ހަބަރު

ޗައިނާއާއެކު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުން އޮތީ "މަރުވެފައި": ނަޝީދު

ޗައިނާއާއެކު ރާއްޖޭން ގާއިމުކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން މިހާރު އޮތީ "މަރުވެފައި" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަވައްޓެރި އިންޑިއާއަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ނޫހެއް ކަމުގައިވާ "ވިއޯން" އަށް ދެއްވި އިންޓަވިއުއެއްގައި ޗައިނާގެ އެއްބަސްވުމާ ގުޅޭ ގޮތުން ކުރި ސުވާލެއްގެ ޖަވާބަށް ނަޝީދު ވިދާޅުވީ އެއީ ކުރިއަށްދާ އެއްބަސްވުމެއް ނޫން ކަމަށެވެ. އަދި އޭގެ އެއްވެސް ކަމެއް ތަންފީޒު ކުރެވިގެން ވެސް ނުދާ ކަމަށެވެ.

"ޗައިނާއާއެކު ވެފައިވާ އެފްޓީއޭ އޮތީ މަރުވެފައި. އެ އެއްބަސްވުމެއް ކުރިއަކަށް ނުދޭ. އެ އެއްބަސްވުން ތަންފީޒު ކުރެވޭނީ ވެސް މަޖިލީހުން. އަޅުގަނޑަކަށް ނުފެނޭ މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންނެއް އެ އެއްބަސްވުމައިގެން ކުރިއަށް ދާން ތާއީދު ކުރައްވާ ތަނެއް،" ނަޝީދު ވިދާޅުވި އެވެ.

ޗައިނާއާއެކު ކުރިއަށް ގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން އެމަނިކުފާނު ވިދާޅުވީ އެ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށާއި އެފަދަ އިމާރާތް ކުރުމުގެ ކަންކަމުގެ މަސައްކަތް ކުރިއަށް ދަނިކޮށް މެދުތެރެއިން ހުއްޓާ ނުލެވޭނެ ކަމަށެވެ.

އެހެން ނަމަވެސް އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ އެއްބަސްވުންތައް ވެސް އޮތީ ރާއްޖެއަށް ގެއްލުންވާ ގޮތަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. މީގެ ކުރިން ވެސް އެ މަޝްރޫއުތަކަކީ އޭގެ އަސްލު އަގަށްވުރެ ދެގުނަ ބޮޑުކޮށް ހަވާލުކޮށްފައިވާ މަޝްރޫއުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވާ ވާހަކަތައް ތަކުރާރު ކުރެއްވި އެވެ.

"އެންމެ ފަހު ވަގުތު އެ ހުރިހާ ދަރަންޏެއް ޒިންމާ ނަގަން ޖެހޭނީ ހަމަ އަޅުގަނޑުމެން، އެކަމަކު ވެސް އަޅުގަނޑު ދެކޭ ގޮތުގައި އެ ދަރަނިތައް ޗައިނާގެ ސަރުކާރުން މުތާލިއާ ކުރަން ޖެހޭނެ، އަދި އަޅުގަނޑު އުއްމީދު ކުރަނީ ޗައިނާ ސަރުކާރުން އެ ދަރަނި މުތާލިއާ ކޮށްދޭނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ނަޝީދު ވަނީ ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން އުވާލާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އެ ފަހަރު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ނަޝީދުގެ ވާހަކަ ދޮގު ކުރައްވައި އެ އެއްބަސްވުން އުވާލަން ސަރުކާރުން މިހާތަނަށް ނިންމާފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އުވާލާނަމަ އެ ކަން ކުރާނީ ދިރާސާ ކުރުމަށް ފަހުގައި މިނިސްޓަރު ޝާހިދު އޭރު ވިދާޅުވެފައިވެ އެވެ.

ކުރީ ސަރުކާރުން ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމް ކުރުމަށް ގިނަ މަޝްވަރާތަކަށް ފަހު އެއްބަސްވުމެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ވަރަށް އަވަސް އަރުވާލައިގެން ފާސް ކުރި އެވެ. އޭރު އިދިކޮޅު ފަރާތްތަކުން ވަނީ ކޮމިޓީން އެ އެއްބަސްވުން އެކަށީގެންވާ މިންވަރަށް ދިރާސާ ނުކުރާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެހެން ނަމަވެސް 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މަޖިލީހުން ކުއްލި ޖަލްސާއެއް ބާއްވާ ވަނީ އެ އެއްބަސްވުމަށް ރުހުން ދީފަ އެވެ.

އޭގެ ފަހުން 2017 ވަަނަ އަހަރުގެ ޑިސެމްބަރު މަސް ތެރޭގައި ރާއްޖޭގެ އިސްވެރިންގެ ވަފުދެ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ވަނީ ރަސްމީކޮށް ސޮއިކޮށްފަ އެވެ. ބެއިޖިންގެ ގްރޭޓް ހޯލް އޮފް ޕީޕަލްގައި ބޭއްވި ހަފްލާގައި ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. އަދި ޗައިނާގެ ފަރާތުން ސޮއި ކުރެއްވީ، ޗައިނާގެ ކޮމާސް އެންޑް އިންޑަސްޓްރީޒް މިނިސްޓަރު ޒޮންގް ޝާން އެވެ.