވެއްޖެ އެވެ. މަގޭ ފޭވަރިޓް ލޮލީޕޮޕް އެ އަންހެންމީހާއަށް ދެން ހެއްޔެވެ؟

ދެން މަންމަ ކުއްޖާ ގޮވައިގެން ފިހާރައަކަށް ގޮސް ބޮޑު ކޮތަޅެއް ފުރެންދެން ލޮލީޕޮޕް ގަނެދިނެވެ. ކުއްޖާ ގޮސް މެކްޑޮނަލްޑް ރެސްޓޯރަންޓަށް ވަނެވެ. މަންމަ ހުރީ ބޭރުގައި އޭނާ ހަދާގޮތެއް ބަލާށެވެ.

ކުއްޖާ ވަދެގެން ގޮސް އެތާގެ މުވައްޒަފަކާ އަރާ ހަމަވިތަނާ މެނޭޖަރަށް ކުއްޖާ ފެނިގެން އައެވެ. އަދި ކީއްކުރާ ކުއްޖެއްތޯ ސުވާލު ކުރި އެވެ.

އަހަރެން މިތާ ފާޚާނާގައި އިން ޓޮއިލެޓް ޕޭޕާ ރޯލު އަހަރެންގެ ދަބަހަށް ލައިގެން ގެންދިޔައީމެވެ. އެހެންކިޔާފައި ދަބަހުން އެ ރޯލު ނަގާފައި މެނޭޖަރަށް ދިން އިރު ކުއްޖާއަށް ހުރީ ރަނގަޅަށް ރޮވިފަ އެވެ.

"ސާފުކުރާ އަންހެންމީހާ ދެކެ ރުޅި ނާންނައްޗެވެ. އޭނާ ވައްކަމެއް ނުކުރެއެވެ. އަހަރެން މަންމަ ކައިރީގައި ބުނެގެން ސާފުކުރާ މީހާ އަށާއި ތިބާއަށް ލޮލީޕޮޕް ހިފައިގެން މި އައީ އެވެ. އަހަރެންނަށް މާފުކުރާށެވެ،" ކުއްޖާ ރޮމުންރޮމުން މެނޭޖަރު ކައިރީގައި ބުންޏެވެ.

މެނޭޖަރު ބޭރު ބަލައިލިއިރު ކުއްޖާގެ މަންމަ ބަލަން ހުރި ތަން ފެނިފައި މި ވެގެން އުޅޭ ގޮތް ވިސްނުނެވެ. އަދި ކުއްޖާގެ މައާފު ގަބޫލުކޮށްފި ކަމަށާއި މީގެ ފަހުން އެފަދަ ކަމެއް ނުކުރާން ވައުދުވުމަށް މެނޭޖަރު ބުންޏެވެ. ކުއްޖާ އާނއެކޭ ބުނެފައި އުފަލުން ދުވަމުން މަންމަ ކައިރިއަށް ދިޔަ އެވެ.

މި ހާދިސާއިން ވެގެން އެނގުނީ ދަރިން ތަރުބިއްޔަތުކުރުމުގައި މައިންބަފައިން ގެންގުޅޭ ގޮތުން ކުއްޖާގެ ޝަހުސިއްޔަތަށް ނުފޫޒު ފޯރުވާނެ މިންވަރެވެ. ކުޑަކުދިންގެ ހަޔާތުގައި ދިމާވާ މިފަދަ ކަންތައްތަކަށް މައިންބަފައިން ވަރަށް ފަރުވާތެރިކަމާއި ވިސްނުންތެރިކަމާއެކު ފިޔަވަޅުއެޅުމަކީ އެމީހުންގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމެވެ.