ހަބަރު

ފިހާރައެއް ފަޅާލައިގެން ވަގަށް ނެގި ފޯނުތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށީގަައި ހުންނަ މޯބައިލް ވިއްކާ ފިފާހަރެއް ފަޅާލައިގެން ވަގަށް ނަގާފައިވާ ފޯނުތައް ފުލުހުން ހޯދައި ވައްކަން ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ ބުނި ގޮތުގައި ކުޅުދުއްފުށީގައި އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓެއް އެ މުއައްސަސާއެއް ހުށަހެޅިފައި ވަނީ ރޭ ފަތިހު 5:45 ގަ އެވެ. އެ ވައްކަމުގެ މައްސަލައާ ގުޅިގެން ސީސީޓީވީ ފުޓޭޖް ބަލައިގެން ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ދެނެގަނެ ކޯޓު އަމުރެއްގެ ދަށުން އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ވަގަށް ނަގާފައިވާ ފޯނުތައް ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ. ފުލުހުން ބުނި ގޮތުގައި އެއިން އެއް ފޯނު ހޯދާފައި ވަނީ އެ ރަށުގައި ދިިރިއުޅޭ ބިދޭސީއަކަށް ވިއްކާލާފައި ވަނިކޮށެވެ. އެކަމަކު ވަގަށް ނެގި ފޯނުތަކުގެ އަދަދެއް ފުލުހުން ނުބުނެ އެވެ.

ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.