ލައިފްސްޓައިލް

ސްޕިނެޗް މާގިނައިން ކެއުން ރަނގަޅު ނޫނީ ކީއްވެ؟

ސްޕިނެޗް ނުވަތަ ބޯވެލިފަތަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި އެއްޗެއް ކަން އެންމެންނަށް ވެސް އެނގެ އެވެ. ޕޮޕާއި ކާޓޫނު ބަލާފައި ވަރަށް ގިނަ ކުޑަކުދިން ވެސް ސްޕިނެޗް ކެވޭތޯ މަސައްކަތް ކުރި އެވެ. ޕޮޕާއި ކަހަލަ ވަރުގަދަ މީހަކަށް ވާށެވެ.

ސްޕިނެޗްގައި ހަށިގަނޑަށް ފައިދާހުރި ވަރަށް ގިނަ މާއްދަތައް ހުންނަކަން އެއީ ދެބަސްވެވޭނެ ކަމެއް ނޫނެވެ. ނަމަވެސް މިއީ ހީކުރާހާ ހަށިގަނޑަށް ފައިދާހުރި އެއްޗެއް ނޫންކަމަށް މިހާރު ސައިންސްވެރިން ދަނީ ބުނަމުންނެވެ. އަދި މާގިނައިން އެއްފަހަރާ ސްޕިނެޗް ކެއުމުން ވަރަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެދާނެކަމަށް ވެސް ފަހުގެ ހޯދުމަކަށް ފަހު ސައިންސްވެރިން ވަނީ ބުނެފަ އެވެ.

ސްޕިނެޗް އިން ހަށިގަނޑަށް ލިބޭ ގެއްލުންތަކުގެ ތެރެއިން އެއް ކަމަކީ ކިޑްނީގައި ހިލަ އުފެދުމެވެ. ސްޕިނެޗްގައި އޮކްސަލޭޓްސް ކިޔާ ކަމްޕައުންޑެއް ވަރަށް ގިނައިން ހުރެ އެވެ. އެހެންވެ މި ފަތް ގިނައިން ކެއުމުން ކިޑްނިގައި ހިލަ އުފެދުމުގެ ނުރައްކާ އެބައޮތެވެ. ސަބަބަކީ ކިޑްނީގައި ހިލަ އުފެދެނީ ކުޑަކަމުދާ ނަޖިހުގައި އޮކްސަލޭޓްސް ގިނަ ވުމުންނެވެ.

ލޭ ދިޔާކުރާ ބޭހަކީ ލޭ ގަނޑުގަތުމުން ރައްކާތެރިވުމަށް ކާ އެއްޗެކެވެ. ސްޕިނެޗްގައި ވިޓަމިން ކޭ ވަރަށް ގިނައިން ހުރެ އެވެ. ވިޓަމިން ކޭ އަކީ ލޭ ގަނޑުގަތުމަށް އެހީތެރިވާ އެއްޗެކެވެ. އެހެންކަމުން ލޭ ދިޔާކުރާ ބޭސް ކާ މީހުން މާ ގިނައިން ސްޕިނެޗް ކެއުމުން ބޭހުގެ އަސަރު ކުޑަވާނެ އެވެ. އަދި ލޭ ގަނޑުވުމަށް މަގުފަހިވާނެ އެވެ.

ހަށިގަނޑަށް މިނަރަލްސް ލިބުމަށް ވެސް ސްޕިނެޗްގެ ސަބަބުން ހުރަސް އެޅެ އެވެ. ސަބަބަކީ ސްޕިނެޗްގައި ހުންނަ އޮކްސަލޭޓްސް އެވެ. އޮކްސަލޭޓްސް އަކީ މިނަރަލްގެ އަސަރު ކުޑަކޮށްދޭ އެއްޗެކެވެ. އަދި ކެލްސިއަމް އާއި އަޔަން އަށް ވެސް ހުރަސް އަޅަ އެވެ.

ސްޕިނެޗް ގިނައިން ކެއުމުން އާތުރައިޓިސްގެ ވައްތަރެއް ކަމަށްވާ ގައުޓް ހުންނަ މީހުންނަށް އެ މައްސަލަ އިތުރަށް ގޯސްވެ އެވެ. މިއީ ޔޫރިކް އެސިޑް ގިނަވުމުން ދިމާވާ މައްސަލަ އެކެވެ. ސްޕިނެޗްގައި ޕިއުރީންސް ކިޔާ ކެމިކަލް ކައުމްޕައުންޑެއް ހުރެ އެވެ. މީގެ ސަބަބުން ޔޫރިކް އެސިޑް ހުންނަ މިންވަރު މަތިވެ އެވެ. ގައުޓްގެ މައްސަލަ ގޯސްވެ ހުޅުހުޅުގައި ރިއްސަން މެދުވެރިވަނީ މި ސަބަބާ ހެދި އެވެ.

ސްޕިނެޗް ގިނައިން ކެއުމުގެ ލޭގެ ޕްރެޝަރު ވެސް ދަށްވެ އެވެ. މާ ގިނައިން ސްޕިނެޗް ކެއުމުން ލޭގެ ޕްރެޝަރު ދަށްވަމުން ގޮސް ފުރާނައަށް ނުރައްކާ މިންވަރަށް ވެސް ދަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން ބޯ އެނބުރުމާއި މޭ ނުބައިކުރުން އަދި މޭގަ ރިއްސުން ފަދަ މައްސަލަތައް ދިމާވެ އެވެ.