ހަބަރު

ވަގު ޕާސްޕޯޓެއްގައި އެތެރެވާން އުޅުނު މީހަކު ހިފަހައްޓައިފި

ނަކަލު ކޮށްފައިވާ ވަގު ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެއަށް އެތެރެވާން އުޅުނު މީހަކު ހިފަހައްޓައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ ނަކަލު ކޮށްފައިވާ ޕާސްޕޯޓެއް ބޭނުން ކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް އެތެރެވާން މަސައްކަތް ކޮށްފައި ވަނީ 31 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް އަދި އިތުރު ތަފްސީލެއް ވެސް އިމިގްރޭޝަނުން ހާމައެއް ނުކުރެ އެވެ. ނަމަވެސް އެ މީހާގެ ލޮލާއި އަނގަމަތި ނުފެންނަ ގޮތަށް ފޮޓޯއެއް ވަނީ ޓުވީޓުކޮށްފަ އެވެ.

ޝަހްސު އޮޅުވާލައިގެން ވަގު ޕާސްޕޯޓުތަކުގައި ރާއްޖެއަށް އެތެރެވާން އުޅޭ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ މަހު އެކަކު ހުއްޓުވާފައިވާ އިރު މި އަހަރު އޮކްޓޯބަރު މަހު ވަނީ ތިން މީހަކު ހުއްޓުވައިފަ އެވެ. އަދި ސެޕްޓެމްބަރުގައި އެ ގޮތަށް އެތެރެވާން އުޅުނު 11 މީހަކު ހުއްޓުވާފައިވެ އެވެ.

މި ކަން ހުއްޓުވުމުގެ ގޮތުން ރާއްޖޭގެ ބޯޑަރު ނިޒާމް ވަރުގަދަ ކުރުމުގެ އިތުރުން ހިއުމަން ޓްރެފިކިން އާއި ދެކޮޅަށް ސަރުކާރާއި އިމިގްރޭޝަން އާއި ކަމާ ބެހޭ އެހެން އިދާރާތަކުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.