ޑރ. މުހައްމަދު ޖަމީލް އަހުމަދު

އިންތިޚާބަށް ކައުންސިލްތައް ގުނބޯ ހައްދަނީ: ޖަމީލް

މި ސަރުކާރުން އަމާޒު ހިފާފައިވަނީ އިސްލާހުގެ ނަމުގައި ޖުޑިޝަރީ ފުނޑާލިގޮތަށް ލާމަރުކަޒީ ނިޒާމް ގަޑުބަޑުކުރުމަށް ކަމަށް ވިދާޅުވެ ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ހުރިހާ ކައުންސިލުތަކުގެ ކައުންސިލަރުންނާއެކު އިއްޔެ ކްރޮސްރޯޑް މޯލްޑިވްސްގައި "ވިއަވަތި ރާއްޖެ" މި ނަމުގައި މަޝްވަރާ ބައްދަލުވުންތަކެއް ސަރުކާރުން ވަނީ ފަށާފަ އެވެ. އެ ބައްދަލުވުން ފެށުމުގެ ގޮތުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ރައީސް ވަނީ ތަސްދީގު ކުރައްވާފަ އެވެ. އެ ބަދަލުތަކާއެކު ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ސަރުކާރަށް ފާޑުވިދާޅުވެ ޖަމީލް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް ކައުންސިލްތައް ބާރުވެރިކުރުވުމަކީ އެމްޑީޕީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވުމުން ސަރުކާރާއި އެމްޑީޕީން ކުރަމުންދާ މަސައްކަތަކީ ކައުންސިލްތައް ގުނބޯ ހެއްދުމުގެ މަސައްކަތް ކަމަށް ޖަމީލް ވިދާޅުވި އެވެ.

"އަމާޒް ހިފީ، އިސްލާހްގެ ނަމުގައި ޖުޑިޝަރީހެން ލާމަރުކަޒީ ނިޒާމް ގަޑުބަޑުކުރަން. މަޖިލީހަށް ކައުންސިލަރުން ވަކިކުރެވޭ ގޮތް ހަދަން އުޅުނީ ނޭނގިއެއް ނޫން. ބާރުވެރިކުރުމަކީ ތަރައްގީކުރުން. އެކަން އިސްރާފު ބޮޑު އެމްޑީޕީ ސަރުކާރަށް ނުވާނެ. އިންތިޚާބަށް ކައުންސިލްތައް ގުނބޯ ހައްދަނީ،" ޖަމީލް ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.

ރައީސްގެ ވައުދުފުޅާ އެއް ގޮތަށް ކައުންސިލްތައް މާލީ ގޮތުން އިތުރަށް ބާރުވެރި ކުރުމުގެ ގޮތުން ސަރުކާރުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ފަރުމާކޮށް މަޖިލީހަށް ހުށަހެޅި އެވެ. މަޖިލީހުން އެ ބިލު ދިރާސާ ކުރުމަށްފަހު ފާސްކުރީ މި މަހުގެ ފަސްވަނަ ދުވަހުގަ އެވެ.

ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމުގެ ގޮތުން ގާނޫނަށް ގެނައި ބަދަލުގެ ތެރޭގައި ދައުލަތުގެ ބަޖެޓްގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ދިނުމަށް ވަނީ ހަމަޖައްސައިފަ އެވެ. މަޖިލީހުން ފާސް ކުރި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި ވެސް ވަނީ އެ ބަދަލާ އެއް ގޮތަށް ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ހިމަނައިފަ އެވެ.

ދައުލަތުގެ ބަޖެޓްގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ދިނުމުގެ އިތުރުން ރަށްރަށާއި ފަޅުތަކުގެ ކުލިން ލިބޭ އާމްދަނީގެ 40 ޕަސެންޓް ވެސް ކައުންސިލްތަކަށް ލިބޭ ގޮތަށް ގާނޫނަށް ވަނީ ބަދަލު ގެނެސްފަ އެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ބިންތަކުގެ ކުލީގެ ސައްތައިން ސައްތަ އެ ރަށެއްގެ ކައުންސިލަކަށް ލިބޭ ގޮތަށް ވެސް ގާނޫނުގައި ވަނީ ހިމަނައިފަ އެވެ.

މީގެ އިތުރުން ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް (ޕީއެސްއައިޕީ) ޕްރޮގްރާމްގެ އުމްރާނީ މަޝްރޫއުތަކުގެ ތެރެއިން ފަސް މިލިއަން ރުފިޔާއަށްވުރެ ވުރެ ކުޑަ އަގުތަކުގެ މަޝްރޫއުތައް ހިންގުމުގައި ބަޖެޓާއި ޕްލޭންތައް ވެސް ކައުންސިލްތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ގޮތަށް ވެސް ގާނޫނު އިސްލާހު ކޮށްފައިވެ އެވެ.

ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި ވެސް ވަނީ އަންހެނުންނަށް ހާއްސަ ކުރާ ގޮތަށް ވެސް ލާމަރުކަޒީ ގާނޫނު ވަނީ ބަދަލު ކޮށްފަ އެވެ. އަންނަ އަހަރު އޭޕްރީލް މަހު ބާއްވާ ކައުންސިލްތަކުގެ އިންތިހާބުގައި އެ އިސްލާހާ އެއް ގޮތަށް ބައެއް ގޮނޑިތައް އަންހެނުން ހާއްސަ ކުރަން މިހާރު ވަނީ ނިންމައިފަ އެވެ.