ލައިފްސްޓައިލް

ބަނޑުގައި ވައި ހެދުމުން ގޭގައި ކުރެވިދާނެ ބައެއް ކަންތައް

ބަނޑުގައި ވައި ހެދިގެން އުނދަގޫވާތީ އުޅެން ނުޖެހޭ މީހެއް ވަރަށް މަދުވާނެ އެވެ. ކޮންމެ މީހަކަށް ވެސް ހަޔާތުގެ ކޮންމެވެސް ދުވަސް ތަކެއްގައި މި ވޭނުގައި އުޅެން ޖެހެ އެވެ. ބަނޑުގައި ގޭސް ގިނަވުމުން ބަނޑު ފުއްޕައި، ބަނޑުގައި ރިއްސާ އަދި އަނގައިން ނުބައިވަސް ދުވަން މެދުވެރިވެ އެވެ.

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް މިމައްސަލަ ކުރިމަތިވާއިރަށް ބަލަނީ އަވަހަށް ހަޖަމުރަނގަޅުކުރާ ކަހަލަ ޑޮކްޓަރީ ބޭހެއް ބޭނުންކުރާށެވެ. ނަމަވެސް މިފަދަ ބޭހުން ލިބޭނީ ވަގުތީ ހައްލެކެވެ. ދާއިމީ ހައްލެއް ނުލިބޭނެ އެވެ.

ބަނޑުގައި ވައި ހެދެން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ނުކައި ގިނައިރު ހުރުން، ހައިބަނޑާ ހުރުން، މާ ގިނައިން ކޮފީ، ސައި ފަދަ އެއްޗެތި ބުއިން އަދި ދުންފަތުގެ އިސްތިއުމާލު ކުރުން ހިމެނެ އެވެ.

ބަނޑުގައި ގޭސް ހެދޭ މައްސަލަ މާ ގިނަގިނައިން ދިމާވާން ފެށުމުން މޭ އަންދާގޮތް ވުމާއި އަނގައިން ވައި ލެވުން، އަދި ގޮހޮރު ފާރުވުން ފަދަ މައްސަލަތައް ދިމާވެ އެވެ. ގިނަފަހަރަށް ގޮހޮރު ފާރުވަނީ ކާ ފަހަރަކު މާ ގިނައިން ކެއުމާއި ކުޅި އަދި ހަވާދުލީ އެއްޗެތި ކެއުމުންނެވެ.

ބަނޑުގައި ވައި ހެދުމުން ޑޮކްޓަރީ ބޭހުގައި ބަދަލުގައި އާއްމުކޮށް ބަދިގޭގައި ބޭނުންކުރާ ބައެއް އެއްޗެތި ބޭނުންކޮށްލައިގެން ވެސް ލުއި ލިބެ އެވެ.

އޭގެ ތެރެއިން ފުރަތަމަ އެއްޗަކީ ފޮނިތޮއްޓެވެ. މިއީ ހަޖަމު ރަނގަޅުކޮށްލައި ބަނޑުގައި ހުންނަ ވައިތައް ފިލުވާލަން އެންމެ ރަނގަޅު އެކައްޗެވެ. އަދި މިއީ ފައިދާހުރި އެތައް މާއްދާތަކެއް އެކުލެވޭ އެއްޗެއް ވެސް މެއެވެ. ފޮނިތޮށި ކޮޅެއް ހޫނުފެންފޮދަކަށް އަޅައިގެން ފޮނިތޮށި ސައި ބޯށެވެ. ވަރަށް އަވަހަށް ލުއި ވާނެ އެވެ.

ރީއްޗަށް ދޮންވެފައިވާ ދޮންކެޔޮވަކެއް ކާލުމުން ވެސް ބައެއް މީހުންގެ ބަނޑުގައި ހުންނަ ވައިތައް ނުކުމެ ރާހަތް ލިބެ އެވެ. ދޮންކޭލަކީ ޕޮޓޭސިއަމް އިން މުއްސަނދި ވެފައިވާ އެއްޗަކަށް ވާތީ ބަނޑުގައި ހުންނަ ލޮނދި އިތުރުކޮށްދެ އެވެ. ނަތީޖާއެއްގެ ގޮތުން އެސިޑް އުފެދުމުން ދިފާއުވެވި ވައިގެ އުނދަގުލުގެ ސަބަބުން ބަނޑަށް ލިބޭ ގެއްލުމުން ދުރުވެވެ އެވެ.

ޖަގަރީ ނުވަތަ ގޫޑުހަކުރަކީވެސް ބަނޑުގައި ވައި ހެދޭ މީހުން ބޭނުންކުރަން ރަނގަޅު އެއްޗެކެވެ. މެގްނީސިއަމް ގިނައިން އެކުލެވޭ އެއްޗަކަށް ވާތީ މި ހަކުރު ކެއުމުން ގޮހޮރުގެ ފަންވަރު ގަދަވާނެ އެވެ. ހަޖަމުކުރުމަށް އެހީވެދީ ގޭސް އުފެދުމުން ދުރުވާނެ އެވެ. ޖަގަރީ އަކީ ހަށިގަނޑުގެ ޓެމްޕްރޭޗާ ނޯމަލްކޮށްދީ ބަނޑަށް ފިނިކަން ގެނެސްދޭ އެއްޗެކެވެ. ގޭހުގެ އުނދަގުލަށް ބައެއް މީހުން ސަރުބަތު ފަދަ ބުއިންތަކަށް މީގެ ހަކުރުކޮޅެއް އަޅައިގެން ބޮއެވެ.

މިންޓް ފަތަކީ ވެސް ވައިގެ އުނދަގޫތަކަށް ވަރަށް ރަނގަޅު އެއްޗެކެވެ. ބަނޑުގައި ހުންނަ ގޭސްތައް މަދުކޮށްދީ ހަޖަމުކުރުމަށް އެހީތެރިވެދޭ އެއްޗެއް ވެސް މެއެވެ. މިންޓް ފަތްކޮޅެއް ސެލަޑް އަކަށް އަޅާލައިގެން ކާލިޔަސް މައްސަލައެއް ނެތެވެ. ނުވަތަ ފެނަށް އަޅައިގެން ކައްކާލައިގެން ވެސް ބޮވިދާނެ އެވެ.

އިނގުރަކީ އަރިދަފުސް ރޯގާއާއި ކެއްސުމަށް އަދި ގޮހޮރުގެ ބަލިތަކަށް ވެސް ވަރަށް ރަނގަޅު ފަރުވާ އެކެވެ. ބަނޑުގައި އެސިޑް އުފެދުމަށް މެދުވެރިވާ ބެކްޓީރިއާ އުފެދޭ މިންވަރު ދަށްކޮށްދީ ބަނޑުގެ އެތެރެ ފަށަލަ ހަލާކުވުމުން ދުރުކޮށްދިނުމުގެ އިތުރުން ހަޖަމު ނުބައިވުމަށް ވެސް އިނގުރުން ފަރުވާ ކުރެވެ އެވެ. ގާނާފައިހުރި މޭޒުމަތީ ސަމުސަލެއްގެ އިނގުރާއި ލުނބޯހުތް ކޮޅެއް އަދި ދެ ސަމުސާ މާމުއި ރަނގަޅަށް އެއްކޮށްލާފައި ހޫނުފެން ތައްޓަށް އަޅާ ގިރާލައިގެން ބޯލާށެވެ. ވަރަށް އަވަހަށް ލުއި ލިބޭނެ އެވެ.