ދިވެހި ސިނަމާ

އިއްލެ ދެން ގެންނާނީ "ނީނާ"

ޓީވީ ޕްރޮޑިއުސަރު އިލްޔާސް ވަހީދު (އިއްލެ) ގެ އައު ފީޗާ ފިލްމް އިއުލާނުކޮށްފި އެވެ. އިއްލެ ދެން ސިނަމާއަށް ގެންނާނީ "ނީނާ" ގެ ނަމުގައި އުފައްދާ ފިލްމެކެވެ.

"ބަވަތި" ގެ ނަމުގައި ގެނެސްދިން ފީޗާ ފިލްމާއެކު ގިނަ ބައެއްގެ ލޯ އަމާޒުވި އިއްޔެގެ ދެވަނަ ފީޗާގެ ނަން އިއުލާނުކޮށް، ފިލްމުގައި ހިމެނޭ ކާސްޓުން މިރޭ ވަނީ ހާމަކޮށްފައެވެ.

ދިވެހި ފިލްމީ އިންޑަސްޓްރީއަށް މިއަހަރު އަލަށް ނުކުތް "އައި ފިލްމްސް" ގެ "ނީނާ" ގައިވެސް ފެނިގެންދާނީ "ބަވަތި" ގައި މޮޅު ރޯލެއް ކުޅެދިން ކުޅަދާނަ ޒުވާން ފިލްމީ ތަރި ނުޒުހަތު ޝުއައިބެވެ. ދެން ފެނިގެންދާނީ ޖުމައްޔިލް ނިމާލާއި، މަރިޔަމް ޝަކީލާ އާދަމް (ޝަކިއްތަ) އެވެ. މި ފިލްމަށް މުޅިން އަލަށް ދެ ތަރިން ތައާރަފް ކުރާނެއެވެ. މީގެ އިތުރުން "ބަވަތި"ން ފެނިގެންދިޔަ ބައެއް ތަރިންވެސް ފެނިގެންދާނެ އެވެ.

މި ފިލްމުގައި ނުޒޫ ފެނިގެންދާނީ ވަރަށް ތަފާތުކޮށްކަން ވަނީ ޔަގީން ކުރެވިފައެވެ. މިހާރުވެސް ފިލްމަށް ތައްޔާރުވުމުގެ މަސައްކަތް ނުޒޫ ވަނީ ފަށާފައެވެ. އެގޮތުން މާޝަލް އާޓްސް ދަސްކުރުމުގެ މަސައްކަތް ކުރަނިކޮށް ނުޒޫ ނަގާފައިވާ ބައެއް ފޮޓޯތައް އައި ފިލްމްސްއިން ވަނީ އާންމުކޮށްފައެވެ.

"ނީނާ" ލިޔެފައިވަނީވެސް އިއްލެ އެވެ. މިފަހަރުވެސް ފިލްމުގެ ޕްރޮޑިއުސަރުންނަކީ އާސިމް އަލީ އަދި އަހުމަދު ވަހީދެވެ.

އިއްލެގެ ފުރަތަމަ ފީޗާ ފިލްމް "ބަވަތި" ރިލީޒްކޮށްފައިވަނީ ސެޕްޓެންބަރު މަހުގެ ދެވަނަ ދުވަހު އެވެ. އެއީ ވިހި އަހަރު ދުވަހު އިއްލެ ކުރި އުންމީދު ހާސިލްކޮށްދިން ފަހުރުވެރި މަަސައްކަތެވެ.

"ބަވަތި" ވެގެންގޮސްފައިވަނީ މިއަހަރު ސްކްރީނަށް އައި އެންމެ މޮޅު އެއް ފިލްމަށެވެ. ދިވެހި ފިލްމަށް ލޯބިކުރާ ގިނަ ބައެއްގެ ނަޒަރުގައި "ބަވަތި" އެއީ މިފަހުން އޮލިންޕަހުގައި ދެއްކި އެންމެ މޮޅު ފިލްމެވެ. ފިލްމުގެ ވާހަކަ ގެނެސްދީފައިވާ ގޮތާއި، ތަރިންގެ އެކްޓިން އަދި ވީޑިއޯ މަސައްކަތާއި، އެޑިޓިން އަދި ފިލްމުގައި ބޭނުންކޮށްފައިވާ ސްޕެޝަލް އިފެކްޓްތަކަށް ގިނަ ބަޔަކު ވަރަށް ބޮޑަށް ތައުރީފު ކުރިއެވެ.