ލައިފްސްޓައިލް

ވައްކަންކުރަން ވަން ގެއިން އެއްޗެއް ނުފެނުމުން ވަގުކަލޭގެ ކުރި ޝަކުވާ

ވައްކަން ކުރުމަކީ ވެސް އެހާ ފަސޭހަ ކަމެއް ނޫނެވެ. ވައްކަމަކީ ވަރަށް ބޮޑު ޖަރިމާ އަކަށް ވިޔަސް އެކަން ކުރާ މީހުން އެކަން ކުރަނީ އެމީހުންނަށް ވެސް ލިބިދާނެ ގެއްލުމަކަށް ނުބަލަ އެވެ. ވަރަށް މަސައްކަތުން ވައްކަންކުރާނެ ތަނެއް ހޯދާ އެތަން އެތަން މަސައްކަތަކުން ހަލާކުކޮށްލައިގެން ވަންނައިރު އެ ގޭގެ މީހުން ހޭލަފާނެ ކަމުގެ ބިރުވެސް އޮވެ އެވެ. އަޑެއް ބަޑެއް ނީއްވާ ހުރިހާ މަސައްކަތެއް ކޮށްގެން ވައްކަންކުރަން ވަދެ އެތަނަކުން ވަގަށް ނަގާ ކަހަލަ އެއްވެސް އެއްޗެއް ނުފެނިއްޖެނަމަ އެ ވަގުކަލޭގެ މާޔޫސްވާނެ މިންވަރު މި ހާދިސާއިން ހާމަވެ އެވެ.

އިންޑިއާގެ މަދްޔަޕްރަދޭޝްގެ އިންދޯރުގެ ގެއަކަށް ވައްކަންކުރަން މީހަކު ވަނެވެ. އެ މީހާ ގޭގެ ދޮރުތައް ހަލާކުކުރަން ރޭގަނޑުގެ ބޮޑު ބައެއް މަސައްކަތްކޮށް އެންމެ ފަހުން އެ ގޭގެ ދޮރެއް ހަލާކުކޮށްލައިގެން އެތެރެއަށް ވަނެވެ. ނަމަވެސް އެގެ އެފުށް މިފުށަށް ޖެހިއިރުވެސް ވަގަށް ނަގާނެ އެއްވެސް އެއްޗެއް އެމީހާއަކަށް އެގެއަކުން ނުފެނުނެވެ.

ހުސްއަތާ އެގެއިން ނުކުންނަން ޖެހުނަސް އޭނާ އެގެއަށް ވަދެފައިވާކަން އެގޭގެ ވެރިންނަށް އެނގެން ވެސް އެމީހާ ބޭނުންވި އެވެ. ވަގުކަލޭގެ ވަރަށް ރުޅިއައިސްގެން ގޭގެ ވެރިމީހާއަށް ނޯޓެއް ލިޔުނެވެ.

"ތީ ހާދަ ކަންޖޫސް (ދަހި) މީހެކޭ ދޯ. ކުޑަދޮރު ހަލާކުކޮށްލަން ކުރި މަސައްކަތުގެ އަގު ވެސް ނުލިބުނު. މުޅި ރޭ ޚަރާބުވެއްޖެ،" ވަގުކަލޭގެ ލިޔުނު ނޯޓުގައި ވެއެވެ.

ވައްކަން ކުރަން ވަގުކަލޭގެ ވަން ގެއަކީ ސަރުކާރު އޮފީހެއްގައި އިންޖިނޭރެއްގެ ވަޒީފާ އަދާކުރާ ޕަރްވޭޝް ސޯނީ ކިޔާ މީހެއްގެ ގެއެކެވެ. ޓައިމްސް އޮފް އިންޑިއާގައިވާ މި ޚަބަރުގައިވާ ގޮތުން ވަގުކަލޭގެ ވައްކަންކުރަން ވަންއިރު ސޯނީ ވެސް އަދި އިތުރު މީހަކު ވެސް އެ ގެއަކު ނެތެވެ. ވަގުކަލޭގެ ލިޔުނު ނޯޓް ފެނުނީ ސޯނީ ގެންގުޅޭ ނޯކަރު މީހާ ހެނދުނު އައިސް ގެ ސާފުކުރުމުގެ މަސައްކަތް ކުރަނިކޮށެވެ.

ވަގުތުން ފުލުހުން އައިސް ޗެކް ކުރިއިރު ގޭގައި ހުރި އަލަމާރިތަކާއި ވަތްގަނޑެއް ހުރީ ހަލާކުކޮށް އޭގައި ހުރި އެއްޗެތި އެތަން މިތަނަށް އުކާފަ އެވެ. ވަގުކަލޭގެ ނޯޓު ލިޔެފައިވަނީ ކޮފީ މޭޒުމަތީގައި ހުޅުވާފައި ބާއްވާފައި އޮތް ސޯނީގެ ޑައިރީގެ ގަނޑެއްގަ އެވެ.