ހަބަރު

މަގުތަކުން ނަޖިސް ބޭރުވުން ހުއްޓުވިއްޖެ: އެމްޑަބްލިއުއެސްސީ

ވިއްސާރަ ދުވަސްތަކާއި ދިމާކޮށް މީގެ ކުރިން މާލޭގެ މަގުމަތިން ނަޖިސް ބޭރުވިނަމަވެސް މިހާރު އެކަން ހައްލުކޮށްފައިވާ ކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފި އެވެ.

އެމްޑަބްލިއުއެސްސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، މަގުމައްޗަށް ނަޖިސް ބޭރުވުމުގެ މައްސަލަ އަށް މިހާރު ހައްލު ލިބިފައިވާ ކަމަށެވެ. އަދި ނަޖިސް ބޭރުވުމުގެ ޝަކުވާ 90 އިންސައްތަ މަދު ކުރެވިފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ ނަޖިސް ބޭރުވުމުގެ ގިނަ މައްސަލަތަކަކީ ބައެއްގެ ފަރުވާ ކުޑަ ކަމުން ޖެހޭ މައްސަލަތައް ކަމަށެވެ. އެގޮތުން ފުރާޅުން ފެން އަންނަ ދިޔަދޮވިތައް ނަޖިސް ޖަންކްޝަންތަކާއި ގުޅާލާފައިވާކަން ވަރަށް ބޮޑަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މިގޮތަށް ދިޔަދޮވި ގުޅުމަކީ މަނާ ކަމެއް ކަމަށާއި މިގޮތަށް ދިޔަދޮވި ހޮޅި ޖަންކްޝަންތަކާއި ގުޅާފައިވާ ފަރާތްތަކުން އެ ހޮޅި މަގުމައްޗަށް ދޫކޮށްލުމަށްވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

"މިހާރު މަގުމަތިން ނަޖިސް ބޭރުވާ ކަމަށްބުނެ އަޅުގަނޑުމެންނަށް ޝަކުވާ އަންނަނީ ވަރަށް މަދުން. އަސްލު ގިނަ މީހުންނަށް ހީވަނީ އަޅުގަނޑުމެންގެ ނިޒާމުގެ މައްސަލައެއް ކަމަށް. އެކަމަކު ހަގީގަތް ބަލާއިރު ގިނަ ފަހަރަށް މިހުންނަނީ ފުރާޅުން ފެން އަންނަ ދިޔަދޮވި ހޮޅި މިއިންނަނީ ނަޖިސް ޖަންކްޝަންތަކާއި ގުޅާފަ. މިއީ އަސްލު މަނާ ކަމެއް." އާޒިމް ވިދާޅުވި އެވެ. "ކޮންމެ މީހަކަށްވެސް ޓްވިޓާގައްޔާއި އެހެނިހެން ޕްލެޓްފޯމްގަ އަޅުގަނޑުމެންނަށް ޓެގްކޮށްފަ އެއްޗިހިތަށް ޖެހިދާނެ. އެކަމަކު ހަގީގަތް ބަލާލާއިރު މިއިންނަނީ އެމީހަކު ކުށްވެރިވެފަ. އަޅުގަނޑު ހަމަ ވަރަށް އާދޭހާއެކު ބުނަން ދިޔަދޮވި ހޮޅި ނަޖިސް ހޮޅިއާއި ގުޅާފައި ހުންނަ ފަރާތްތަކުން މިހޮޅިތައް މަގުމައްޗަށް ދޫކޮށްލުމަށް. އެހެން ނޫނީ ވާރޭ ވެހޭ ދުވަސްތަކުގައި ހުރިހާ ފެނެއް މިއެޅެނީ މި ޖަންކްޝަނަށް. މީތި ފުރިގެން މި ލީކުވަނީ އަސްލު. އެހެންވީމަ މިކަމކީ ހުރިހާ ރައްޔިތުންނާއިވެސް ގުޅިފައިވާ ކަމެއްވީމަ މިކަން ހުއްޓާލުމަށް އިލްތިމާސްކުރަން." އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ނަރުދަމާ ނިޒާމަށް ޖެހޭ މައްސަލަތައް ދެނެގަތުމަށް ހާއްސަ ސާވޭ އެއް އެކުންފުނިން ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި މި ސާވޭގައި 3000 އެއްހާ ގޭބިސީތައް ބަލާފައިވާއިރު، އޭގެ ތެރެއިން 203 ގެއެއްގެ ދިޔަދޮވި ނަރުދަމާ ނިޒާމާއި ގުޅާލާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވޭސްޓް ވޯޓާ އެންޑް ނެޓްވޯކް މެނޭޖާ މުހައްމަދު ފައިސަލް ވިދާޅުވީ ނަރުދަމާ ނިޒާމުގެ މައްސަލަތައް ދެނެގަތުމަށް ހެދި ސާވޭގައި ކޮމާޝަލް ބަދިގެތަކުގައި ގާއިމްކޮށްފައި ހުރި އޮއިލް ޓްރެޕް ރަނގަޅަށް ހުރިތޯ ފާސްކުރެވުނު ކަމަށެވެ. މި ގޮތުން 165 ތަނެއްގައި އޮއިލް ޓްރެޕް ގާއިމް ކޮށްފައިހުރިކަން ފާހަގަކުރެވުނު ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އޮއިލް ޓްރެޕް ގާއިމްނުކޮށް ހުރުމުން ތެޔޮތަށް ނަރުދަމާ ނިޒާމަށް ދޫކޮށްލުމުން ބްލޮކްވެ ސާފް ކުރަން އުދަނގޫވާ ކަމަށެވެ.

