ހަބަރު

ޝަހުދީގެ "މަވެށި" ވާހަކަ ފޮތް ބައި ނެރެފި

Dec 11, 2019

ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު ހުސެއިން ޝަހުދީ ލިޔުއްވާފައިވާ ކުޑަކުދިންނަށް ހާއްސަ ފަސް ވާހަކަ ފޮތް މިރޭ ނެރެ، ބުކްޝޮޕްތަކުގައި ވިއްކަން ފަށައިފި އެވެ.

މި ވާހަކަ ފޮތް ބައިގެ ޕަބްލިޝާއަކީ ވާހަކަ.ކޮމް އެވެ. މިއީ ވާހަކަ.ކޮމްއިން މިގޮތަށް ނެރެނު ދެވަނަ ވާހަކަ ބަޔެވެ.

"މަވެށި" ވާހަކަ ސީރިސްގެ ނަމުގައި ނެރުނު ޝަހުދީގެ ފަސް ވާހަކަ ފޮތަކީ "އެކުވެރި ތިން މިޔަރު"، "ބުއްދިވެރި ފިނދަނަ"، "ނަސީބުދެރަ ކޮވެލި"، "ކިބުރުވެރި ބުޅާ"، "ކޮކާލުގެ ހުވަފެން" އެވެ. މި ވާހަކަތަކަކީ ގިނަ ކުރެހުންތަކަކާއެކު ކުޑަކުދިންނަށް ކަމުދާނެ ގޮތަށް ފަރުމާކޮށްފައިވާ ފެންވަރު ވާހަކަ ފޮތްތަކެކެވެ.

މި ވާހަކަތައް ނެރެދެއްވީ މިރޭ ދިވެހިރާއްޖޭގެ އަޑުގައި ބޭއްވި ރަސްމިއްޔާތެއްގައި ތަރިކަ އާއި ބަހާ ބެހޭ މިނިސްޓަރު ޔުމްނާ މައުމޫނެވެ.


ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޔުމްނާ ވިދާޅުވީ ދިވެހި ބަހުން ހުންނަ ކުޑަކުދިންގެ ވާހަކަ ފޮތްތައް ގިނައިން ނެރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ކުޑަކުދިން ދިވެހި ބަހަށް ޝައުގުވެރި ކުރެވޭނީ އެގޮތަށް ކަމަށާއި އެއީ ވަރަށް ބޮޑަށް ހިތްވަރު ދެއްވާ ކަމެއް ކަމަށް ވިދާޅުވި އެވެ. އެހެންކަމުން ޝަހުދީ މިފަދަ ފޮތްތަކެއް ލިޔުއްވައި، ވާހަކަ.ކޮމްއިން މި ވާހަކަތައް ޕަބްލިޝްކޮށް ނެރުމުން ޝުކުރު އަދާ ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ވާހަކަތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ހަނިމާދޫއަށް އުފަން ޝަހުދީ ވިދާޅުވީ ވާހަކަތަކަކީ އޭނާގެ ދަރިންނަށް ނިދާ ވަގުތު ކިޔައިދިން ވާހަކަތަކެއް ކަމަށެވެ. އެ ވާހަކަތައް ލިޔުނީ އެ މެސެޖްތައް އެހެން ކުދިންނަށް ވެސް ފޯރުކޮށް ދިނުމުގެ މަގުސަދުގައި ކަމަށެވެ.

ވާހަކަތަކުގައި އިބްރަތްތެރި މެސެޖެއް ދިނުމުގެ އިތުރުން ކުދިންނަށް އާ ބަސްތަކާއި އާ ޖަނަވާރާއި މަސްމަހާމެހިތައް އެނގޭނެ ގޮތަށް އިސްކަންދީފައިވާނެ ކަމަށް ވެސް ޝަހުދީ ވިދާޅުވި އެވެ. އަދި، ކޮންމެ ވާހަކައަކުން ވެސް ތިމާވެއްޓަކީ ކިހާ މުހިންމު އެއްޗެއްކަން ކުދިންނަށް ބުނެދީފައިވާނެކަން ފާހަގަ ކުރެއްވި އެވެ.

ޝަހުދީ ވެސް ވަނީ ދިވެހި ބަހުން ކުޑަކުދިންގެ ވާހަކަތައް ގިނައިން ނެރެންޖެހޭކަން ފާހަގަ ކުރައްވާފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ މަސައްކަތުގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.