ވިޔަފާރި

މޯލްޑިވްސް ބިޒްނަސް އެވޯޑު ހަފުލާ 21 ވަނަ ދުވަހު، ކްރޮސްރޯޑުގައި

Dec 14, 2019

މޯލްޑިވްސް ބިޒްނަސް އެވޯޑް ދިނުމަށް ބާއްވާ ކުލަގަދަ ހަފުލާ، މި މަހުގެ 21 ވަނަ ދުވަހު ކްރޮސްރޯޑްސް މޯލްޑިވްސްގައި ބާއްވަން ނިންމައިފި އެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑު (އެމްބީއެސް) އިންތިޒާމު ކުރާ، ބްލޭޒަން އިންކް އިން ބުނި ގޮތުގައި ކ. އެނބޫދޫފަޅުގައި ހަދާފައިވާ ރިސޯޓުގެ އިވެންޓް ސްޕޭސްގައި އޮންނަ މި ހާއްސަ އިވެންޓުގައި 200 މީހުން ބައިވެރިވާނެ ކަމަށެވެ. އޭގެތެރޭގައި ސަރުކާރުގެ އިސް ވެރިންނާއި ވިޔަފާރީގެ ދާއިރާގައި ރާއްޖޭގައި މަޝްހޫރު ބޭފުޅުން ހިމެނެއެވެ.

މި ހަފުލާގައި ބިޒްނަސް އެވޯޑުގެ ހާއްސަ ވަނަތައް ދޭނެ އެވެ. މިގޮތުން މި އަހަރު ވެސް 29 ކެޓަގަރީއަކުން އެވޯޑު ދޭނެ އެވެ.

މި އަހަރަކީ މޯލްޑިވްސް ބިޒްނަސް އެވޯޑު ދޭ ދެވަނަ އަހަރެވެ. މި އަހަރުގެ ބިޒްނަސް އެވޯޑުގެ ޓައިޓަލް ސްޕޮންސަރަކީ އެސްޓީއޯ އެވެ.

މި އެވޯޑު ދޭނެ ފަރާތްތައް ހޮވާފައިވަނީ އެކަމަށް ހާއްސަ ޕެނަލް އަކުންނެވެ. މި ޕެނަލްގައި ރާއްޖޭގައި މި ދާއިރާގެ މަޝްހޫރު ފަރާތްތައް ހިމެނެ އެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑަކީ ރާއްޖޭގެ އިގްތިސޯދުގެ އެކި ދާއިރާތަކަށް ހާއްސަ ކޮށްގެން ދޭ އެވޯޑެކެވެ. މި އެވޯޑުގެ ދެނީ ވިޔަފާރިތައް ތަރައްގީ ކުރަން ހިތްވަރު ދިނުމަށާއި އަގު ވަޒަން ކުރުމަށެވެ.

މި އެވޯޑުގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ އަވަސް އޮންލައިން އެވެ.