އެގޮތުން މިފަދަ ކަންކަން ގިނައިން ފާހަގަކުރެވިފައިވަނީ ހޮޓާ ރެސްޓޯރަންޓް ފަދަ ތަންތަނުންނާއި ގަރާޖު ތަކުން ކަމަށެވެ.

"އަޅުގަނޑުމެން މި ސާވޭ ކުރިއަށް ގެންދިޔަ އިރު ވަރަށް ބޮޑަށް ފާހަގަވި އޮއިލް ޓްރެޕް އާއި ދިޔަދޮވި ނަރުދަމާ ނިޒާމަށް ގުޅުވުމަކީ ގާނޫނީ ގޮތުން މަނާ ކަމެއްކަން ނޭނގޭ އެތަށް ބަޔަކު އެބަތިބިކަން. އަދި އޮއިލް ޓްރެޕް ހަރުކުރުމުން ވާނެ ފައިދާ އަކީ ކޮބައިކަންވެސް ނޭނގޭ މީހުން އެބަތިބި. އެހެންވެ އަޅުގަނޑުމެން މިކަމަށް އާންމުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް އެބަގެންދަން." އޭނާ ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ފާއިތުވި ތިނެއް ނުވަތަ ހަތަރު އަހަރު ތެރޭގައި ނަރުދަމާ ނިޒާމް ގަވާއިދުން ސާފް ކޮށްފައިނުވާ ކަމަށާއި އެހެން ނަމަވެސް މިހާރު އެކަންތައްވެސް ގަވާއިދުން ކުރަމުންދާ ކަމަށެވެ.

މި ސަރުކާރުން އަމާޒު ހިފާފައިވަނީ މަގުމަތީގައި ބަހައްޓާފައިވާ ޕަންޕް ސްޓޭޝަންތައް ބޮޑުކޮށް ބަރާބަރަށް އެ ސްޓޭޝަންތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތް ގަވާއިދުން ބަލަން ކަމަށް އެކުންފުނީގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު އަހްމަދު އިރުޝާދު ވިދާޅުވި އެވެ. އަދި އިތުރު ފަސް ޕަންޕް ސްޓޭޝަނެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

އިރުޝާދު ވިދާޅުވީ އެކުންފުނީގެ މަސައްކަތްތަށް ވީހާވެސް އަވަހަށް ފަސޭހައިން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި، ހަނި ގޯޅިތަކަށް ފަސޭހައިން ވަދެވޭނެފަދަ ވެހިކަލްތަކެއް މިހާރު އެކުންފުނިން ގެނެސްފައިވާ ކަމަށާއި މި ވެހިކަލްތައް ވަރަށް އަވަހަށް އޮޕަރޭޓް ކުރާނެ ކަމަށެވެ.