ހަބަރު

ރާއްޖެ އިޝްތިހާރު ކުރަން "ޓްރިޕް އެޑްވައިޒާ" އާއެކު ކެމްޕެއިނެއް

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރްސީ) އިން ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަރާފައިވާ ވެބްސައިޓް، "ޓްރިޕް އެޑްވައިޒާ" އާއެކު ކެމްޕެއިނެއް ފަށައިފި އެވެ.

އެމްއެމްޕީއާރްސީ އިން ބުނީ މި ކެމްޕެއިން ޓާގެޓް ކުރެވިފައިވަނީ އިނގިރޭސިވިލާތް، ސައުދީ އަރަބިއްޔާ، ރަޝިއާ، އިންޑިއާ، އިޓަލީ އަދި ޗައިނާގެ މާކެޓަށް ކަމަށެވެ.

މިކެންޕެއިންގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުމަށްޓަކައި ޓްރިޕް އެޑްވައިޒާ ވެބްސައިޓްގައި އިޝްތިހާރު ކުރާނެ ކަމަށް އެމްއެމްޕީއާރްސީ އިން ބުންޏެވެ.

ހަ މާކެޓަކަށް އަމާޒުކޮށްގެން ކުރިއަށްދާ މި ކެންޕެއިނުން ރާއްޖޭގެ ގުދުރަތީ ރީތިކަން އަދި ރާއްޖޭގައި ކުރެވޭނެ ތަފާތު ކަންތައްތައް ފަތުރުވެރިނަށް ދައްކުވައިދޭނެ ކަމަށާއި އަދި ރާއްޖެއަކީ ފަތުރުވެރިން އެންމެ ޗުއްޓީހޭދަކޮށްލަން ބޭނުންވާ އެއް މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރާނެ ކަމަށްވެސް ބުންޏެވެ.

ޓްރިޕް އެޑްވައިޒާއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް "ސޯޝަލް ޓްރެވަލް" ވެބްސައިޓެވެ. ތިން ސަތޭކަ މިލިޔަން ވިޔުވާސް އަދި ތަފާތު ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކުގެ ރިވިޔުސް ހިމެނޭ ވެބްސައިޓެކެވެ. މި ވެބްސައިޓްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ހޮޓާ ތަކާއި، ރިސޯޓް އަދި ރެސްޓޯރަންޓްސްގެ ރިވިޔު ވެސް ހިމެނެ އެވެ. އަދި މި ވެބްސައިޓް މެދުވެރިކޮށް ބުކިންސް ހެދުމުގެ ފުރުސަތުވެސް ލިބިގެންދެ އެވެ. ޓްރިޕް އެޑްވައިޒާއަކީ ދުނިޔޭގެ އޮންލައިން މާކެޓަށް އަންނަ ބަދަލުތަކާއި އެކު އެންމެފަހުގެ ޓްރެންޑްސް ތައް ހިމަނައިގެން ހިންގާ ޕްލެޓްފޯމެކެވެ.

އެހެން ކަމުން މި ކެމްޕެއިނުގެ ޒަރިއްޔާއިން ރާއްޖޭގެ ފަތުރުވެރި ކަމަށް ވަރަށްބޮޑު ފައިދާ ތަކެއް ކުރާނެ ކަމަށް އެމްއެމްޕީއާރްސީ އިން ބުނެ އެވެ. އެކުންފުނިން މިއަހަރު 17 ޖޮއިންޓް ކެންޕެއިނެއް ކުރިއަށް ގެންގޮސްފައިވާއިރު، 23 މާކެޓަކަށް އަމާޒުކޮށްގެން ފެއާތަކާއި ރޯޑް ޝޯ އަދި ގްލޯބަލް ކެމްޕެއިންގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރު ކުރުމަށްޓަކައި، ޒަމާނާ އެއްގޮތަށް ޑިޖިޓަލް ޕްލެޓްފޯމް ތަކުގައިވެސް އިޝްތިހާރުކޮށް މިހާރު ވެސް ދަނީ އެމަސައްކަތް ކުރަމުންނެވެ.

ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ނިސްބަތް ވަނީ އޮކްޓޯބަރު މަހުގެ ނިޔަލަށް 14.5 ޕަސަންޓް އިތުރުވެފައިވާއިރު، 1.5 މިލިއަން ވަނަ ފަތުރުވެރިޔާ ވަނީ މިދިޔަ މަހުގައި ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.